މިފަހަރު 8 ލައްކަ ރުފިޔާގެ ކޮރަޕްޝަނެއް ހިންގަން އަލީ ވަހީދު ވާހަކަ ދައްކާކަމަށް ބުނާ އޯޑިއޯއެއް ލީކުކޮށްފި
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، އަށް ރުފިޔާގެ ދަރަންޏަކުން ސަލާމަތްވުމަށް، ސަރުކާރުގެ ތެރެއިން ކޮރަޕްޝަންގެ އަމަލެއް ހިންގުމާ ގުޅޭ ގޮތުން ވާހަކަ ދައްކާ ކަމަށްބުނާ އޯޑިއޯއެއް ލީކްކޮށްލައިފިއެވެ.
މިނިސްޓަރު އަލީ ވަހީދުގެ ތަފާތު އޯޑިއޯތައް ރެއިން ފެށިގެން ލީކުވަމުން ގޮސް، މިއަދު ލީކްކޮށްލި އޯޑިއޯގައި އަލީ ވަހީދު ކަމަށް ބުނާ މީހަކު ވާހަކަ ދައްކަމުންދާއިރު، އޯޑިއޯގައި ދެން އިވެނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ކަމަށް ބުނާ މީހާގެ އަޑެވެ.
އޯޑިއޯގައި ސްޕްރީމް ކޯޓަށް ކާރުތަކެއް ގަންނަ ވާހަކަ ދައްކާއިރު، "ބްރޭންޑް ނިއު" ގެ ނަމުގައި އަގު ހެޔޮކޮށް ސްޕްރީމް ކޯޓަށް ވެހިކަލްތައް ގަނެދޭން ވިސްނާ ކަމަށް ބުނާ އަޑުއިވެއެވެ. އަދި އެކަން ފަނި ކުރަން ބަޔަކު އުޅޭ ކަމަށް ވެސް އޭނާ ބުނެއެވެ
އެ މައްސަލަ "ޕޮލިސް ކޭސް" އަކަށް ހަދަން އުޅޭ ކަމަށް ބުނެ ވާހަކަ ދައްކާފައިވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު "ސީމައްޓޭ" އާ ކަމަށް އެ އޯޑިއޯ ލީކް ކުރި ފަރާތުން ބުނެފައިވެއެވެ.
ސީމައްޓޭ ކަމަށްބުނާ މީހާ އެހެން ބުނުމުން އަލީ ވަހީދު ކަމަށް ބުނާ މީހާ ސުޕްރީމް ކޯޓުގެ އެސްޖީއަށް އަމާޒުކޮށް ހަޑިހުތުރު ބަސްތަކެއް ވެސް ބޭނުން ކުރެ އެވެ.
އޭގެ ފަހުން އަޑުބަރޭ ކަމަށް ބުނާ މީހާ ވަނީ ދަރަނިތަކެއް ދައްކާ ނިންމުމަށް ކޮންމެ ވެސް އެހެން ގޮތަކުން އަށްލައްކަ ރުފިޔާ ހޯދުމާ ގުޅޭގޮތުންވެސް ވާހަކަ ދައްކާފައެވެ.
އަލީ ވަހީދުވަނީ، އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގުކުރައްވައި، މިއަދު ޓުވީޓެއް ކުރައްވާފައެވެ. ޓުވީޓުގައިވާ ގޮތުން އެފަދަ ވާހަކަތައް ދައްކަނީ އޭނާގެ އަބުރު ކަތިލުމަށެވެ.
އަލީ ވަހީދުގެ އިތުރު އޯޑިއޯތަކެއްވެސް މިހާރުވަނީ ލީކުކޮށްލާފައެވެ.
އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ހަގު އަނބިކަނބަލުން، އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ފުރައްސާރަކޮށް ވަރަށް ބޭއަދަބީ ބަހުން ވާހަކަދައްކާ އޯޑިއޯއެއް ލީކުކޮށްލާފައިވާ އިރު، ހެލްތް މިނިސްޓަރު އަބްދުﷲ އަމީނާއި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަށް ނިސްބަތްކުރައްވައި ހަޑިހުތުރު ބަހުން އަލީ ވަހީދު ވާހަކަދައްކަވާ އޯޑިއޯއެއްވެސް ވަނީ ލީކުކޮށްލާފައެވެ.
ރައީސް ސޯލިހުގެ ސަރުކާރުން ކޮރަޕްޝަނަށް ދޭނީ ''ޒީރޯ ޓޮލަރެންސް'' ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ގެންދަވަނީ ވިދާޅުވަމުންނެވެ.
ނަމަވެސް ޒީރޯ ޓޮލަރެންސގެ ސިޔާސަތަށް ލޯބިކުރާ ސަރުކާރުގެ ވަޒީރެއްގެ ފަރާތުން ކޮރަޕްޝަންގެ އަމަލެއް ހިންގަން ރާވަމުންދާއިރު، ސަރުކާރުން މިހާތަނަށް އެކަމާ ބެހޭ ގޮތުން ވަކިއެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް