ރާއްޖޭގައި ކްލައިމެޓް އިމަރޖެންސީއެއް އިއުލާންކުރަން ނިންމައިފި
މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ އަސަރު ދިވެހިންނަށް ކުރަމުންދާކަމަށްބުނެ، ކްލައިމެޓް އިމަރޖެންސީގެ ހާާލަތެއް އިއުލާންކުރުމަށް ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ 68މެންބަރުންގެ ވޯޓާއި އެކުގައެވެ.
ދިވެހިރާއްޖޭގައި ކްލައިމެޓް އިމަރޖެންސީގެ ހާލަތެއް އިއުލާން ކުރުމަށް ނިންމީ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ހުށައެޅުއްވި ގަރާރަކާއި ގުޅިގެންނެވެ. މި ގަރާރު މަޖިލީހުގެ އެންވަޔަރމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީއަށް ފޮނުވުމުން، އެ ކޮމެޓީން ވަނީ ގަރާރަށް ގިނަ ބަދަލުތަކެއް ގެެެނެސް ތަޅުމަށް ހުށައަޅާފައެވެ.
އެގޮތުން މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކަކީ ކްލައިމެޓް އިމަރޖެންސީއެއް ކަމަށް ނިންމައި، ގައުމުތަކުން ބޭރުކުރާ ކާބަންތައް މަދުކުރުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ވަކާލާތުކުރުމާއި، 2050ވަނަ އަހަރަށް ވާންވާއިރަށް ގްރީން ހައުސް ގޭސް ޖައްވަށް ދޫކުރާ މިންވަރު ނެޓް ޒީރޯއަށް ގެންދިއުމަށް ގޮވާާލުމަށްވެސް މަޖިލީހުން ވަނީ ނިންމާފައެވެ.
އަދި ޕެރިސް އެގްރީމެންޓާއި ޚިލާފުވާ ގައުމުތަކަށް އިގްތިސާދީ ގޮތުން ފިޔަވަޅު އެޅޭނެ އުސޫލުތަކެއް އދ ގެ ގިއުގަނޑުގެ ދަށުން އެކުލަވާލައި ތަންފީޒު ކުރުމަށް ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއިން ވަކާލާތު ކުރުމަށްވެސް ވަނީ ނިންމާފައެވެ.
ކްލައިމެޓް އިމަރޖެންސީ އިއުލާާންކުރުމުގެ މަގުސަދަކީ މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ސަބަބުން އިންސާނީ ނަސްލަށް ގެއްލުންވާކަން ސަމާލުކަމަށް ގެނައުމެވެ. ދުނިޔޭގައި އެންމެ ފުރަތަަމަ ކްލައިމެޓް އިމަރޖެންސީއެއް އިއުލާންކޮށްފައިވަނީ 2016ވަނަ އަހަރުގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް