އެމްބާޕޭއަކީ މިހާރުގެ ކުދިން މިސާލެއްގެ ގޮތުގައި ބަލާ ކުޅުންތެރިޔާ: ޒިދާން
އެމްބާޕޭ އަކީ މިހާރުގެ ކުދިން މިސާލެއްގެ ގޮތުގައި ބަލައިގަންނަ ކުޅުންތެރިޔާކަމަށް ރެއާާލް މެޑްރިޑްގެ ކޯޗް ޒިދާން ބުނެފިއެވެ.
އޭނާ މިހެން ބުނެފައިވަނީ ބޮޑުވަމުންދިޔައިރު އައިޑޮލްއެއްގެ ގޮތުގައި އެންމެ ފުރަތަމަ ބެލި ފުޓްބޯޅަ ކުޅުންތެރިޔަކީ ޒިދާންކަމަށް ޕީއެސްޖީގެ ޒުވާން ތަރި އެމްބާޕޭ ބުނެފައިވަނިކޮށެވެ.
އުމުރުން 21 އަހަރުގެ އެމްބާޕޭއަކީ ފުޓްބޯޅައިގެ ދުނިޔޭގައި ކާމިޔާބީ ހޯދަންއެދޭ ކުދިންނަށް ހުރި ލާމަސީލު މިސާލެއްކަމަށް ޒިދާން ބުންޏެވެ. އޭގެ އިތުރުން މީހުން އޭނާ އައިޑޮލްއެއް ގޮތުގައި ބަލައިގަތީ އޭނާއަށް ރަނގަޅު މިސާލުތަކެއް ދެއްކިފައިވާކަން ބަޔަކު ގަބޫލުކުރާތީ ކަމަށްވެސް ޒިދާން ބުނެފައިވެއެވެ.
1998 ގެ ވޯލްޑް ކަޕް އަދި 2000 ވަނަ އަހަރުގެ ޔޫރޯ ފްރާންސްއަށް ކާމިޔާބުކޮށް ދިނުމުގައި ޒިދާންވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
ފާއިތުވެގެންދިޔަ ޓްރާންސްފާ މާކެޓްތަކުގައި ޒިދާންގެ އެދުމުގެ މަތިން ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްވަނީ އެމްބާޕޭ އެ ކްލަބަށް ގެންދަން މަސައްކަތްކޮށްފައި ކަމަށްވެސް މީޑިއާތަކުގައި ވަނީ އަޑު ފެތުރިފައެވެ.
ޒިދާންވަނީ މީގެކުރިން އެމްބާޕޭއަށް ކޯޗް ކޮށްދޭން ބޭނުންވާކަމަށް ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ބުނެފައެވެ. ޒިދާންގެ ބަސްތަކަށް ޕީއެސްޖީގެ ކޯޗް ޓޫޝެލް ވަނީ އޭރު ވަރުގަދަ ރައްދެއްވެސް ދީފައެވެ. އެގޮތުން ބުނީ ލޯބިވާ ކޮންމެ އެއްޗަކީ ލިބޭނެ އެއްޗެއް ނޫންކަމަށައި ޒިދާން ގަބޫލުކުރަންޖެހޭ ހަގީގަތަކީ އެމްބާޕޭއަކީ ޕީއެސްޖީގެ ކުޅުންތެރިއެއް ކަމަށެވެ.
ކްލަބް އަދި ގައުމީ ފެންވަރުގައިވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ އެމްބާޕޭވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފްރާންސްއަށް ކާމިޔާބު ކޮށްދިނުމުގައި މުހިންމު ރޯލެއް ކުޅެފައެވެ. އެގޮތުން އޭނާ ވަނީ އެ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމުވެސް ހާސިލްކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް