އިންތިހާބަށްފަހު ގާސިމާއި މައުމޫނާއި އިމްރާނާ އެކު ތިބޭކަށް ބޭނުމެއް ނޫން: އަހުމަދު ހަލީމު
ކުރިޔަށް އޮތް ލޯކަލް ކައުންސިލު އިންތިހާބަށްފަހު، ސަރުކާރު ކޯލިޝަންގެ އިސް ލީޑަރުން ނާއެކު ދެމިތިބެން ބޭނުން ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމު ވިދާޅުވެއްޖެއެވެ.
މިއަދު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން އަހުމަދު ހަލީމު ވިދާޅުވީ، ކޯލިޝަންގެ ލީޑަރުންގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށެވެ. އެހެންވެ ކޯލިޝަނުގައި އޮވެގެން ސަރުކާރު ހިންގޭނެ ކަމަށް ގަބޫލު ނުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.
''އިންތިހާބަށްފަހު ގާސިމާއި މައުމޫނާއި އިމްރާނާ އެކު ތިބޭކަށް ބޭނުމެއްނޫން. އަޅުގަނޑު ގަބޫލެއް ނުކުރަން އެބޭފުޅުން ކޯލިޝަންގައި ތިބެގެން ސަރުކާރު ހިންގޭނެ ކަމަކަށް.'' އަހުމަދު ހަލީމު ވިދާޅުވިއެވެ.
އަހުމަދު ހަލީމު މިފަދައިން ވިދަޅުވި އިރު، ފަހަކަށް އައިސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެންބަރުން ކޯލިޝަނުގެ ބައިވެރިންނަށް ދަނީ ފާޑުވިދާޅުވަމުންނެވެ.
ބައެއް މެންބަރުން ވިދާޅުވާ ގޮތުގައި ސަރުކާރު ކޯލިޝަނެއް ނެތެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މީގެކުރިން ވިދާޅުވެފައިވަނީ ކޯލިޝަންގެ ސަބަބުން އެމްޑީޕީގެ ހަގީގީ މެންބަރުންނަށް ހައްގު މިންވަރު ހޯދައި ނުދެވެނީ ކޯލިޝަނަށް ބައި އަޅަންޖެހޭތީ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ބަދަލުކުރުމަށް އޭރުގެ އިދިކޮޅު ފަރާތްތައް ގުޅިގެން އިނގިރޭސިވިލާތުގައި ކޯލިޝަނެއް ހަދައި، އިސް ލީޑަރުންގެ މެދުގައި އެއްބަސްވުމެއް ހެދިއެވެ. ނަމަވެސް ވެރިކަމަށް އައުމާއެކު އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެފައިވަނީ، ވެރިކަން ކުރަނީ ކޯލިޝަން ސަރުކާރަކުން ނޫން ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް