ކުވައިތުގެ އަމީރު ޝައިޚް ނަވާފް އަވަހާރަވެއްޖެ
ކުވައިތުގެ އަމީރު ޝައިޚް އަލް ނަވާފް އަލް އަހްމަދު އަލް ޖާބިރް އަލް ސަބާހް ޢުމުރުފުޅުން 86 އަހަރުފުޅުގައި އަވަހާރަވެއްޖެއެވެ.
ޝައިޚް އަލް ނަވާފް އަވަހާރަވީ ސީދާ ސަބަބެއް އެ ގައުމުގެ ކަމާބެހޭ އެއްވެސް އިދާރާއަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.
މިއަދުގެ ވަގުތެއްގައި ކުވައިތުގެ އަމީރު އަވަހާރަވެފައިވާކަން އެގައުމުގެ ޝާހީ ގަނޑުވަރުގެ މިނިސްޓަރާއި ހަވާލާދީ އަލްޖަޒީރާއިން ވަނީ ކަށަވަރުކޮށްދީފައެވެ.
ޝައިހް ނަވާފް ކުވައިތުގެ އަމީރު ކަމަށް އައްޔަންކުރެވުނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. އެއީ އޭރު އެ މަގާމުގައި ހުންނެވި އެމަނިކުފާނުގެ ބޭބޭފުޅު ޝައިހް ޞަބާހް އަލް އަހްމަދު އަލް ޖާބިރް އަލް ސަބާހް އަވަހާރަވުމާއި ގުޅިގެންނެވެ.
އެމަނިކުފާނު އަވަހާރަވީ އުމުރުފުޅުން 91 އަހަރުގައި އެމެރިކާގައެވެ.
ޝައިހް އަލް ނަވާފް އަވަހާރަވުމާއެކު ދެން ކުވައިތުގެ އަމީރު ކަން ވާރުތަވަނީ ޝައިޚް އަލް ނަވާފްގެ ކޮއްކޯފުޅު, ޢުމުރުފުޅުން 83 އަހަރުގެ ޝައިޚް އަލް މިޝާލް އަލް އަހްމަދު އަލް ޖާބިރަށެވެ.
އެހެންނަމަވެސް އަމީރުކަމުގެ ތަޚުތާއި ގުޅޭ އިތުރު މައުލޫމާތެއް އެ ގައުމުގެ ޝާހީ ގަނޑުވަރުން އަދި ހާމަކޮށްފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް