ދިވެހި ޒުވާނެއް ގެއްލިގެން އުޅޭކަން ރައީސް ޞާލިހަށް އެނގިލައްވާހެން ހިޔެއް ނުވޭ: ހުސައިން
މި މަހުގެ 4 ވަނަ ދުވަހު ގެއްލުނު އައްޑޫ ސިޓީގެ ޒުވާނާ ނުފެނި 10 ދުވަސް ފާއިތުވެގެންދާއިރު އެކަން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް އެނގިލައްވާތޯ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު (ސެންބެ) ސުވާލު ކުރައްވައިފި އެވެ.
އެ މައްސަލައާއި ގުޅޭގޮތުން ފުލުހުން ބުނީ އެންމެ ފަހުން އޭނާ ފެނިފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފަ އެވެ.
އެ ހާދިސާއަށް އިޝާރާތްކުރައްވާ ސެންބެ ވިދާޅުވީ ދިވެހި އާއިލާއަކަށް އެވަރުގެ ބޮޑު ހިތާމައެއް ކުރިމަތިވެފައި ވާއިރު، ގައުމުގެ ވަލީއުލްއަމުރަށް އެކަން އެނގިލައްވާހެންވެސް ހީ ނުވާކަމަށެވެ.
ދިރިހުރުމުގެ ހައްގަކީ ޤާނޫނު އަސާސީއިން ރައްޔިތުންނަށް ލިއްބައިދީފައިވާ ހައްގަކަށް ވާއިރު، އެ ހައްގު ކަށަވަރުކޮށްދިނުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދާކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ވަލީއުލްއަމުރެއް މިއަދަކު ނެތް. އެކަމުގެ އިހުސާސް އަޅުގަނޑުމެންނަށް އެބަކުރޭ. ދިވެހި ރައްޔިތުންގެ ހައްގުގައި ކަމަށް ބުނެ، ވެރިކަމަށް އައިސް، އެތައް ވައުދުތަކެއް ވުމަށްފަހުގައި އެ ވައުދުތައް މަތިން ހަނދާން ނެތިވެ ފައިސާގެ ދަހިވެތިކަމުގައި މުޅި ސަރުކާރު އެ އޮތީ ނިދާފަ. އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާގެ ހާލަތަކީވެސް އެއީ. މިއަދު ރައީސުލްޖުމްހޫރިއްޔާއަށް އެނގޭތޯއޭ މި ފަސްގަނޑުން ދިވެހި ދަރިއަކު ގެއްލިގެން 10 ދުވަސް ފާއިތުވެގެން ދާކަން"
މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު (ސެންބެ)
ސެންބެ ވިދާޅުވީ ދިވެހިރާއްޖޭގައި ބޮޑެތި މައްސަލަތައް ހުރިއިރު އެކަންކަން ހައްލުކުރުމުގެ މަސައްކަތް ނުކޮށް މިއަދު މުޅި ފުލުހުންގެ މުއައްސަސާ ހަރަކާތްތެރިވަނީ އިދިކޮޅު ހިޞާރު ކުރުމަށް ކަމަށެވެ. އަދި ރައްޔިތުންނަށް ލިބިދޭ ޚިޔާލުފާޅުކުރުމުގެ ހައްގަށް ހުރަސްއެޅުމަށް ކަމަށެވެ.
ދިވެހި ޒުވާނެއް ގެއްލިގެން އެތައް ދުވަހެއް ފާއިތުވެގެންދާއިރު، މިއަދު މުޅި ފުލުސް ފޯސް ހަރަކާތްތެރިވާންވީ އެ ޒުވާނާ ހޯދުމަށްކަމަށް ސެންބެ ވިދާޅުވިއެވެ.
އެއާއެކު އޭނާ ވިދާޅުވީ ރައްޔިތުންނަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމަށް ފުލުހުންގެ ކޮނޑުގައި އެޅިފައިވާ ޒިންމާ އަދާނުކުރާކަމަށް ވާނަމަ، ފުލުހުންގެ ޔުނީފޯމަށް އަދި އެ މުއައްސަސާއަށް ކުރާނެ އިޚްތިރާމެއްވެސް ގަދަރެއްވެސް ނެތް ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް