ހޫޘީންގެ ވަރުގަދަ އިންޒާރެއް: ސައޫދީގެ އެއާޕޯޓްތަކަށާއި ތެލުގެ ވަސީލަތްތަކަށް އިތުރު ހަމަލާތައް ދޭނަން
ޔަމަނުގެ ހޫޘީ ޖަމާއަތުން ސައޫދީ އަރަބިއްޔާގެ އެއާޕޯޓްތަކަށާއި ތެލުގެ ވަސީލަތްތަކަށް އަމާޒުކޮށް އިތުރު ހަމަލާތައް ދޭނެކަމުގެ ވަރުގަދަ އިންޒާރެއް ބުދަ ދުވަހު ދީފިއެވެ.
މި އިންޒާރު ދީފައިވަނީ ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ކުންފުނި ކަމަށްވާ ސައޫދީ އަރާމްކޯގެ މައި މަރުކަޒަށް އަމާޒުކޮށް ދިން ހަމަލާއަކަށް ފަހުގައެވެ.
އީރާނާ ގުޅުން އޮންނަ ހޫޘީ ޖަމާއަތުން ބުނެފައިވަނީ، އިރުމަތީ ސިޓީއެއް ކަމަށްވާ ދަހްރާންގައި ހުންނަ އަރާމްކޯގެ މައި އިމާރާތަށާއި، ވެރިރަށް ރިޔާޟުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށާއި، އަދި ރިޔާޟުގެ އަރާމްކޯ ރިފައިނަރީއަށް އަމާޒުކޮށް ބެލިސްޓިކް މިސައިލާއި، ކްރޫޒް މިސައިލް އަދި ޑްރޯން ހަމަލާތަކެއް ފޮނުވާލާފައިވާ ކަމަށެވެ.
އަދި ބައިނަލްއަޤްވާމީ ޝިޕިން ކުންފުނިތަކަށާއި، އާންމު ރައްޔިތުންނަށް އެއާޕޯޓްތަކާއި ތެލުގެ މަރުކަޒުތަކުން ދުރަށް ދިއުމަށް ހޫޘީން ވަނީ އިންޒާރުކޮށްފައެވެ. އެ ޖަމާއަތުން ބުނާ ގޮތުގައި އެ ތަންތަނަކީ މިހާރު ހަމަލާދިނުން ހުއްދަ އަސްކަރީ އަމާޒުތަކެކެވެ.
ހޫޘީން ބުނަމުންދަނީ މި ހަމަލާތަކަކީ ގަލްފު ސަރަހައްދުގައި އެމެރިކާއާއި އީރާނާ ދެމެދު އުފެދުނު ނުތަނަވަސްކަމާ ގުޅިގެން ވޭތުވެދިޔަ މަހު އަލުން ފެށުނު ޔަމަނު ހަނގުރާމައިގައި، ސައޫދީން އެގައުމުގެ ސަރުކާރުގެ ފައުޖުތަކަށް އެހީތެރިވަމުންދާތީ އެކަމުގެ ބަދަލުހިފުމެއްގެ ގޮތުން ދޭ ހަމަލާތަކެއް ކަމަށެވެ.
ސައޫދީ އަރަބިއްޔާއިން އިސްވެ އޮންނަ ކޯލިޝަނުން ހާމަކުރި ގޮތުގައި، ބުދަ ދުވަހު ރިޔާޟަށް އަމާޒުކޮށް ހޫޘީން ފޮނުވާލި ބެލިސްޓިކް މިސައިލެއް ވަނީ ވައިގެ ތެރޭގައި ގޮއްވާލައި ނާކާމިޔާބު ކޮށްލާފައެވެ. މި ހާދިސާއާ ގުޅިގެން ވެރިރަށުގެ އެކި ހިސާބުތަކަށް ބާރުގަދަ އަޑުފައްގަނޑުތަކެއް ވަނީ އިވިފައެވެ.
ސައޫދީގެ ހަކަތައާ ބެހޭ ވުޒާރާއިން ބުނެފައިވަނީ އަންގާރަ ދުވަހު އަރާމްކޯގެ މައި މަރުކަޒަށް ދިން ހަމަލާގެ ސަބަބުން ކުޑަ އަލިފާނުގެ ހާދިސާއެއް ހިނގި ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ މަރުވެފައި ނުވާ ކަމަށެވެ. ނަމަވެސް ރޮއިޓާސްއަށް މައުލޫމާތު ދިން ކުންފުނީގެ އޮފިޝަލަކު ބުނި ގޮތުގައި ބެލިސްޓިކް މިސައިލެއް އެ މަރުކަޒުގެ އޮފީސް އިމާރާތަކަށް އަރައި، މަތީ ތިން ފަންގިފިލާއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރިޔާޟުގެ އެއާޕޯޓަށް ހަތަރު ފަހަރެއްގެ މަތިން ހަމަލާދީފައިވާއިރު، ހޮނިހިރު ދުވަހު ދިން ހަމަލާގައި 13 މީހުން ވަނީ މަރުވެފައެވެ. މިކަމާ ގުޅިގެން އޮކްޓޫބަރު 17 ވަނަ ދުވަހުގެ ނިޔަލަށް އެއާޕޯޓް ބަންދުކޮށް، ގިނަ އެއާލައިންތަކުން ވަނީ ދަތުރުތައް ކެންސަލްކޮށްފައެވެ.
މި ހަމަލާތަކުގެ ސަބަބުން ސައޫދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން، ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް އިގްތިސާދު ސިންދަފާތު ކުރުމަށް ގެންގުޅުއްވާ ތަސައްވުރަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. ސައޫދީން 2015 ވަނަ އަހަރު ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ވަނީ ހޫޘީން އެގައުމުގެ ވެރިރަށް ސަންޢާ ހިފުމާ ގުޅިގެން އީރާނުގެ ނުފޫޒު ފެތުރިދާނެ ކަމުގެ ބިރަށެވެ. އެއަށްފަހު އދ. މެދުވެރިވެގެން 2022 ގައި ޤާއިމުކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ސުލްހަ ވަނީ މި އަހަރު އަނެއްކާވެސް ގެއްލިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް