ގެއެއްގެ ހަތްވަނަ ބުރިން ވެއްޓުނު މީހަކަށް އޭޑީކޭގައި ފަރުވާދެނީ
ހެންވޭރު ގެއެއްގެ ހަތް ވަނަ ފަންގި ފިލާގެ ވައިގޮޅިން ވެއްޓުނު މީހަކަށް އޭޑީކޭގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ބުނީ، ގެއެއްގެ ވައިގޮޅިން މީހަކު ވެއްޓީފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު 14:30 ހާއިރު ކަމަށެވެ. ވައިގޮޅިން ވެއްޓުނީ ބަންގްލަދޭޝް ރައްޔިތެއް ކަމަށާއި އޭނާއަށް މިހާރު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ.
ފުލުހުން މައުލޫމާތުދޭ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އެ އިމާރާތުގައި ކުރަމުންދިޔަ މަސައްކަތެއްގައި ބޭނުންކުރި "ބޮސުންސް ޗެއާ" ގެ ވާގަނޑެއް ކަނަޑައިގެން ދިއުމުގެ ސަބަބުން ކަމަށް ފުލުހުްނ ބުނެއެވެ. އަދި އެމީހާ ވެއްޓިފައިވަނީ އެ އިމާރާތުގެ ފުރަތަމަ ފަންގި ފިލާގައި އަޅާފައިވާ ޝީޓާއި ހަމައަށް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މިހާދިސާއާއި ގުޅިގެން ބަލަން ޖެހޭ ކަންކަން، މިކަމާއި ގުޅުން ހުރި އިދާރާތަކާއި ގުޅިގެން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.
އިމާރާތް ކުރުމުގެ މަސައްކަތްތައް ކުރަމުންދާއިރު ފަރުވާކުޑަ އަމަލުތައް ހިންގަމުންދާތީ މާލޭ ސިޓީ ކައުންސިލާއި ހައުސިން މިނިސްޓްރީ ގުޅިގެން މިދިޔަ އަހަރު ވަނީ އިމާރާތްކުރުމުގެ މަސައްކަތް ކުރާ ތަންތަން ބަލައި ފާސްކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް