ރަޖިސްޓްރީ ނުކުރާ މެޑިކަލް ކޮލެޖެއް: ސަމާލުވާން އެދިއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އެސްއޭއެސް މެޑިކަލް ކޮލެޖުގެ ނަމުގައި ހިންގާ ތަނަކީ ރަޖިސްޓްރީނުކުރާ ތަނެއް ކަމަށާ އެތަނަށް ދަރިވަރުން ނަގަން އިޝްތިހާރު ކުރާތީ އެކަމަށް ސަމާލުވާން މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން އިލްތިމާސް އެވެ.
އެކަމާއި ގުޅިގެން އެ މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެސްއޭއެސް މެޑިކަލް ކޮލެޖުން އެއީ ރާއްޖޭގައި ހިންގާ މެޑިކަލް ކޮލެޖެއް ކަމަށް ބުނެ، އެ ކޮލެޖަށް ދަރިވަރުން ނަގަން އިޝްތިހާރު ކުރަމުންދާ ކަން މިނިސްޓްރީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެއީ ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ ދަށުން އެ މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ މަރުކަޒެއް ނޫން ކަމަށް ބުނެފައިވެ އެވެ.
ރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ކޮލެޖެއްގެ ހައިސިއްޔަތު ލިބިގެން ނޫނީ ރާއްޖޭގައި ކޮލެޖެއްގެ ނަމުގައި ތައުލީމުދޭ މަރުކަޒެއް ހިންގުމަކީ ކުށެކެވެ. އަދި އެ ގާނޫގައިވާ ގޮތުން ރަޖިސްޓަރީކޮށްފައިވާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ނޫނީ ޔުނިވަރސިޓީއެއް ކަމަށް ނުވަތަ ކޮލެޖެއް ކަމަށް ނުވަތަ އިންސްޓިޓިއުޓެއް ކަމަށް އެއްވެސް ފަރާތަކުން އިޝްތިހާރު ކުރުމަކީ ވެސް ކުށެކެވެ.
އެހެން ކަމުން އެ މިނިސްޓްރީން ވަނީ އާންމުންނަށް އޮޅުންއަރާ ގޮތަށް އެސްއޭއެސް މެޑިކަލް ކޮލެޖުން އިޝްތިހާރު ކުރަމުންދާތީ އެކަން ދަރިވަރުންނާއި އާންމުންގެ ސަމާލު ކަމަށް ގެނެސް އިއުލާނުކުރާ ކަމަށެވެ.
އެ ކޮލެޖުން ދަނީ އެކި މުއްދަތަށް ހިންގާ އެމްބީބީއެސްގެ ޕްރޮގްރާމަތަކަށް ކުދީން ނަގާ ކަމަށް ބުނެ އިޝްތިހާރު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް