ޔުނައިޓެޑުގެ ކޯޗުކަމުގެ މަގާމުން މައިކަލް ކެރިކް ވަކިކޮށްފި
މެންޗަސްޓާ ޔުނައިޓެޑުގެ ކޯޗުކަމުގެ މަގާމުން މައިކަލް ކެރިކް ދާދިދެންމެއަކު ވަކިކޮށްފިއެވެ.
ޔުނައިޓެޑުން ވަނީ، މިކަން އެ ކްލަބުގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ކުރި ޕޯސްޓަކުން ކަށަވަރުކޮށްދީފައެވެ.
މައިކަލް ކެރިކް ޔުނައިޓެޑުގެ ކޯޗުކަމުގެ މަގާމުން ވަކިކުރުމަށްފަހު، އެ ކްލަބުން މިހާރު ވަނީ، އެމެރިކާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޕޮޗެޓީނޯއާއެކު އެއްބަސްވުމެކަށް އައިސްފައެވެ.
މައިކަލް ކެރިކް މަގާމުން ވަކިކޮށްފައިިވަނީ، ޔުނައިޓެޑުން އެންމެ ފަހަށް ކުޅުނު 15 މެޗުގެ ތެރެއިން މިހާތަނަށް އެންމެ 3 މެޗުން މޮޅުވެފައިވާތީ އާއި އެ ކްލަބުން އުންމީދުކުރާ ނަތީޖާތައް ކެރިކްއަށް ނުނެރެވުނީތީއެވެ. މި ސީޒަނުގެ ޕްރެމިއާ ލީގުގައި ޔުނައިޓެޑަށް އެންމެ އެކަށީގެންވާ ނަތީޖާއެއް ނެރެވިފައިނުވާއިރު، ލީގުގެ ފުރަތަމަ 10 މެޗުގެ ތެރެއިން އެ ޓީމަށް މޮޅުވެވުނީ އެންމެ މެޗަކުންނެވެ.
އެގޮތުން މިހާރު ޕޮޗެޓީނޯ ވަނީ، އެ ކްލަބުގެ ކޯޗުކަމުގެ މަގާމާއި ހަވާލުވުމަށް ޔުނައިޓެޑާއެކު އެއްބަސްވުމެކަށް އައިސްފައެވެ. ޕޮޗެޓީނޯ އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމުން ވަކިވާނަމަ، ކޮންޓްރެކްޓް އުވާލުމުގެ ފީއެއްގެ ގޮތުގައި 10 މިލިއަން ޑޮލަރު އެމެރިކާ ފުޓްބޯޅަ ފެޑެރޭޝަނަށް ދައްކަންޖެހޭނެއެވެ. މީގެއިތުރުން، ޕޮޗެޓީނޯއާއެކު އޭނާގެ އޮފިޝަލް ކޯޗިން ސްޓާފުން ވެސް ޔުނައިޓޭޑަށް ގެންދިއުމަށް ހަމަޖެހިފައިވާތީ އިތުރު ހަރަދުތަކެއް ހިނގާނެ ކަމަށް ލަފާކުރެވެއެވެ.
އުމުރުން 54 އަހަރުގެ ޕޮޗެޓީނޯއަކީ، މީގެ ކުރިންވެސް އިނގިރޭސިވިލާތުގެ ޓޮޓެންހަމް އާއި ޗެލްސީއަށް ކޯޗުކަން ކޮށްދީފައިވާ، ޕްރްމިއާ ލީގުގެ ތަޖުރިބާ ބޮޑު ކޯޗެކެވެ. ޓޮޓެންހަމްގައި ހޭދަކުރި ދުވަސްވަރު އެ ޓީމު 2019 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ގެންގޮސްދިން ޕޮޗެޓީނޯ ވަނީ، ފްރާންސްފެ ޕެރިސް ސެން ޖާމަން (ޕީއެސްޖީ) އާއެކު ލީގު ޗެމްޕިއަންކަން ވެސް ހޯދާފައެވެ. ޔުނިޓެޑްގެ ކޯޗުކަމާ ހަވާލުވުމަކީ، ޕޮޗެޓީނޯ ވެސް ވަރަށް ކުރީއްސުރެ ކުރަމުން އަންނަ އުންމީދެކެވެ.
އެމެރިކާގެ ގައުމީ ޓީމާއެކު 2030 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ނިޔަލަށް އެއްބަސްވުމެއް އޮތް ޕޮޗެޓީނޯ ވަނީ، އެމެރިކާ ޓީމާއެކު ކުޅުނު 35 މެޗުގެ ތެރެއިން 21 މެޗުން މޮޅުވެފައެވެ. އަދި އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕުގައި އެމެރިކާ ގަދަ 16 އަށް އޭނާ ގެންގޮސްދިނެވެ. އެގޮތުން، މިހާރު އޭނާ ތައްޔާރުވަމުން ދަނީ، އިންޓަނޭޝަނަލް ބްރޭކްގައި ހެއިޓީއާ ދެކޮޅަށް އެމެރިކާ ކުޅޭ ދެ މެޗަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް