މަޖިލިސް އިންތިޚާބަށްވުރެ ބޮޑު ކާމިޔާބީއެއް ކައުންސިލް އިންތިޚާބުގައި ހޯދާނަން: ރައީސް ޞާލިހު
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީން ބޮޑު ކާމިޔާބީއެއް ހޯދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ފެށުމުގެ ގޮތުން ޕޯސްޓަރ ހަރުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޞާލިހު ވިދާޅުވީ ރައްޔިތުން ތިބީ ނިމިދިޔަ މަޖިލިސް އިންތިޚާބުގައި އެމްޑީޕީން ހޯދި ކާމިޔާބީއަށް މިސްރާބު ޖަހައިގެން ކަމަށާއި، ނަމަވެސް އެއަށްވުރެ ބޮޑު އަދަދަކުން ކައުންސިލް އިންތިޚާބު އެޕާޓީން ކާމިޔާބުކުރައްވާނެކަމަށް ގަބޫލުކުރައްވާކަމަށެވެ.
"އެހެންކަމުން އަޅުގަނޑަށް ގަބޫލު ކުރެވެނީ އެއަށް ވުރެ ބޮޑުކޮށް އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް،" ރައިސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މި ޕޯސްޓަރ ހަރުކުރުމުގެ ހަރަކާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ދެބޭފުޅުންނާއި އެމްޑީޕީގެ އިސްފަރާތްތަކާއި އާންމު މެންބަރުން ދަނީ މާލެއާއި ރާާއްޖޭގެ އެކި ސަރަހައްދުތަކުގައި ޕޯސްޓަރ ހަރުކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.
މިފަަހަރުގެ ކައުންސިލް އިންތިޚާބުގައި އެމްޑީޕީން ގެންގުޅުމަށް ނިންމާފައިވާ ޝިއާރަކީ "ރަށްވެހި ފަތިސް" އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް