އަފްޣާނިސްތާނުގައި އަންހެނުންގެ ސިއްޙަތު ނާޒުކު ފައްތަރެއްގައި
އަފްޣާނިސްތާނުގައި ވެރިކަންކުރާ ތާލިބާނުންގެ ކަމާބެހޭ ފަރާތްތަކުން ފިރިހެން ޑޮކްޓަރުން އަންހެން ބަލިމީހުން ބެލުން މަނާކުރާ ހަރުކަށި އުސޫލުތަކެއް ތަންފީޒުކުރަން ފެށުމާ ގުޅިގެން، އެ ގައުމުގެ އަންހެނުން ސިއްހީ ބޮޑު ނާމާންކަމެއްގެ ތެރެއަށް ވެއްޓިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މިކަމާ ގުޅިގެން ބަލިމީހުންނާއި ސިއްހީ ހިދުމަތްތެރިން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އިނގިރޭސިވިލާތުގެ 'ދަ ގާޑިއަން' އަދި 'ޒަން ޓައިމްސް' އިން ގުޅިގެން ހެދި ހާއްސަ ތަހުގީގަކުން ހާމަވެފައިވަނީ، މުޅި ގައުމަށް ރަސްމީކޮށް މި އުސޫލު އިއުލާނުކޮށްފައި ނުވި ނަމަވެސް، އެކި ޕްރޮވިންސްތަކުގައި މިފަދަ ހުރަސްތައް ވަރަށް ބޮޑަށް އާންމުވެފައިވާ ކަމަށެވެ.
އެ ތަހުގީގަށް މައުލޫމާތު ދިން ޑޮކްޓަރުން ބުނެފައިވާ ގޮތުގައި، ތާލިބާނުންގެ ސަލާމަތީ ބާރުތަކުން ދަނީ ކުލިނިކުތައް ބަލައި ފާސްކޮށް، އިންޒާރުތައް ދެމުންނެވެ. އަދި އަންހެނުންނަށް ފަރުވާދޭ ފިރިހެން ޑޮކްޓަރުން ހައްޔަރުކޮށް ޖަލަށްލާނެ ކަމުގެ ބިރުވެސް ދަނީ ދައްކަމުންނެވެ.
މި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ގިނަ އަދަދެއްގެ ބަލިމީހުންގެ ފަރުވާ ވަނީ މެދުކެނޑިފައެވެ. އެގޮތުން ހިރާތުގައި ދިރިއުޅޭ އުމުރުން 37 އަހަރުގެ ފަރީދާ ބުނި ގޮތުގައި، އޭނާ ދަތުގެ ކުލިނިކަކަށް ފަރުވާއަށް ފައިސާ ދައްކާފައިވަނިކޮށް، ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަހީކުރާ މިނިސްޓްރީގެ އަމުރަށް ފިރިހެން ޑޮކްޓަރުން އަންހެނުންނަށް ފަރުވާ ދިނުން ކުއްލިއަކަށް ވަނީ ހުއްޓާލާފައެވެ. މީގެ ސަބަބުން ތިން މަސް ފާއިތުވެގެން ދިޔައިރުވެސް އޭނާއަށް އެ ފަރުވާ ފުރިހަމަކުރެވޭ ގޮތެއް ނުވިއެވެ.
ބައެއް ސަރަހައްދުތަކުގައި ކުއްލި ހާލަތްތަކުގައިވެސް މަހުރަމަކާ ނުލައި ފިރިހެން ޑޮކްޓަރުން އަންހެން ބަލިމީހުން ބެލުން ވަނީ މަނާކޮށްފައެވެ. މިފަދަ ހާލަތްތަކުގައި ހަމައެކަނި ކަނޑައެޅިފައިވާ ވަކި އުސޫލުތަކެއްގެ ދަށުން އަންހެން ނަރުހުން ލައްވައި ކުދިކުދި ފަރުވާތައް ދިނުމުގެ ހުއްދަ އޮވެއެވެ. އަފްޣާނިސްތާނުގެ އުތުރުގެ ހޮސްޕިޓަލެއްގައި މަސައްކަތްކުރާ ސާޖަނަކު ކަށަވަރުކޮށްދިން ގޮތުގައި، ބަލިމީހާގެ ހާލަތު ކިތަންމެ ނާޒުކުވި ނަމަވެސް ފިރިހެން ޑޮކްޓަރުން އެމީހުން ބެލުމަކީ މުޅިން މަނާކަމެކެވެ. މީގެ އިތުރުން ބަލްޚް ޕްރޮވިންސްގެ ހޮސްޕިޓަލްތަކުގައި ބޭސް ސިޓީތަކާއި ލިޔެކިޔުންތަކުގައި އަންހެނުންގެ އަސްލު ނަން ލިޔުމުގެ ބަދަލުގައި "ބީބީ" މި ލަފުޒު ބޭނުންކުރުމަށްވެސް ވަނީ އަންގާފައެވެ.
މި ހުރަސްތައް ކުރިމަތިވަމުން މިދަނީ އަންހެނުންނަށް ސިއްހީ ދާއިރާއިން ތައުލީމު ހާސިލުކުރުމުގެ ފުރުސަތުތައް ވެސް އެއްކޮށް ބަންދުވަމުންދާ ދަނޑިވަޅެއްގައެވެ. ޑިސެމްބަރު 2024 އިން ފެށިގެން އަންހެނުން ސިއްހީ މަރުކަޒުތަކުގައި ކިޔެވުން މަނާކޮށްފައިވާއިރު، ހޮސްޕިޓަލްތަކަށް އަންހެން މުވައްޒަފުން އައުކޮށް ވަޒީފާއަށް ނެރުމަށްވެސް ވަނީ ބޮޑެތި ފިއްތުންތަކެއް ކުރިމަތިކޮށް ހުއްޓުވާފައެވެ. މިހާރު ހިދުމަތުގައި ތިބި މަދު އަންހެން ޑޮކްޓަރުންނަށްވެސް ވަޒީފާއަށް ނުކުމެވެނީ މަހުރަމަކާ އެކުގައެވެ.
މަޙްރަމުންނާއެކު ސިއްހީ މަރުކަޒުތަކަށް ދިޔަނަމަވެސް، ހިދުމަތް ލިބިގަތުމުގައި އެތައް ގަޑިއިރެއްގެ ލަސްވުމަކާއި ދަތިތަކަކާ ކުރިމަތިލާންޖެހޭކަމަށް އެ ގައުމުގެ އަންހެނުން ފާހަގަކުރެއެވެ. އިންސާނީ އަދި ސިއްހީ ބޮޑު ކާރިސާއެއް ތަހައްމަލުކުރަމުންދާ އަފްޣާނިސްތާނުގައި، މިފަދަ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ކުއްލި ފަރުވާ ނުލިބި އެތައް އަންހެނެއްގެ ފުރާނަ ގެއްލުމުގެ ބިރު ބޮޑުވެފައިވާއިރު، މިކަމާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމައުގެ ކަންބޮޑުވުމާއި ސަމާލުކަން މިހާރު ވަނީ މި މައްސަލައަށް ވަރަށް ބޮޑަށް ހުއްޓިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް