ހައްޖުވެރިންނަށް އެހީތެރިވުމުގައި އަރބަންކޯ
މި އަހަރު ރާއްޖެއިން ހައްޖަށް ދާ ފަރާތްތަކުގެ ދަތުރުގައި އެހީތެރިވުމަށް އަރބަންކޯއިން ދަތުރުވެރިން އެއާޕޯޓަށް އުފުލައިދޭން ފަށައިފިއެވެ.
އެގޮތުން އަރބަންކޯއިން ނެރުން ނޫސް ބަޔާނެއްގައި ބުނެފައިވަނީ މި އަހަރު ހައްޖުގެ މާތް އަޅުކަމަށް ރާއްޖެއިން ފުރާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން މިދިޔަ އާދިއްތަ އިން ފެށިގެން މި މަހު 19 ވަނަ ދުވަހާއި ހަމައަށް އެ ފަރާތްތަކުގެ ލަގެޖާއި، ދަތުރުވެރިން އެއާޕޯޓަށް ގެންގޮސްދިނުމުގެ ޚިދުމަތް އަރބަންކޯއިން ފޯރުކޮށް ދެމުން އަންނާނެ ކަމަށެވެ.

މީގެ ތެރެއިން މޯލްޑިވްސް ހައްޖު ކޯޕަރޭޝަން، ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕް، އަލްމަނާސިކް އަދި އަލްހަރަމައިން ގެ ހައްޖުވެރިންނާއި ލަގެޖު އެއާޕޯޓަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި ކަމަށް އަރބަންކޯއިން ބުނެފައިވެއެވެ.
އެގޮތުން ހައްޖު ކޯޕަރޭޝަންގެ ހައްޖުވެރިން ޖުމްލަ 3 ދުވަހު ގެންދާއިރު މީގެ ތެރެއިން މިއަދު 243 ހައްޖުވެރިން އަދި 16 ވަނަ ދުވަހު އާއި 19 ވަނަ ދުވަހު ވެސް 243 ހައްޖުވެރިން ގެންދިއުމަށް ވަނީ ހަމަޖެހިފައި ކަމަށް އަރބަންކޯއިން ބުނެފައިވެއެވެ.
އަރބަންކޯއިން އިތުރަށް ބުނެފައިވަނީ ހައްޖުގެ މާތް އަޅުކަމުގައި ބައިވެރިވާ ފަރާތްތަކަށް އެ ކުންފުނީގެ ފަރާތުން އެހީއެއްގެ ގޮތުގައި ދަތުރު ހަމަޖައްސައިދެވުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް