އަމާޒަކީ އެކަށައެޅިފައިވާ ބާވަތްތައް އިމްޕޯޓް ނުކޮށް ރާއްޖޭގައި އުފެއްދުން: ރައީސް ޑރ. މުޢިއްޒު
ސަރުކާރުގެ އަމާޒަކީ ދަނޑުވެރިކަމުގެ ވަކި ބާވަތްތަކެއް ކަނޑައަޅައި، އެ ތަކެތި އިމްޕޯޓްކުރުމާ ނުލައި ރާއްޖެއަށް ބޭނުންވާ މިންވަރަށް އަމިއްލަ ފަސްގަނޑުގައި ހައްދައި ބާޒާރަށް ނެރެވޭނެ މަގުފަހިކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ދިވެހި ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ ޕޯސްޓުގައި ވިދާޅުވި ގޮތުގައި، ދަނޑުވެރިންގެ ދުވަހަކީ ކާބޯތަކެތީގެ ރައްކާތެރިކަން ޤައުމީ ފެންވަރުގައި ކަށަވަރުކުރުމަށާއި، އިޤްތިޞާދު ސިންދަފާތު ކުރުމަށްޓަކައި ހީވާގި ދިވެހި ދަނޑުވެރިން އަދާކުރާ މުހިންމު ދައުރު ހަނދާންކޮށްދޭ އަގުހުރި މުނާސަބަތެކެވެ.
އަދި ބޭރުން ތަކެތި އެތެރެކުރުމަށް ނުވަތަ އިމްޕޯޓަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ތިމާވެށްޓާ ރައްޓެހި ގޮތްތައް ބޭނުންކޮށްގެން ދަނޑުވެރިކަމުގެ ބާވަތްތައް އަމިއްލަ ފަސްގަނޑުގައި އުފެއްދުމަކީ ޤައުމުގެ އިސްތިޤުލާލާ ސީދާ ގުޅިފައިވާ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގުތަކަށް އަންނަ ލޮޅުންތަކާއި، ބައިނަލްއަޤްވާމީ ދަތުރުފަތުރަށް ދިމާވާ ހުރަސްތަކުން ޤައުމު ސަލާމަތްކުރުމަށްޓަކައި، ރާއްޖޭގައި އަމިއްލައަށް ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކުރުމުގެ މުހިންމުކަން މިއަދު ހަނދާންކޮށްދޭ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތު ފުޅާވެގެން ދިޔުމަކީ، ޤައުމުގައި ބޭރު ފައިސާ ހިފެހެއްޓިގެންދާނެ ކަމެއް ކަމަށާއި، ރަށްރަށުގައި ވަޒީފާގެ އައު ފުރުޞަތުތައް ފަހިވެގެންދާނޭ ކަމެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު އިތުރަށް ވިދާޅުވީ، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިންނަށް ލިބޭ ނަފާ އިތުރުވާނޭގޮތަށް ކުރިއަށްދެވޭނެ މަގު ކޮށާދިނުމުގެ މުހިންމު މަސައްކަތް ސަރުކާރުން މެދުނުކެނޑި ކުރިއަށްގެންދިއުމަކީ އެމަނިކުފާނުގެ ސާބިތު ޢަޒުމެއް ކަމަށެވެ.
ދަނޑުވެރިންގެ ދުވަހުގެ މި އުފާވެރި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ އެންމެހައި ދަނޑުވެރިންނަށާއި، ދަނޑުވެރި ޢާއިލާތަކަށް އަދި މި ސިނާއަތުގައި ހިއްސާވާ އެންމެހައި ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކު ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް