ޝިމްލާ ނަޖީބް
ޝިމްލާ ނަޖީބް
ރިޕޯޓް 11 Oct 2023 | 07:44

ޝިމްލާ: ތައުލީމަށް އުފަންކުރި ލޯބީގެ މަތީގައި 35 އަހަރު

ތައާރަފް

1989 ވަނަ އަހަރު ތަޢުލީމީ ދާއިރާއާއި ގުޅުނު ޝިމްލާ ނަޖީބަކީ ޞަލާހުއްދީން ސްކޫލުގެ ޕްރައިމަރީ ދިވެހި ޓީޗަރެކެވެ. މެދު ނުކެނޑި 35 އަހަރު ތަޢުލީމީ ދާއިރާއަށް ޚިދުމަތްކުރުމުގެ ދެމި ހުރި 54 އަހަރުގެ ޝިމްލާގެ ޢުމުރުގެ ބޮޑުބައެއްވެސް ހޭދަކުރެވިފައި މިވަނީ ތަޢުލީމީ ދަތުރުގެ ތެރޭގައެވެ. މީގެ އިތުރުން ޝިމްލާ ފާހަގަކުރެވެނީ 35 އަހަރުގެ ދިގު ތައުލީމީ ހަޔާތުގައި ދުވަހަކުވެސް މަސައްކަތަށް ގަޑި ނުޖެހޭ ފަރުވާތެރި އެދުރެެއްގެ ގޮތުގައެވެ.

ޝިމްލާއާއި އޭނާގެ 3 ދަރިން 

ތަޢުލީމީ ދާއިރާއަށް ވަދެވުނީ ކިހިނެތް؟

ޝިމްލާ ސްކޫލު ދައުރު ނިންމި ދުވަސްވަރަކީ ތައުލީމީ ދާއިރާއަށް އިންތިހާއަށް ޓީޗަރުން ބޭނުންވެފައިވާ އަދި އެހެންދާއިރާތަކާއި މިންކުރާއިރު ޓީޗަރުންގެ މުސާރަވެސް ބޮޑު ދުވަސްވަރެއްކަމަށް ޝިލްމާ ބުންޏެވެ. އެހެންކަމުން ޓީޗަރެއްގެ ގޮތުގައި ސްކޫލަކަށް ގުޅެ، އެ ދާއިރާއިން ކުރިއަށް ދިއުމުގެ އަޒުމު ޝިމްލާގެ ހިތުގައި ގޮވާންކުރީ އެހާ ހިސާބުން ކަމުގައި އޭނާ ފާހަގަކުރިއެވެ. އޭރު ޝިމްލާގެ އުމުރަކީ އެންމެ 19 އަހަރެވެ.

ޓީޗަރެއްގެ ގޮތުގައި ފުރަތަމަ ވަޒިފާ ފެށުނު ގޮތް؟

ކުރިންވެސް ފާހަގަކުރި ގޮތަށް އުމުރުން އެންމެ 19 އަހަރުގެ ތަޢުލީމީ ދާއިރާއަށް ފުރަތަމަ ފިޔަވަޅު އެޅުމަށް ޝިމްލާ ނިންމި ދުވަސްވަރަކީ، މާލޭގެ ސްކޫލުތަކަށް ގިނަ އަދަދެއްގެ ދަރުވަރުން ވަދެ ސްކޫލުތަކުގެ ޖާގަ ފުރިފައިވާ ސުވަސް ވަރެކެވެ. އަދި އެއީ ތާޖުއްދީން ސްކޫލު ހުޅުވުމަށް ހަމަ ޖެހިފައިވާ އަދި ކަލާފާނު ސްކޫލު ހުޅުވުމަށް ތައްޔާރުވަމުން އައި ދުވަސްވަރުވެސް މެއެވެ. އެހެން ނަމަވެސް ކަލާފާނު ސްކޫލު ހުޅުވުމުގެ މަސައްކަތް މުޅިން އެކީ ނުނިމުމުގެ ސަބަބުން އެ އަހަރު ކިޔަވައިދިނީ އޭރުވެސް ކިޔަވައިދެމުން އަންނަ ހެންވޭރު ސްކޫލުގެ ނަމުގައެވެ. އެހެންކަމުން އެދުވަސްވަރު މާލޭގެ ސްކޫލުތަކުގެ ޖާގަ ފުރި އިތުރުވީ 11 ކްލާހުގެ ކިޔެވުން ހެންވޭރު ސްކޫލުގައި ހަމަ ޖައްސައި 11 ކްލާހަށް އެގާރަ ޓީޗަރުންނާއެކު ކިޔަވައިދޭން ފެށި އިރު އެއިން އެއް ކްލާހުގެ ޓީޗަރެއްގެ ގޮތުގައި ޝިމްލާ ހަމަ ޖެހިގެން ދިޔައެވެ. މީގެ އިރުން އެދުވަސްވަރަކީ ތިމާވެށި މާއްދާވެސް ދިވެހި ބަހުން ކިޔަވައިދޭ ދުވަސްވަރެއްކަން ޝިމްލާ ފާހަގަ ކުރިއެވެ.

ބިދޭސީ ޓީޗަރުން އަންނާނެ އަޅުގަނޑުމެންގެ ކްލާސްތަކަށް އިނގެރޭސި މާއްދާތައް ކިޔަވައިދޭން، ދެން އަޅުގަނޑުމެން ދަނީ އެމީހުންގެ ކްލާސްތަކަށް ދިވެހި، އިސްލާމް، ތިމާވެށި ކިޔަވައިދޭން

ޝިމްލާ ނަޖީބް

މީގެ އިތުރުން އެދުވަސްވަރު ސްކޫލުތައް ބުރަކަން ފާހަގަކޮށް ޝިމްލާ ބުނެފައިވަނީ އޭރު ސްކޫލު ވަގުތު ތަކުގައި ހުސް އެންމެ ގަޑިއެއްވެސް ނުލިބޭ ކަމަށެވެ. އަދި އެއްޗެއް ކާލަންވެސް އެކަމަށް ހުސްވެގެން އެއްވެސް ވަގުތެއް ނުލިބޭކަން ޝިމްލާ ފާހަގަކުރިއެވެ.

ވޮއިސްއަށް ޝިމްލާ އިންޓަރވިއު ދެނީ

އޭރު ނުލިބޭ ހަމަ އެންމެ ފްރީ ގަޑިއެއްވެސް، އަޅުގަނޑުމެންގެ ލީޑިންގް ޓީޗަރަކަށްވެސް، ޕްރިންސިޕަލަކަށްވެސް ހުރީ އޭރު ނަސީމާ މެޑަމް، ނަސީމާ މެޑަމް ދެން ސައި ހަދާފައި އަޅުގަނޑުމެން ކްލާސްތަކަށް މަސައްކަތް ދިނީމަ މެޑަމް ކްލާސް ކައިރި މަޑުކޮށްފަ އަޅުގަނޑުމެން ފޮނުވާނީ ސައިބޯން

ޝިމްލާ ނަޖީބް

އޭގެ ފަހުން ކްލާފާނު ސްކުލު ހުޅުވިގެން އެ ސްކޫލުގައި 9 އަހަރު ޝިމްލާ ވަނީ މަސައްކަތް ކޮށްފައެވެ.

ތަޢުލީމީ ދާއިރާގައި ދިމާވާ ގޮންޖެހުންތައް!

ތައުލީމީ ނިޒާމު ބައްޓަންކުރުމުގައި މި ފަހުން ހެދިފައިވާ ބައެއް އުސޫލުތަކާއި ގަވާއިދުތަކުގެ ސަބަބުން ތައުލީމު ފޯރުކޮށްދިނުމުގައި ބައެއްކަހަލަ ދަތިތަކާއި ކުރިމަތިލާންޖެހޭކަން ޝިމްލާ ފާހަގަ ކުރެއެވެ. އެގޮތުން ދަރުވަރުންނަށް ހަވާލުކުރެވޭ މަސައްކަތްތަކާއި ހަމައިން ފެށިގެން ދަރިވަރުންނާއި މުއާމަލާތުކުރުމުގައިވެސް ވަކި ޤަވާއިދުތަކެއް ހެދިފައި ހުރުމުގެ ސަބަބުން، ޚުދު އެކުދިންނަށްވެސް އެއިން ނޭދެވޭ މާނައެއް ނެގޭ ތަން ފެންނަ ކަމުގައި ޝިމްލާ ބުނެއެވެ.

ކިތަންމެ ލޯބިން ހެޔޮ އެދިގެން ބުނެވޭ ބަހެއްގައިވެސް އެހެން މަނައެއް ނެގޭ ގޮތަކަށް ބުނެވިއްޖެ ނަމަ މިހާރު އެކަންވެސް ވެފައި މި އޮންނަނީ މައްސަލައަކަށް

ޝިމްލާ ނަޖީބް

މީގެ އިތުރުން ޝިމްލާ ފާހަގަ ކުރި އަނެއްކަމަކީ އޭނާ މި ދާއިރާއަށް އެންމެ ފުރަތަމަ ނުކުމެގެން މަސައްކަތް ކުރަން ފެށި އިރު ބެލެނިވެރިންގެ ފަރާތުން ކިޔެވުން ކިޔެވުމެއްގެ ގޮތުގައި ދެކިގެން ކުރާ މިންނަތް މިހާރު ނުފެނުމެވެ. އެހެން ނަމަވެސް އެއްވެސް ވަރަކަށް ނުފެންނަނީ ނޫންކަން ފަހަގަކޮށް ޝިމްލާ ބުނެފައިވަނީ ކުރިއާ އަޅައި ބަލާއިރު މިހާރު އެކަމަށް އަދައިގެން ކުރެވޭ މަސައްކަތް ފެންނަ ވަރު މަދުކަމުގައެވެ.

ޝިމްލާ ކިޔަވައިދޭ ކްލާހެއްގެ ދަރިވަރުންނާއެކު

ސަބަބެއްގެ ގޮތުގައި ޝިމްލާ ފާހަގަ ކުރަނި ސްކޫލުތަކުގައި މިހާރު ދިވެހިބަސް ކިޔަވައިދޭން ޖެހެނީ ދެވަނަ ބަހެއްގެ ގޮތުގައި ކަމަށާއި ދަރިވަރުން ތަރުބިއްޔަތު ކުރެވިގެން އަންނަނީ އެކުދިންގެ ފުރަތަމަ ބަހެއްގެ ގޮތުގައި އިނގެރޭސި ބަސް ކަނޑައެޅިގެން ކަމުގައެވެ. އަދި މިކަމުގެ ސަބަބުން ކިޔަވައި ދިނުމުގައި ވަރަށް ބޮޑެތި ދަތިތަކާއި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭ ކަމުގައިވެސް ޝިމްލާ ފާހަގަކުރިއެވެ.

ކުދިންނަށް އެކުދިންގެ ޒަރޫރީ ބޭނުންތައްވެސް އައިސް ބުނެދޭކަށް ނޭނގޭ ސާފު ރީތި ދިވެހިބަހަކުން

ޝިމްލާ ނަޖީބް

ތަޢުލިމީ ނިޒާމަށް ގެނެވުނު ޒަމާނީ ބަދަލުތަކުގެ ސަބަބުން ދަރިވަރުންގެ އަހްލާޤަށް އައި ބަދަލުތަކަކީ ކޮބާ؟

ޝިމްލާ ދެކޭ ގޮތުގައި ތަޢުލީމީ ނިޒާމަށް ގެނެވުނު ޒަމާނި ބަދަލުތަކުގެ ސަބަބުން ދަރިވަރުންގެ އަހްލާޤަށް އެކަމުގެ ނޭދެވޭ އަސަރުތަކެއް ވަނި ކޮށްފައެވެ. އެގޮތުން ކުރިންސުރެ ތައުލިމު ހާސިލްކުރުމަށް ކުދިންގެ މެދުގައި އޮންނަ ތަޢުލީމީ ރޫހު މިހާރު އޭރު ފެންނަ ވަރަށް ނުފެންނަ ކަމުގައި ޝިމްލާ ފާހަގަކުރެއެވެ. އެގޮތުން މިހާރު ދަރިވަރުންގެ ވިސްނުން ހުންނީ ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކުރިޔަސް ހަމަ އެކަނި ފާސްވުމުގެ ވިސްނުން ހުރުމުގެ ސަބަބުން ކިޔެވުމުގެ ހަގީގީ މުހިއްމުކަން ދަރިވަރުންނަށް އިހްސާސު ނުކުރެވޭކަން ޝިމްލާ ފާހަގަކުރިއެވެ.

ވޮއިސްއަށް ޝިމްލާ އިންޓަރވިއު ދެނީ

އިންކްލޫސިވް އެޑިއުކޭޝަން ސިސްޓަމަށް ކިޔަވައިދިނުމުގައި އެންމެ ބޮޑަށް ވިސްނަން ޖެހެނީ ކޮން ކަމަކަށް؟

އިންކްލޫސިން އެޑިއުކޭޝަން ނުވަތަ ނުކުޅެދުން ތެރިކަން ހުންނަ ކުދިން ޝަމިލްކޮށްގެން ބާކީ ނުކޮށްކިޔަވައިދިނުމުގެ އުސޫލުގެ ތެރެއިން ފިލާވަޅަށް ތައްޔާރުވުމުގައި އެންމެ އިސްކަމެއް ދޭންޖެހޭކަމަކީ ތިން ދަރަޖައަކަށް ފިލާވަޅު ތައްޔާރުކުރުން ކަމުގައި ޝިމްލާ ފާހަގަކުރެއެވެ. އަދި އާންމުގޮތެއްގައި ކޮންމެ މާއްދާއަކަށް ލިބެނީ 35 މިނެޓްކަމަށާއި، އެވްރެޖް ކަލާހެއްގައި 35 ކުދިން ތިބޭކަން ފަހަގަކޮށް ޝިމްލާ ބުނެފައިވަނީ އެހެންވުމުގެ ސަބަބން ގިނަ ފަހަރު ދަރިވަރަކަށް މިނެޓެއްވެސް ނުދެވޭކަމުގައެވެ.

އަދި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަކޮށް އެބަ ޖެހޭ ވަގުތުކޮޅެއް ދޭން، އެހެން ނަމަވެސް ވަގުތުތައް ލިބިފައި މި އޮންނަ ގޮތުން ހަގީގަތުގައި އެކަހަލަ ކުދިންނަށް ވަކިން އެކުދިންނަށް އެންމެ ބޭނުންވާވަރަށް ވަގުތުކޮޅެއް ގިނަ ފަހަރު ނުވެސް ދެވޭ

ޝިމްލާ ނަޖީބް

ކުރިއާއި މިހާރާއި އަޅައި ކިޔާއިރު ތައުލީމު ދިނުމަށް އައު ބަދަލުތަކަކީ ކޮބާ؟

ވަސީލަތްތަކުގެ ގޮތުން ބަލާއިރު އެންމެ ފުރަތަމަ ކިޔަވައިދޭން ފެށި ދުވަސްވަރު ކިޔަވައިދިނުމަށް ލިބޭ ހަމަ އެކަނި ވަސީލަތަކީ ކްލާހުގައި ހުންނަ ކަޅު ބޯޑާއި ޗޯކުގެ އިތުރުން ފަހާފައި އޮންނަ ޑަސްޓަރ އަކާއި ވަކަރު ގޮނޑި އާއި މޭޒުކަމުގައި ޝިމްލާބުންޏެވެ. އަދި އެދުވަސްވަރުގެ ހަނދާންތައް އާ ކުރަމުން ޝިމްލާ ބުނީ އެ ގޮނޑިތަކާއި މޭޒުތައް ހުންނާނީ އެއް ސައިޒަކުން ކަމަށާއި ކިތަންމެ ކުޑަޔަސް ބޮޑަސް ހުރިހާ ކުދިންނަށް ލިބެނީ އެ ކުދި މޭޒާއި ގޮނޑިކަމުގައި ޝިމްލާ ބުންޏެވެ. އެހެން ކަމުން ވަސީލަތްތައް މަދު އެދުވަސްވަރު ކްލާހުގައި އިތުރަށް އެއްޗެއް ބުނެދިނުމަށް ނުވަތަ އޮޅުންފިލުވައިދިނުމަށް ބޭނުންވެއްޖެ ނަމަ ދެން ޖެހެނީ ކުރަހައި ކުލަ ޖައްސައިގެން ގެނެސް އެ ދައްކަން ކަމުގައި ޝިމްލާ ބުންޏެވެ.

އެހެން ނަމަވެސް ޒަމާނަށް އައި ކުރި އެރުމާއެކު، މިހާރު ކްލާސްރޫމް ތަކުގައި ސީދަ ކިޔަވައިދޭ ވަގުތުތަކުގައި ބޭނުން އެއްޗެއް ބޭނުން ގަޑިއަކު ދަރިވަރުންނަށް ދައްކާލުމުގެ ފުރުސަތު އިންޓަރނެޓް ގެ ޒަރީޢާއިން ފަހިވެފައި އޮތްކަން ފާހަގަކުރަމުން ޝިމްލާ ބުނީ އެހެންވުމުގެ ސަބަބުން ދަރިވަރުންނަށް ފިލާވަޅުތައް އޮޅުން ފިލުވައިދިނުމުގައި ވަރަށް ބޮޑުތަން ފަސޭހަވެގެން ދާކަމުގައެވެ. އަދި ސްމާރޓް ބޯޑާއި ކޮންމެ ކްލާހެއްގައި ޓީވީ ހުރުމަކީ އިތުރަށް ލިބުނު ލުޔެއްގެ ގޮތުގައި ޝިމްލާ ފާހަގަކުރިއެވެ.

ޝިމްލާ ނަޖީބް

އިސްދަރިވަރުން ޒިންމާދާރު މަގާމުތަކުން ފެނުމުން ކުރެވެނީ ކޮންކަހަލަ އިހްސާސެއް؟

ޝިމްލާ ހަނދާން އައު ކުރިގޮތުގައި އޭނާގެ އިސްދަރުވަރުން ތަފާތު އެކި ޒިންމާދާރު މަގާމުތަކުގައި މަސައްކަތް ކުރާ ކުދިންގެ ގޮތުގައި އުޅޭތަން ފެނުމުން ހިތަށް ލިބެނީ ހަނދާނުން ފޮހެލަންދަތި އަދި މަޔާން ކުރުމަށް އުނދަގޫ އިހްސާސެކެވެ. އެގޮތުން އެފަދަ ބައެއް ކުދިންގެ ގާތުން ޚިދުމަތް ހޯދުމަށް ޚުދު އޭނާއަސް ދެވިފައި ހުރި ހަނދާންތައް އައުކުރަމުން ޝިމްލާ ބުނީ އެފަދަ ވަގުތުތަކުގައި ބުނެދޭން ނޭނގޭ އިހްސާސްތަކެއް ކުރެވޭ ކަމުގައެވެ.

މިހާތަނަށް ހާސިލްކުރެވުނު ކާމިޔާބީ!

ދާއިރާއަށް ގުޅުނު އިރު އޭނާގެ އެންމެ ބޮޑު އަމާޒަކަށްވީ ޝިމްލާ ކިޔަވައިދޭ ދަރުވަރުންނަކީ ކަންކަމާއި ކުރިމަތިލާން ކެރޭ އަދި ދިވެހި ބަހަށް ޝައުގުވެރި ބަޔަކަށް ހެދުން ކަމުގައި އޭނާ ބުންޏެވެ. އެގޮތުން އޭނަ ކިޔަވައިދިން ގިނަ ކުދިންނަކީ ސްކޫލުގެ އިސްމަގާމުތައް ފުރައި ބަހާއި ގުޅުންހުރި ކަންކަމުގައި ކާމިޔާބު ކުދި ބަޔަކަށް ހެދުނުކަން ފާހަގަކޮށް ޝިމްލާވަނީ އެއީ އޭނާއަށް ހާސިލްކުރެވުނު ކަމިޔަބީއެއްގެ ގޮތުގައި ފާހަގަކޮށްފައެވެ.

ބައެއް ކުދިން ގުޅާފަވެސް ބުނޭ މިސް ކޮށްދިން މަސައްކަތުންނޭ މިއަދު މި ޕޯޑިއަމަށް އަރައި އަޅުގަނޑަށް ވާހަކަ ދައްކާލަން ކެރުނީ

ޝިމްލާ ނަޖީބް

މީގެ އިތުރުން ޝިމްލާބުނީ ދާއިރާގައި އިތުރު މާބޮޑެތި ކަމިޔާބީތަކެއް ހާސިލްކުރުމަށް ދެން ނެތް ކަމަށާއި ދެން އޮތީ އޭނާގެ ރިޓަޔަރމެންޓްކަމުގައެވެ.

ޝިމްލާއާއި އޭނާގެ އާއިލާ

ދާއިރާއަށް އަލަށް ގުޅޭ ކުދިންނަށް ދޭން ބޭނުންވަ މެސެޖަކީ ކޮބާ؟

ތައުލީމީ ދާއިރާއަށް އަލަން ނިކުންނަ ކުދިންނަށް ޝިމްލާ ދޭން ބޭނުންވާ އިލްތިމާސް ވަރަށްވެސް ސާފެވެ. ޝިމްލާ މި ދާއިރާ ސިފަކުރަނީ ނުހަނު ޒިންމާދާރު އަދި އެހާމެ މަސްއޫލިއްޔަތުތައް ބޮޑު ދާއިރާއެއްގެ ގޮތުގައެވެ.

ބަލިވެސް ވާނެ، ކުދި ކުދި ބަލިވިޔަސް ކެތްކޮށްލައިގެން ހާޒިރީއަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ ވަރަށްވެސް މުހިއްމު ކަމެއް، ތުއްތު ކުދިން ގެންގުޅޭ އިރު އަސްލު އެންމެ ވަގުތެއްގައިވެސް އެކުދިންގެ މަންމަ ނެތިއްޔާ ވަރަށް އެހެން ކަހަލަ އިހްސާސެއް އެކުދިންނަށް ކުރެވޭނީ

ޝިމްލާ ނަޖީބް

މިހާ ހިސާބަށް އާދެވުމުގައި ޝުކުރު އަދާކުރަން ބޭނުންވަނީ ކޮން ބަޔަކަށް؟

ޝިމްލާ ފާހަގަ ކުރި ގޮތުގައި މިހާ ދިގު މުއްދަތަކަށް މި ދާއިރާގައި ދެމި ހުރެވުމުގެ އެންމެ ބޮޑު ޝުކުރެއް ހައްގުވަނީ އޭނާގެ ފިރިމީހާއާއި ދަރިންނަށެވެ. އެގޮތުން ގޭގައި ކުރަން ހުންނަ މަސައްކަތްތަކުގައްޔާއި އަދި ގޭގައި ހޭދަކުރަ ވަގުތުތަކުގައި ކުރަ ސްކޫލުގެ ބައެއް މަސައްކަތްތަކުގައިވެސް ޝިމްލާގެ ދަރިންގެ އިތުރުން ޚާއްސަކޮށް ފިރިމީހާގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަމުގައި ޝިމްލާ ބުންނެވެ. މީގެ އިތުރުންވެސް ޝިމްލާގެ ވަގުތުތައް ހުންނަ ގޮތުން ގޭގެ މަސައްކަތެއް ނުކުރެވި ލަސްވިޔަސް ބައެއްފަހަރު ފިރިމީހާ އަމިއްލައަށްވެސް އެ މަސައްކަތެއް ކޮށްލާނެ ކަމުގައި އޭނާ ބުންޏެވެ. އެހެންކަމުން މިހާ ދިގު މުއްދަތަކަށް މި ދާއިރާގައި ދެމި ހުރެވުމުގެ ހާއްސަ ޝުކުރެއް ޝިމްލާ އޭނާގެ ފިރިމީހާއާއި ދަރިންނަށް އަދާކުރެއެވެ.

ޝިމްލާއާއި އޭނާގެ އާއިލާ

ވޮއިސް ޓީމުގެ ފަރާތުން ޝިމްލާގެ މި ދިގު އަދި އެހާމެ ބުރަ ޚިދުމަތުގެ ހަޔާތަށް އިތުރު ކަމިޔަބީތަކާއި ދުޅަހެޔޮކަން ދެއްވުމެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

05 Oct 2023 ރިޕޯޓް

ބިޝާރާ: ދާއިރާގައި 18 އަހަރު ވީއިރުވެސް ހިތުގައި ޖަހަނީ ތައުލީމީ ވިންދު

ތަޢާރަފް 2005 ވަނަ އަހަރު ތައުލީމީ ދާއިރާއަށް ޓީޗަރެއްގެ ގޮތުގައި ގުޅުނު ރ އިނގުރައިދޫއަށް ނިސްބަތްވާ ބިޝާރާ ހުސައިންފުޅު (41އަހަރު) އަކީ މި ވަގުތު ދަރުމަވަންތަ ސްކޫލުގައި ސެކަންޑްރީ ޓީޗަރެއްގެ ގޮތުގަ...

އިންފިނިކާ އެކަޑަމީން ނާއިފް މި ކިޔަވައިދެނީ ފޮޓޯގްރަފީގެ ދުނިޔެ!
04 Sep 2023 ރިޕޯޓް

އިންފިނިކާ އެކަޑަމީން ނާއިފް މި ކިޔަވައިދެނީ ފޮޓޯގްރަފީގެ ދުނިޔެ!

ފޮޓޯ ނެގުމުގެ ދާއިރާއަށް އާދަމް ނާއިފް ގެ ޝައުގުވެރިކަން އެންމެ ފުރަތަމަ އުފެދުނީ މެލޭޝިޔާގައި ކިޔަވަން ހުރި ދުވަސްވަރުއެވެ. އޭރު ކިޔަވަމުން ދިޔަ ކޯހުގެ އެއް މޮޑިއުލް ގެ ގޮތުގައި ފޮޓޯގްރަފީ ކިޔެވި ހިސ...

އަބްދުالله އަހްމަދު: ތަޢުލީމީ ޖީލެއްގެ ބައްޕަ!
23 Aug 2023 ހަބަރު

އަބްދުالله އަހްމަދު: ތަޢުލީމީ ޖީލެއްގެ ބައްޕަ!

މިއީ ތަޢުލީމީ އޮޑިއެއްގެ ދަތުރަށް ފަރިތަ، ކުޅަދާނަ އަދި އެހާމެ ކެރޭ މާލިމީއެއްގެ ވާހަކައެވެ. ދުރުވިސްނޭ ސިޔާސަތެއްގެ ވޮށުގެ އަލިކަމުން އާންމު ތަޢުލީމަކުން ތައުލީމުގެ އައު ހަރުފަތަކަށް ރަށެއް ގެންގޮސްދ...

ރާއްޖޭގެ މަޝްހޫރު ކޮމޭޑިއަން ޝާހިދު ނިޔާވެއްޖެ
23 Jul 2023 ހަބަރު

ރާއްޖޭގެ މަޝްހޫރު ކޮމޭޑިއަން ޝާހިދު ނިޔާވެއްޖެ

އައްޑިހައިގެ އަަހަރުތަކުގެ ތެރޭގައި ރާއްޖޭގެ ގިނަ ބައެއްގެ މަޤްބޫލްކަން ހޯދި  މ. ހާވިލާ އަހުމަދު ޝާހިދު ހަލީމް މިއަދު ހެނދުނު ނިޔާވެއްޖެއެވެ. އުމުރުން 72 އަހަރުފުޅުގައި ޝާހިދު ނިޔާވީ ވަރަށް ގިނަ ދުވަހ...

އިސްމާޢީލް؛ އަމިއްލަ ވިޔަފާރިތައް ފަށާ ފަރާތްތަކަށް ނަމޫނާ ވިޔަފާރިވެރިއެއް އަދި ލީޑަރެއް!
05 Jul 2023 ރިޕޯޓް

އިސްމާޢީލް؛ އަމިއްލަ ވިޔަފާރިތައް ފަށާ ފަރާތްތަކަށް ނަމޫނާ ވިޔަފާރިވެރިއެއް އަދި ލީޑަރެއް!

ކާމިޔާބީ އަކީ މަސައްކަތް ކުރާ މީހުންގެ ހައްގެކެވެ. އެއީ މާލީ ގޮތުން ތަނަވަސް މަހުޖަނަކަށް ވީތީ ލިބޭ އެއްޗެއް ނޫނެވެ. ނުވަތަ ފަސޭހަ ދިރިއުޅުމެއް އުޅޭތީ ލިބޭ އެއްޗެއްވެސް ނޫނެވެ. އެހެނެއް ކަމަކު އެކަމަށ...

ޝިރާނީ؛ 4 ދަރިންގެ ޒިންމާ އުފުލަމުން، އަމިއްލަ މަސައްކަތުން ދިރިއުޅެމުން އަންނަ ފިސާރި ކަނބަލެއް
08 Mar 2023 ރިޕޯޓް

ޝިރާނީ؛ 4 ދަރިންގެ ޒިންމާ އުފުލަމުން، އަމިއްލަ މަސައްކަތުން ދިރިއުޅެމުން އަންނަ ފިސާރި ކަނބަލެއް

މީހުން ބުނެ އުޅޭތީ އަހަމެވެ. މައިންނަކީ އަޖައިބެއް ފަދަ ބައެކެވެ. ދިރިއުޅުމުގެ މައިދާނުގައި އަންނަ ކަޅު ވިލާގަނޑުގެ ތެރޭގައި، އެއް ރާޅު މައްޗަށް އަނެއް ރާޅު ނަގަމުން އަންނައިރުވެސް އަމިއްލަ ދަރިންގެ ހ...