ރައީސް ނަޝީދާއި މިނިސްޓަރ ޒަހާ ކަޅުބިލަމަހުގެ އަގު ވިދާޅުވީ ތަފާތުކޮށް
ރާއްޖޭގައި މިވަގުތު ކަޅުބިލަމަސް ކިލޯއެއްގެ އަގާ ގުޅޭގޮތުން ފިޝަރީޒު މިނިސްޓަރު ޒަހާ ވަހީދު ޖެއްސެވި ހިސާބާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖެއްސެވި ހިސާބު ދިމަލެއް ނުވިއެވެ.
މިދުވަސްވަރު އުތުރުގެ މަސްވެރިކަން ތިޔާގިވި ނަމަވެސް، މަސްވެރިން ބާނާ މަހަށް އެކަށީގެންވާ ރަގަޅު އަގެއް ލިބެމުން ނުދާތީ މަސްވެރިންގެ ފަރާތުން ޝަކުވާކުރާކަން ފާހަގަކުރައްވައި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމު ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކައަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޒަހާ ވިދާޅުވީ، މިވަގުތު ކަޅުބިލަ މަސް ކިލޯއެއްގެ އަގުހުރީ 50 ރުފިޔާގައި ކަމަށެވެ.
ޒަހާ ވިދާޅުވީ، މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުލިބެނީ ބޭރުގެ ބާޒާރުގައި މަހުގެ އަގު ރަގަޅު ފެންވަރެއްގައި ހިފެހެއްޓިފައިވާ ދުވަސްވަރެއްގައިވެސް މަސްވެރިންނަށް އެކަމުގެ ފައިދާ ފޯރުކޮށްދެވިފައި ނުވާތީ ކަމަށެވެ.
މިނިސްޓަރު ޒަހާ ވިދާޅުވީ، މިވަގުތު ބެންކޮކް ބާޒާރުގައި ކަޅުބިލަމަސް ޓަނެއްގެ އަގުހުރީ 1400 ޑޮލަރަށް ކަމަށެވެ. އެއީ ދިވެހި ރުފިޔާގެ 21588 ރުފިޔާ ކަމަށް ވިދާޅުވިއެވެ.
ފިނިކުރި ކަޅުބިލަމަހުގެ ޓަނެއް ރާއްޖެއިން ގަންނަން ލިބެނީ 20000 ރުފިޔާއަށް ކަމަށާއި އެހެންކަމުން ރާއްޖެއަށް ފިނިކުރި ކަޅުބިލަމަސް އެކްޕޯޓުކުރާނަމަ މަސް ގަންނަން ކުންފުނިތައް އޮޕަރޭޓް ކުރަމުންދާނީ ވަރަށް ކުޑަ ފައިދާއެއްގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެއާއި ހިލާފަށް ދަޅުގައި މަސް ބަންދުކޮށްގެން ޓަނެއް ބޭރުކޮށްފިނަމަ ދަޅުމަހުގެ އަގު މިވަގުތުހުރި މިންވަރަށް ބަލާއިރު ކަޅުބިލަމަހުގެ ޓަނަކަށް ލިބޭ އާމްދަނީ 5000 ޑޮލަރަށްވުރެ ބޮޑު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި އަތުނަނުގައި ބާނާ ބޮޑުކަންނެލި މައިގަނޑު ގޮތެއްގައި އެކްސްޕޯޓްކުރަނީ ޔޫރަޕަށް ކަމަށާއި ޔޫރަޕުގައި ކަންނެލި ކިލޯއަކަށް 150 ރުފިޔާ ލިބޭ ކަމަށް ޒަހާ ވިދާޅުވިއެވެ.
''ދިވެހި ރާއްޖޭގައި މަސް ގަންނަ އަގުތައް މިއަދު ހުރީ ލިކޯއެއް 50 ފުރިޔާއަށް. މިއިން ކޮލޯއެއް ކޮންވޯޝަން ރޭޓަށް ބަލާއިރު ކިލޯއަކުން ގާތްގަނޑަކަށް 100 ރުފިޔާ. މަސް ގަންނަ އަގު ރަގަޅުކުރުމަށް މިސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މަސްގަންނަ ވިޔަފާރީގައި ވާދަވެރިކަން އުފެއްދުން. ކަޅުބިލަ މަސް ގަތުމުގެ ވިޔަފާރިއަކީ މިވަގުތު އެކްސްކްލޫސިވިޓީ އޮތް ވިޔަފާރިއެއް. އެވިޔަފާރި ހުޅުވައިލުމަކީ އަޅުގަނޑުމެންގެ ސިޔާސަތެއް.'' މިނިސްޓަރު ޒަހާ ވިދާޅުވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅާއި ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވިދާޅުވީ މިވަގުތު ކަޅުބިލަހުގެ ކިލޯއެއްގެ އަގު އުޅެނީ 60 ރުފިޔާއަށް ކަމަށެވެ. އަދި އެމަނިކުފާނު މަޖިލީހަށް މިއަދު ވަޑައިގެންނެވި އިރު މަސްވެރިއަކާއި ބައްދަލުވެވަޑައިގެންނެވި ކަމަށް ނަޝީދު ވިދާޅުވިއެވެ.
ފޮޓޯ: ސަން
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް