މާލެއިން ރަށްރަށުގެ މީހުންނަށް ފުލެޓްދިން ގޮތަށް، މާލޭ މީހުންނަށް ރަށްރަށުން ފުލެޓް ދޭންޖެހޭ: ނަޝީދު
ހުޅުމާލޭގައި އިމާރާތްކުރި 7000 ފުލެޓް ދީފައި ހުރީ ރަށްރަށުގެ މީހުންނަށް ކަމަށާއި ރަށްރަށުންވެސް މާލޭ މީހުންނަށް ފުލެޓް ދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މާލޭގައި ކުއްޔަށް އުޅޭ މީހުންނަށް ކުލީގެ 70 ޕަސެންޓް ދިނުމަށް، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ގަރާރާއި ގުޅިގެން ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ހުޅުމާލޭގައި އިމާރާތްކުރި 7000 ފުލެޓް ދީފައިވަނީ ރަށްރަށުގެ މީހުންނަށް ކަމަށެވެ.
ހަމައެގޮތަށް ރަށްރަށުންވެސް މާލޭ މީހުންނަށް ފުލެޓް ދިނުމުން އެމީހުން އެރަށްރަށުގައި ވަޒަންވެރިވާން ދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ، އެކަމަށް ރުހޭ ނަމަ، މާލޭގެ ރައްޔިތުން ރަށްރަށަށް ގޮސް ވަޒަންވެރި ނުވާންވީ ސަބަބެއް ނެތް ކަމަށެވެ.
''ރަށްރަށުގެ މީހުންނަށް މާލޭ ސަރަހައްދުން ފްލެޓް ލިބޭ ގޮތަށް، އަޅުގަނޑަށް ފެންނަ ފެނުމުގައި މާލޭގައި ބޯހިޔާވަހި ކަމަށް ދަތިވެފައިވާ ތިބި ފަރާތްތަކަށް އެހެން ރަށްރަށުން ފުރުސަތު ލިބޭ ނަމަ އެ މީހުން އެ ފުރުސަތުގެ ބޭނުން ހިފާނެ ކަމީ އަޅުގަނޑުގެ ހިތުގައި ޝައްކު ހިނގާނެ ކަމެއް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ، މާލޭގައި ބޯހިޔާވަހިކަމުގެ ދަތިކަން އިންތިހާއަށް އެބަ އޮތް ކަމަށާއި، އެ މައްސަލައިގައި ޒުވާބަކަށް ނުގޮސް، އެކަން ހައްލުވާނެ ގޮތަކަށް ވާހަކަ ދައްކަން ޖެހޭ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް