ފެއިލްވެދާނެ ކަމަށް ބުނެ، ގުރުއާނުން ޓެސްޓް ނުދޭން ގޮވާލުމަކީ ކަންބޮޑުވާ ކަމެއް: އިލްޔާސް
ކީރިތި ގުރުއާން ކިޔަވައިގެން ދަރިވަރުން ފެއިލްވެދާނެ ކަމަށް ބުނެ ޕެޓިޝަން ހުށައަޅައިގެން ގުރުއާނުން ޓެސްޓް ނުދޭން ގޮވާލުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އައްޝައިހް އިލްޔާސް ހުސައިން ވިދާޅުވެއްޖެ އެވެ.
''އިސްރާއާއި މިޢުރާޖުގެ ދަރުސް'' ގައި ވާހަކަދައްކަވަމުން އިއްލްޔާސް ހުސައިން ވިދާޅުވީ، ކީރިތި ގުރުއާނަކީ ކިޔެވި ވަރަކަށް ހިތްއަލިކޮށްދޭނެ އެއްޗެއް ކަމަށާ ގުރުއާނަކީ ކިޔެވި ވަރަކަށް އެ ގުރުއާނަށް ހިތްލެނބޭ، ހިތަށް އުފާވެރިކަން ގެނެސްދޭ އެއްޗެއް ކަމަށެވެ.
އެކަން އެހެން އޮތް ނަމަވެސް ސައްތައިން ސައްތަ އިސްލާމީ މި ގައުމުން މިހާރު ފެންނަމުންދަނީ ޕެޓިޝަން ހުށައަޅައިގެން ގުރުއާނުން ޓެސްޓް ނުދޭން ގޮވާލާ މަންޒަރު ކަމަށް އިލްޔާސް ވިދަޅުވިއެވެ.
''ﷲ ސުބުޙާނަހޫވަތައާލާ ބާވައިލެއްވި ކީރިތި ގުރުއާނަކީ ޝިފާއެއް، ރަހުމަތެއް، ހިދާޔަތެއް، އަލިގަދަ ނޫރެއް. މި ފޮތުގައި ނެތް ދަތި އުނދަގޫ އެއްވެސް ކަމެއް. އެކަމަކު އެ ޔަގީންކަން މިއަދު ދިވެހި ރާއްޖެއިން އަޅުގަނޑުމެންނަށް ގެއްލިއްޖެ.'' އިލްޔާސް ވިދާޅުވިއެވެ.
އިލްޔާސް ވިދާޅުވި ގޮތުގައި، އިސްރާއާ މިޢުރާޖުގެ ހާދިސާއިން ލިބިގަންނަންޖެހޭ އެންމެ ވަރުގަދަ ފިލާވަޅަކީ ﷲ ގެ ހަސްރަތާމެދު ބާއްވަންޖެހޭ ޔަގީންކަމެވެ.
އިލްޔާސް މިހެން ވިދާޅުވެފައި މިވަނީ، ދިވެހިރާއްޖޭގެ ތައުލީމީ މަންހަޖުގެ ކީ ސްޓޭޖް ހަތަރެއްގައި ހިމެނޭ ގްރޭޑް 9 އަދި 10ގެ ދަރިވަރުންނަށް ގުރުއާން މާއްދާއިން އިމްތިހާން ދިނުން ވަގުތީގޮތުން ފަސްކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކީސްޓޭޖް 4 ގައި މިހާރު ތިބި ދަރިވަރުންނަކީ މި ބަޔާންކުރި ތަރުތީބުން ގައުމީ މަންހަޖު ފުރިހަމަ ކުުރުމުގެ ފުރުސަތު ލިބިފައި ނުވާ ދަރިވަރުންކަމަށެވެ. މި ތަރުތީބު ފުރިހަމަނުކޮށް މަންހަޖެއް ތަންފީޒު ކުރުމަކީ އެ މަންހަޖެއްގެ ފުރިހަމަ އަރުތަ ދަރިވަރުންނަށް ހާސިލްވުމަށް ހުރަސް އެޅޭނެ ކަމެއްކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
އެ ސާކިއުލާގައި ވަނީ ކީސްޓޭޖް 4ގައި ކިޔަވަމުންދާ ދަރިވަރުން ތިބީ ޤުރުއަން މާއްދާއިން އިމްތިހާނެއް ހަދާ މިންވަރަށް ތައްޔާރު ނުކުރެވިކަމަށް ބުނެފައެވެ. އެހެންކަމުން އެކަންކަމަށް ރިއާޔަތްކޮށް ކީސްޓޭޖް 4 އެއްގޮތަށް ދަރިވަރުން ތައްޔާރުކުރެވެންދެން ޤުރުއާނުން އިމްތިހާނުކުރުމުގެ އުޞޫލަށް ޢަމަލުކުރުން ފަސްކުރުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް