ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި
ކ. ގާފަރު ކައިރިއަށް ބަންޑުންޖަހައިލި ކޮޅުވެއްޓިއަކުން ކަނޑުވި 8 މީހެއްގެ ފުރާނަ ސަލާމަތްކުރުމުގައި އިސްނަގައި، ނަމޫނާ ހިތްވަރެއް ދެއްކި ތިން ފުލުހަކަށް "ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް" މިއަދު އަރުވައިފިއެވެ.
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މެޑަލް އޮފިސަރުންނާ ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ.
ޝަރަފުވެރި މެޑަލް ޙާޞިލުކުރެއްވި ތިން އޮފިސަރުންނަކީ ސީނިއަރ ސާޖަންޓް އަޙްމަދު އާމިރު (2245) އާއި، ކޮންސްޓަބަލް މުޙައްމަދު ލަހްފާން (6279) އަދި ކޮންސްޓަބަލް ޢަލީ ޒިދާން (5852) އެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ހެނދުނު 08:50 ހާއިރު، "ހޯކްސް ވޮޔޭޖް" ނަމަކަށް ކިޔާ ކޮޅުވެއްޓި ކ. ގާފަރު ކައިރިން ދަތުރުކުރަމުން ދަނިކޮށް ބަންޑުންޖަހައިލުމާ ގުޅިގެންނެވެ. އެ ވަގުތު އުޅަނދުގައި ތިބި 10 މީހުން ކަނޑުވެފައިވަނިކޮށް، މޫސުން ގޯސްވެ ކަނޑުގަދަ މި ނުރައްކާތެރި ހާލަތުގައިވެސް މި ތިން އޮފިސަރުން ކުރެއްވި ހިތްވަރުގަދަ މަސައްކަތުން ވަނީ އޭގެ ތެރެއިން އަށް މީހެއްގެ ފުރާނަ ސަލާމަތްކޮށްދީފައެވެ.
މެޑަލް ހަވާލުކޮށްދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ކޮމިޝަނަރ އޮފް ޕޮލިސް ވަނީ، ނުރައްކާތެރި މިފަދަ ދަނޑިވަޅުތަކުގައި ފުލުހުންގެ ފަރާތުން ފެންނަންޖެހޭ ސާބިތުކަމާއި، ޤުރުބާނީ އަދި ޚިދުމަތުގެ މަތިވެރި ރޫޙު ފާހަގަކުރައްވައި އެ އޮފިސަރުންނަށް ސާބަސް ދެއްވާފައެވެ. މީގެއިތުރުން، ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތްކުރުމާއި، ކުއްލި ހާލަތްތަކަށް އަބަދުވެސް ތައްޔާރަށް ތިބުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވައިލެއްވިއެވެ.
ހަމައެއާއެކު، ޤައުމީ ވާޖިބު އަދާކުރުމުގައި ފުރާނައަށް ބެލުމެއްނެތި ނަމޫނާ ދައްކާ ފަޚުރުވެރި އޮފިސަރުންގެ ޚިދުމަތުގެ އަގުވަޒަންކުރުމަކީ ފުލުހުންގެ މުއައްސަސާއިން އަބަދުވެސް ނުހަނު އިސްކަންދޭ ކަމެއްކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް