ނޫމަޑިއަށް 55 މިލިއަން ޑޮލަރަށްވުރެ އިތުރަށް ސަރުކާރުން ދީފައިވޭ: އުޝާމް
ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް (ނޫމަޑި)އަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ދައްކަން ޖެހުނު 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ދައްކައި ހަލާސް ކޮށްފައިވާ ކަމަށް ސަރުކާރުން ބުނި ނަމަވެސް، އެއަދަދު އެއަށްވުރެ އިތުރަށް ފައިސާ ދިންކަމަށް ވިލިމާލެ ދާއިރާގެ މެންބަރު، އަހުމަދު އުޝާމް ތުހުމަތު ކުރައްވައިފިއެވެ.
ނޫމަޑިން ބަދަލު ހޯދަން އެދުނީ، ޕްރައިވެޓް ވިލާ މޮޑެލްގެ ދަށުން 600 ހައުސިން ޔުނިޓް ތަރައްގީ ކުރުމަށްޓަކައި ޖެނުއަރީ 20، 2011 ގައި ސޮއިކުރި އެއްބަސްވުމަކާއި 500 ހައުސިން ޔުނިޓާއި ޕޮލިސް އެކަޑަމީ ފޭސް އެކެއް އަދި ތިން ރަށެއްގެ ނަރުދަމާގެ ނިޒާމް ތަރައްގީކުރުމަށް މެއި 30، 2013 ގައި ސޮއިކުރި އެއްބަސްވުން ބާތިލްކުރި މައްސަލައިގައެވެ.
ނޫމަޑީގެ އެއްބަސްވުން ކުރީގެ ސަރުކާރުން ބާތިލުކުރުމުން އެމައްސަލަ އާބިޓްރޭޝަނަށް ހުށަހަޅާފައިވަނީ 11 ޑިސެމްބަރު 2017 ގައެވެ.
އެމައްސަލައިގައި ނޫމަޑިން ވަނީ ސަރުކާރުގެ ފަރާތުން ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 155 މިލިއަން ޑޮލަރާއި އާބިޓްރޭޝަނާގުޅޭ އިތުރު ހަރަދުތައް ހޯދަން ހުށަހަޅާފައެވެ.
ނަމަވެސް ސަރުކާރުން ވަނީ ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް އެކުންފުންޏަށް 55 މިލިއަން ޑޮލަރު، ދައްކައި ހަލާސް ކޮށްފައެވެ.
އެމައްސަލަ ފާހަގަކުރައްވައި އުޝާމު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ނޫމަޑިއަށް ސަރުކާރުން ދީފައިވަނީ 55 މިލިއަން ޑޮލަރު ނޫން ކަަމަށެވެ.
''އެހެންވީމަ ނޫމަޑިއަށް ބަދަލުގެ ގޮތުގައި ލިބުނު މިންވަރު 55 މިލިއަން ޑޮލަރަށްވުރެ މާ ބޮޑު. އެމްއެންޑީއެފް ސިފްކޯ ފްލެޓް ޕްރޮޖެކްޓަކީ ނޫމަޑިން ހުށަހެޅި އާބިޓްރޭޝަނާ އެއްވެސް ގުޅުމެއް އޮތް ޕްރޮޖެކްޓެއް ނޫން." އުޝާމްގެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފްލެޓު އެޅުމަށް ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސީޒް ކުންފުންޏާއެކު ހެދި އެއްބަސްވުން ބާތިލުކުރި މައްސަލަ އާބިޓްރޭޝަނުން ބަލަމުންދަނިކޮށް، ކޯޓުން ބޭރުން އެކުންފުންޏަށް ފައިސާ ދިން މައްސަލައިގައި ސުވާލުކުރުމަށް ފިނޭންސް މިނިސްޓަރު އިބުރާހީމް އަމީރުވެސް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކޮށްފައި ވެއެވެ.
އަދި އެއްބަސްވުން ބާތިލުކުރި އިރު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒުވެސް މަޖިލީހަށް ހާޒިރުކޮށް އެމައްސަލައިގައި ޖަވާބުދާރީ ކުރުވާފައި ވެއެވެ.
ނޫމަޑިއަށް ސަރުކާރުން ބަދަލުދޭން ޖެހުނު މައްސަލައިގައި މުއިއްޒުގެ މައްޗަށް ޖިނާއީ ތަހުގީގުކޮށް ޕްރޮސެކިއުޓާ ޖެނެރަލަށް މައްސަލަ ފޮނުވައިދެއްވުމަށް އެދި އެޓާނީ ޖެނެރަލަށް މިހާރުވަނީ ހުށަހަޅާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް