ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ/ ފޮޓޯ: މަޖިލިސް އިދާރާ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ/ ފޮޓޯ: މަޖިލިސް އިދާރާ
ހަބަރު 14 Mar 2023 | 15:18

މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާއި ގުޅޭ ބިލް މަޖިލިހަށް ބަލައިގަނެފި

މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާއި ގުޅޭ ބިލް މަޖިލީހަށް ބަލައިގަނެ ބަހުސަށް ފޮނުވައިފިއެވެ.

މަސަކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އިހުމާލުވާ ފަރާތްތަކަށް ބޮޑެތި އަދަބުތައް ދިނުމާއި އިންސްޕެކްޓަރުންނަށް މަސައްކަތް ކުރާ ސައިޓުތައް ބަލާ ފާސް ކުރުމަށް ކޯޓު އަމުރަށް އެދެވޭ ގޮތަށް ސަރުކާރުން ހުށައެޅި މި ބިލް ސަރުކާރުގެ ފަރާތުން މަޖިލިހަށް ހުށައެޅުއްވީ ބާރަށު ދާއިރާގެ މެމްބަރު އަހްމަދު ޢަބްދުﷲ އެވެ.

މި ބިލް މަޖިލީހަށް ހުށައަޅައިފައިވަނީ މިދިޔަ ނޮވެމްބަރު މަހުއެވެ. މިއަދުގެ މަޖިލިސް ޖަލްސާގައި އެ ބިލުގެ އިބްތިދާއީ ބަހުސް ނިންމައި، 57 ވޯޓުން ވަނީ އެ ބިލު ބަލައިގެންފަ އެވެ. ޖުމްލަ 77 ސޮފްހާގެ މި ބިލު ދިރާސާ ކުރުމަށް ފޮނުވާފައިވަނީ އިޖްތިމާއީ ކޮމިޓީއަށެވެ.

ބިލުގައި ބުނެފައިވަނީ ގާނޫނުގައި ބަޔާން ކުރާ މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަން ގާއިމުކުރެވިފައިވާކަން ބަލައި ކަށަވަރު ކުރާނީ އެކަމަށްޓަކައި އައްޔަން ކުރެވޭ އޮތޯރިޓީގެ ހެލްތް އެންޑް ސޭފްޓި އިންސްޕެކްޓަރުން ކަމަށެވެ. އަދި އެ އިންސްޕެކްޓަރުންނަށް ބޮޑެތި ބާރުތައް ދިނުމަށް ބިލުގައި ހިމަނާފައިވެ އެވެ.

އެގޮތުން ދީފައިވާ މުހިންމު ބައެއް ބާރުތަކުގެ ތެރޭގައި މަސައްކަތް ކުރާ ކޮންމެ ތަނަކަށް ނުވަތަ އެފަދަ ތަނެއްގެ ބައެއް ކަމަށް ގަބޫލު ކުރެވޭ ތަނަކަށް އެކަށީގެންވާ ވަގުތެއްގައި ވަދެ ބަލާ ފާސް ކުރުމުގެ ބާރާއި އެކު އޭގެ ތެރޭގައި އެތަނުގެ ލިޔެކުޔުންތައް  ބަލާ ފާސްކޮށް ކޮޕީ ނެގުމުގެ ބާރު ވެސް ދީފައިވެއެވެ.

ހަމަ މިއާއި އެކު ބަލާ ފާސްކުރުމަށް ވެރިފަރާތުން ހުއްދަ ނުދޭނަމަ، ކޯޓު އަމުރު ހޯދައިގެން ބަލާ ފާސް ކުރެވޭނެ ކަމަށާއި، ވަޒީފާގައި އުޅޭ މީހުންނާއި ވަޒީފާ ދޭ ފަރާތާ ސުވާލުކޮށް ތަހުގީގު ހިންގުމުގެ ބާރު އެ ފަރާތްތަކަށް ލިބިދޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ. އަދި އިންސްޕެކްޓަރުން ކުރާ މަސައްކަތައް ހުރަސް އަޅައި، އެއްބާރުލުން ނުދޭނަމަ، އެކަމުގެ ކުޑަބޮޑު މިނަށްބަލައި 10،000ރ. އާއި25،000ރ.އިން ޖުރިމާ ކުރެވޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ގާނޫނުގައި ބަޔާން ކުރާ ކަންކަން ތަންފީޒުކުރުމުގެ ޒިންމާ އުފުލަނީ، އެކަމަށް ހާއްސަކޮށް އައްޔަން ކުރާ ޑިރެކްޓަރެއް ކަމަށް ބިލުގައި ބުނެފައިވެއެވެ. އެ މަގާމަށް ކިޔަނީ، 'ޑިރެކްޓާ ޖެނެރަލް ފޯ ވޯކް ޕްލޭސް ސޭފްޓީ އެންޑް ހެލްތް' އެވެ. އަދި މި މަގާމަށް މީހަކު އައްޔަނު ކުރާނީ އިކޮނޮމިކް މިނިސްޓަރެވެ.  ގާނޫނަށް އަމަލު ކުރަން ފަށާތާ މަހެއްހާ ދުވަސްތެރޭ މި މަގާމަށް މީހަކު އައްޔަނު ކުރަންޖެހެއެެވެ. އަދި މި މަގާމުގެ މުއްދަތަކީ 5 އަހަރެވެ.

މި މަގާމަށް އައްޔަނު ކުރާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތު ތަކެއް ކަމަށް ބިލުގައި ބުނެފައިވަނީ ދިވެހި ރައްޔިތެއް ކަމުގައިވުން، ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުން، އިންތިހާބު ކުރެވޭ މަގާމެއް/ދައުލަތުގެ އެހެން ވަޒީފާއެއް އަދާ ކުރާ މީހަކަށް ނުވުން، ގާބިލުކަން ހުރުމާއެކު، ކަމާ ގުޅުން ހުރި ދާއިރާއަކުން މާސްޓާސް ޑިގްރީއެއް ހާސިލްކޮށްފައިވުން، މަދުވެގެން ފަސް އަހަރުގެ ދުވަހުގެ ތަޖުރިބާ ލިބައިވުމާއި އެކު ރިޝްވަތު/ހިޔާނާތުގެ ކުށެއް ކުރިކަން ސާބިތުވެފައިނުވުން ހިމެނެއެވެ.

މި މަގާމުގެ މަސްއޫލިއްޔަތު ތަކެއް ކަމުގައި ބިލުގައި ބުނެފައިވަނީ ގާނޫނު ތަންފީޒުކުރެވޭ މިންވަރު މޮނީޓާކުުރުމާއި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ވަޒީފާ ދޭ ފަރާތްތަކާއި މަސައްކަތް ކުރާ ފަރާތްކުން އަމަލު ކުރޭތޯ ބެލުން، މަސައްކަތްތެރިން ހުށަހަޅާ ޝަކުވާއާ ގުޅިގެން ނުވަތަ ގާނޫނުގެ ދަށުން އިިންޕެކްޓަރުން ނުވަތަ އެނޫންވެސް ފަރާތްތަކުން ހުށަހަޅާ މައްސަލަ ބަލައި ތަހުގީގުކުރުން އަދި

މަސައްކަތްތެރިންގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ދިމާވާ މައްސަލައެއް ތަހުގީގުކުރުމަށް ފަހު، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން ހިމެނެއެވެ.

ބިލުގައިވާ ގޮތުން ބައެއް ހާލަތްތަކުގައި ކަންކަން އިސްލާހުކުރުމަށް ނުވަތަ މަސައްކަތް ހުއްޓާލުމަށް އަމުރުކުރުމުގެ ބާރު ޑިރެކްޓާ ޖެނެރަލްެއަށް ލިބިގެންވެ އެވެ. އެފަދަ ހާލަތްތަކުގެ ތެެރޭގައި ހިމެނެނީ މަސައްކަތް ކުރާ ތަނެއްގެ ހާލަތު ހުރި ގޮތުން އެތަނުގައި މަސައްކަތް ކުރާ މީހުންގެ ރައްކާތެރިކަން ކަށަވަރު ނުވާނެ ފަދަ ހާލަތެއް މެދުވެރިވުން، ގާނޫނުގެ ދަށުން އަދާކުރަން ޖެހޭ ވާޖިބަކާ އެއްވެސް މީހަކު ހިލާފުވުން، އަދި އެއްވެސް މީހަކު ކުރި ކަމަކީ ނުވަތަ ނުކޮށް ދޫކޮށްލި ކަމަކީ އެކަމުގެ ސަބަބުން މަސައްކަތުގެ މާހައުލުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ސިއްހީ ސަލަމާތާއި ރައްކާތެރިކަމަށަް އަސަރު ކުރާ ނުވަތަ އަސަރުކޮށްފާނެ ކަމެއް ކަމަށް ޑިރެކްޓާ ޖެނެރަލްއަށް ގަބޫލު ކުރެވުމެވެ.

ޑިރެކްޓާ ޖެނެރަލް މިފަދައިން ނެރޭ އަމުރަކާ ހިލާފުވެއްޖެނަމަ، ކުށުގެ ކުޑަބޮޑުމިނަށް ބަލައި، އެ ފަރާތެއް5،000ރ. އާއި50،000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. އެ އެންގުމާ ހިލާފުވާ ކޮންމެ ދުވަހަކަށް، ޖޫރިމަނާ ކުރި އަދަދުގެ %3 އިތުރަށް ޖުރިމަނާ ކުރެވޭނެ ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.

އެ އަމުރު ނެރޭ ތާރީހުން ފެށިގެން 14 ދުވަހުގެ މުއްދަތެއް ތެރޭ އެ ނިންމުން މުރާޖާ ކުރަން ހުށަހަޅަން ޖެހެނީ އިކޮނިމިކް މިނިސްޓްރީ އަށެވެ. މުރާޖާ ކުރަން ޖެހޭ މަގުބޫލު ސަބަބެއް އޮތް ނަމަ، މިނިސްޓަރު އެންގުމުން އަލުން ޑިރެކްޓާ ޖެނެރަލް އަމުރު ނެރެން ޖެހެ އެވެ.

މީގެ އިތުރުން ގާނޫނާ ވަކި ގޮތަކަށް ބަޔާންކޮށްފައި ނުވާ ކަންތައްތަކުގައި ގާނޫނާ ހިލާފުވާ ފަރާތްތަކާމެދު ކުށުގެ ކުޑަ ބޮޑު މިނަށް ބަލައި1،000ރ-25،000ރ.ގެ އަދަދުަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

މަސައްކަތުގެ ތެރޭގައި މަސައްކަތްތެރިއަކަށް އަނިޔާއެއް ވުމުގެ ސަަބަބުން ވަގުތީ ނުވަތަ ދާއިމީ ނުކުޅެދުންތެރިކަމެއް މެދުވެރިވެއްޖެނަމަ ނުވަތަ ފުރާނަގޮސްފިނަމަ، ހަރަދާއި ގެއްލުމުގެ ބަދަލު ނަގާނެ ގޮތްތައްވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

އެގޮތުން ލިބުނު އަނިޔާއަށް ކުރާ ބޭސްފަރުވާގެ ހަރަދު؛ ވަޒީފާ ދޭ ފަރާތުން އިތުރު އަގަކާ ނުލާ އޭނާއަށް ބޭސްވަރުވާގެ އިންތިޒާމް ހަމަޖައްސައިދޭން ޖެހޭ ކަމަށާއި، އަނިޔާގެ ސަބަބުން މަސައްކަތައް ނުނިކުމެވި ހޭދަވާ ދުވަސްތަކަށް ވަޒީފާ ދޭ ފަރާތުން އުޖޫރަ ދޭން ޖެހޭ ކަމަށާއި، ހަށިގަނޑަށް ލިބޭ ގެއްލުމުގެއްގެ ސަބަބުން  ވަގުތީ ނުވަތަ ދާއިމީ ނުކުޅެދުންތެރިކަމެއް ދިމާވުމުން ވަޒީފާ ދޭ ފަރާތުން ބަދަލު ދޭން ޖެހޭ ކަމަށާއި، ފުރާނަ ގޮސްފިނަމަ، ގެއްލުމުގެ ބަދަލު ލިބިދިނުގެ ހައްގު މަސައްކަތްތެރިޔާގެ ވާރިސުންނަށް ލިބިގެންވާ ކަމަށް ބިލްގައި ބުނެފައިވެއެވެ.

އަދި މި ބަދަލު ނަގާ މިންވަރު ކަނޑައަޅަނީ މި ގާނޫނުގެ ދަށުން ހަދާ ގަވައިދުންނެވެ. އެ ގަވައިދުގައި ނަގައިދޭނެ އެންމެ ކުޑަ އަދާއި ބޮޑު އަދަދު ބަޔާން ކުރަން ވާނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. އަދި އެ އަދަދު ކޮންމެ ތިން އަހަރަކުން މުރާޖާ ކުރަން ޖެހެ އެވެ.

ހަށިގަނޑަށް ލިބޭ އަނިޔާއެއްގެ ސަބަބުން ދާއިމީ ނުކުޅެދުންތެރިކަމެއް މެދުވެރިވުމުން ނަގައިދެވޭ ބަދަލުގެ މިންވަރު ކަނޑައަޅަނީ، އެ މަސައްކަތްތެރިއަކަށް މަހަކަށް ޖެހޭ އެވްރެޖް އަމްދަނީއަށާއި އެ މަސައްކަތްތެރިއަކަށް މެދުވެރިވެފައިވާ ނުކުޅެދުންތެރިކަމުގެ ނިސްބަތާށާއި އޭނާގެ އަމުރަށް ރިއާޔަތްކޮށްގެންނެވެ. އެ ބަދަލު ނަގައިދެނީ، ގިނަވެގެން 12 މަސް ދުވަހުގެ މުއްދަތަކަށް ނުވަތަ ގަވައިދުގެ ދަށުން ކަނޑައަޅާ ބަދަލުގެ އެންމެ މަތީ އަދަބު ހަމަވަންދެނެވެ.

ވަގުތީ ނުކުޅެދުންތެރިކަމެއް މެދުވެރިވުމުން ބަދަލު ނަގައިދެނީ ގިނަ ވެގެން 6 މަސް ދުވަހަށް ނުވަތަ ގަވައިދުގައި ކަނޑައަޅާ އެންމެ މަތީ އަދަދު ހަމަވަންދެނެވެ. އަދި މަސައްކަތްތެރިއެއް ފުރާނަދާ ހާލަތުގައި ބަދަލު ނަގައިދޭ މިންވަރު ކަނޑައަޅަނީ އޭނާއަށް މަހަކަށް ޖެހޭ އެވްރެޖް އާމްދަނީ އަށާއި އުމުރަށް ރިއާޔަތްކޮށް ގަވައިދުގައި ބަޔާންކުރާ ގޮތެއްގެ މަތިންނެވެ.

މި ބިލުގައިވާ ގޮތުން، މަސައްކަތްތެރިންގެ ސަލަމާތާއި ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭ އެންމެހާ ސިޔާސަތުތައް ކަނޑައެޅުމުގެ ބާރު އޮންނަނީ އިކޮނޮމިކް މިނިސްޓަރަށެވެ. އަދި މިނިސްޓަރަށް ލަފާ ދިނުމަށް 'ވާކް ޕްލޭސް ސޭފްޓީ އެންޑް ހެލްތް އެފްވައިޒަރީ ކައުންސިލް'ގެ ނަމުގައި ކައުންސިލެއް އުފެއްދުމަށް ބިލުގައި ހިމަނާފައިވެ އެވެ.

ޖުމްލަ 13 މެންބަރުން ތިބޭ މި ކައުންސިލް އެކުލަވާލުމަށް އޮތީ، ގާނޫނަށް އަމަލު ކުރަން ފަށާތާ ހަ މަސް ދުވަސް ތެރޭގަ އެވެ. މިނިސްޓަރު މި ކައުންސިލް އެކުލަވާލަން ޖެހޭ ގޮތަކީ ވަޒީފާދޭ ފަރާތްތައް ތަމްސީލުކުރާ ޖަމްއިއްޔާތަކުން ތިން މެންބަރުން، ވަޒީފާ އަދާކުރާ ފަރާތްތައް ތަމްސީލުކުރާ ޖަމްއިއްޔާތަކުން ތިން މެންބަރުން، މިނިސްޓްރީގައި ނުވަތަ ސަރުކާރު އެހެން އިދާރާއެއްގައި މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމާގުޅޭ މަސްއޫލިއްޔަތު އަދާކުރާ ފަރާތްތަކުގެ ތެރެއިން ތިން މެންބަރުން، މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަން ކުރެވުމަށް މަސައްކަތްކުރާ ފަންނީ ޖަމިއްޔާތައް ތަމްސީލު ކުރާ ތިން މެންބަރުން، ހެލްތް މިނިސްޓްރީން ތަމްސީލު ކުރާ މެންބަރުންނެވެ. އަދި ބައެއް މެންބަރުން އައްޔަން ކުރަނީ އާންމުކޮށް އިއުލާން ކުރުމުން ކުރިމަތިލާ މީހުންގެ ތެރެއިންނެވެ. ފަސް އަހަރުގެ ދައުރަކަށް އައްޔަން ކުރާ މި މެންބަރުންގެ ތެރެއިން ކައުންސިލަށް ޗެއާމަން އާއި ޑެޕިއުޓީ ޗެއާމަން އައްޔަން ކުރާނީ މިނިސްޓަރެވެ.

މި ކައުންސިލްގެ މުހިންމު ޒިންމާތަކުގެ ތެރޭގައި ހިމެނެނީ މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމާ ގުޅޭ ގޮތުން މިނިސްޓަރަށް ފަންނީ ލަފާދިނުން، ގާނޫނާއި ގަވައިދަށް ގެންނަން ފެންނަ އިސްލާހުތަކާއި ތަންފީޒު ކުރުމުގައި ދިމާވާ ގޮންޖެހުންތައް ފާހަގަކުުުރުން، މަސައްކަތުގެ މާހައުލާ ގުޅުންހުރި މަރު އަދި އަނިޔާތަކުގެ ތަފާސްހިސާބު ދިރާސާކުރުން އަދި ރައްކާތެރިކަމާ ގުޅޭ އިންޑަސްޓްރީ ކޯޑުތައް އެކުލާވަލުމުގައި އިދާރާތަކަށް ލަފާ ދިނުން ހިމެނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ޑައިވަރަކު ސަސްޕެންޑުކޮށްފި
02 Nov 2026 ހަބަރު

ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ޑައިވަރަކު ސަސްޕެންޑުކޮށްފި

މިކަމާ ގުޅިގެން މޯލްޑިވްސް ލެޖެންޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހާދިސާ ހިނގި ވަގުތު އެ ލިވްއަބޯޑުން ޑައިވިންއަށް ގޮސް އުޅުނު ގެސްޓުންނާއި ޑައިވް ޓީމުގެ މެންބަރުންގެ ލިޔުންތަކާއި ބަޔާންތައް ހޯދައި މައްސަލަ އޮޅުންފިލުވާފައިވާ ކަމަށެވެ. އޭޖެންސީން ބުނީ، ހަމަނުޖެހުން އުފެދުނީ އެހެން އުޅަނދެއްގެ ޑައިވް ގައިޑަކާ ދެމެދު ކަމަށާއި، މޯލްޑިވްސް ލެޖެންޑުގެ ޓީމުން މަސައްކަތްކުރީ އެ މައްސަލަ ހުއްޓުވުމަށް ކަމަށެވެ.

މިދިޔަ ހަފުތާގައި އެމްޕީއެލްއިން 41 ހާހަށްވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއާކޮށްފި
02 Nov 2026 ހަބަރު

މިދިޔަ ހަފުތާގައި އެމްޕީއެލްއިން 41 ހާހަށްވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއާކޮށްފި

އެމްޕީއެލް އިން އާންމުކޮށްފައިވާ މިދިޔަ އޮކްޓޫބަރު މަހުގެ ފަހު ހަފުތާގެ ތަފާސްހިސާބުތައް ދައްކާގޮތުން، އެ މުއްދަތުގެ ތެރޭގައި ޖުމުލަ 1،958 ކޮންޓެއިނަރު ވަނީ ކްލިއާ ކޮށްފައެވެ. މީގެ ތެރޭގައި ކޮންޓެއިނަރު އުފުލާ ބޯޓުފަހަރުން ގެނައި 1،472 ކޮންޓެއިނަރާއި، އާންމު މުދާ އުފުލާ ބޯޓުފަހަރުން ގެނައި 486 ކޮންސައިންމަންޓް ހިމެނެއެވެ.

މެއިންޓަނަސް މަސައްކަތައް ވިލިމާލެއިން މިރޭ ފެނުގެ ހިދުމަތް މެދުކަނޑާލަނީ
02 Nov 2026 ހަބަރު

މެއިންޓަނަސް މަސައްކަތައް ވިލިމާލެއިން މިރޭ ފެނުގެ ހިދުމަތް މެދުކަނޑާލަނީ

އެމްޑަބްލިއުއެސްސީން މިކަން އިއުލާންކޮށްފައިވަނީ، އެ ކުންފުނިން މިއަދު އެކްސްގައި ކުރި ޕޯސްޓަކުންނެވެ.

އާރުވެރި މެޗިންގް ގްރާންޓަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
02 Nov 2026 ހަބަރު

އާރުވެރި މެޗިންގް ގްރާންޓަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހި ސަރުކާރާއި ވާރލްޑް ބޭންކް ގުޅިގެން ހިންގާ "އާރުވެރި" މެޗިންގ ގްރާންޓް ޕްރޮގްރާމްގެ – 7 ދާއިރާގެ ތެރެއިން 5 ދާއިރާއަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.