ރައީސް ޔާމީންގެ ދެވަނަ ޕާޓީ، ޕީއެންސީ އުފައްދަން ހުއްދަ ދީފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދަވާ އާ ސިޔާސީ ޕާޓީ "ޕީޕަލް ނެޝަނަލް ކޮންގްރެސް" (ޕީއެންސީ) އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ މިއަދު އެ ޕާޓީ އުފެއްދުމަށް ހުއްދަ ދީފައެވެ. އެހެންކަމުން އެޕާޓީން ތިން މަސް ތެރޭގައި 3000 މެންބަރުންގެ ސޮއާއެކު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭނެއެވެ.
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް އުފެއްދުމުގެ ހުއްދައަށް އެދިފައިވަނީ ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲއެވެ.
ރައީސް ޔާމީން އާ ޕާޓީއެއް ހެދުމުގެ މަސައްކަތް ފައްޓާފައި މިވަނީ އިލެކްޝަން ކޮމިޝަނުން ޕީޕީއެމްގެ ކޮންގްރެސް ބަލައި ނުގަތުމަށް ނިންމި ނިންމުން ހައިކޯޓުން ބާތިލް ކުރި ކުރުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހެޅުމުންނެވެ.
މިއީ ރައީސް ޔާމިން އިސްވެ ހުންނަވާ ހެއްދި ހަދާ ހަތަރުވަނަ ޕާޓީކަންވެސް ފާހަގަކޮށްލަންޖެހެއެވެ.
މީގެ ކުރިން ދިވެހިރައްޔިތުންގެ ޕާޓީ އުފެއްދެވުމަށް ފަހު ޕީޕަލްސް އެލަޔަންސް ނަމުގައި ވަނީ ޕާޓީއެއް އުފައްދަވާފައެވެ. ޕީއޭއަކީ އޭރު ވެސް މަޖިލީހުގައި ގިނަ އަދަދެއްގެ މެންބަރުނާއެކު ތަމްސީލް ކުރި ޕާޓީއެއްކަން ފާހަގަކޮށްލަންޖެހެއެވެ. އެއަށް ފަހު ރައީސް މައުމޫން ޑީއާރްޕީ ދޫކުރެއްވުމަށްފަހު އުފެއްދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އުފެއްދެވުމުގައި އިސްދައުރެއް ވަނީ އަދާކޮށްފައެވެ
ސުޕްރީމް ކޯޓުން އިލެކްޝަނުން ހުށަހަޅާފައިވާ މައްސަލަ ކާމިޔާބު ވެއްޖެނަމަ ޕީޕީއެމް ހިންގުން ކުރީގެ މައުމޫން އަބްދުލް ޤައްޔޫމަށް ހަވާލުކުރެވިގެންދާނެެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް