މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ދިރާސާއާ ގުޅޭ ދާއިރާތަކުން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމަށް 13 ސްކޮލަރޝިޕް ދޫކުރަނީ
ދިވެހި ސަރުކާރާއި ވާރލްޑް ބޭންކް ގުޅިގެން ހިންގާ މަޝްރޫއެއްގެ ދަށުން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ދިރާސާއާ ގުޅޭ ދާއިރާތަކުން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމަށް 13 ޖާގައަކަށް ކުރިމަތިލުމުގެ ފުރުސަތު މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އިން މިއަދު ހުޅުވާލައިފިއެވެ.
ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ ނަމުގައި ހިންގާ މި މަޝްރޫއުން ތިން ދާއިރާއަކުން ބެޗެލާސް އަދި މާސްޓާސް ފެންވަރުގެ ކޯސްތައް ހިމެނެއެވެ. އެއީ؛
ފިޝަރީޒް ދާއިރާއިން ފިޝަރީޒް މެނޭޖްމަންޓާއި މެރިޓައިމް އެފެއާޒް އިން ދެ މާސްޓާސް ޖާގަ
އެކުއާކަލްޗަރާއި ފިޝަރީޒް ސައިންސާއި މެރިން ސައިންސް ފަދަ ދާއިރާތަކުން ތިން ބެޗެލާސް ޖާގަ
މެރިން ރިސަރޗާއި މެރިކަލްޗަރ ދާއިރާއިން ތިން މާސްޓާސް ޖާގައާއި އެއް ބެޗެލާސް ޖާގަ
އެގްރިކަލްޗަރ ދާއިރާއިން އެއް މާސްޓާސް ޖާގައާއި ތިން ބެޗެލާސް ޖާގަ
މި ކޯސްތަކަށް ކިޔެވުމުގެ ފުރުސަތު ލިބެނީ އޭޝިއާ އާއި ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަންގެ ގައުމުތަކާއި އޯއީސީޑީ ގައުމުތަކުންނެވެ. މާސްޓާސް ޑިގްރީއަށް ކުރިމަތިލާ ފަރާތްތައް ގުޅޭ ދާއިރާއަކުން ބެޗެލާސް ޑިގްރީ ނިންމައި ދެ އަހަރުގެ ތަޖުރިބާ ހާސިލުކޮށްފައި ވާންޖެހެއެވެ. ބެޗެލާސް ޑިގްރީ ހެދުމަށް ކުރިމަތިލާ ފަރާތްތަކުން އޯލެވެލް ފަސް މާއްދާ އާއި އޭލެވެލް ތިން މާއްދާއިން 'ސީ' ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ހޯދާފައި ވާންޖެހެއެވެ. ފައުންޑޭޝަން ނުވަތަ ޔުނިވާސިޓީ އެންޓްރެންސް ފެންވަރުގެ ސެޓިފިކެޓެއް ވެސް ބަލައިގަނެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ސްކޮލަރޝިޕް ލިބޭ ފަރާތްތަކުގެ ކޯސް ފީ އާއި ބުކް އެލަވަންސާއި އެސްޓަބްލިޝްމަންޓް އެލަވަންސާއި ޑިޕާޗާ އެލަވަންސް އަދި ކިޔެވުމުގެ މުއްދަތުގައި ސްޓައިޕަންޑް ހަރަދުކުރާނީ ޕްރޮޖެކްޓުންނެވެ. ކޯސް ނިންމުމަށް ފަހު ސިވިލް ސާވިސް ގަވާއިދާ އެއްގޮތަށް އެ މިނިސްޓްރީގައި ހިދުމަތް ކުރުމަށް ބޮންޑުކުރެވޭނެ ކަމަށާއި، އެ ކޯސްތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެ މިނިސްޓްރީގެ މުވައްޒަފުންނަށް އިސްކަން ދެވޭނެ ކަމަށް ވެސް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި އަކީ 15 ނޮވެމްބަރު 2026 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 އެވެ. ހުށަހެޅުންތައް ބަލައިގަންނަނީ ހ. ޕަލްމޭރާގެ ތިން ވަނަ ފަންގިފިލާގައި ހުންނަ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓުންނެވެ. އީމެއިލް މެދުވެރިކޮށް ވެސް ހުށަހެޅޭ އިރު، ބޭނުންވާ ލިޔެކިޔުންތައް ފުރިހަމައަށް ހުށަނާޅައިފި ނަމަ އެޕްލިކޭޝަން ބާތިލުވާނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް