ހުޅުމާލޭގެ ފުރަތަމަ ޕާކު ޒަމާނީ ކުލަތަކާއި އެކު އަލުން ހުޅުވައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ހުޅުމާލެގައި ފުރަތަމަ މީހުން އާބާދުވި ސަރަހައްދުގައި ކަމުގައިވާ ނެއިބާހުޑް 1 ގެ ޕާކު މަރާމާތައްފަހު މިއަދު އާއްމުންނަށް ހުޅުވާލައިފިއެވެ.
ހުޅުމާލެގެ އެންމެ ބޮޑު މިސްކިތް މަސްޖިދުލް ހަމަދް ބިން ޙަލީފާ ބިން ތާނީ އާއި އިންވެގެން ހުންނަ މި ޕާކަކީ ހުޅުމާލޭގައި އެންމެ ދުވަސް ވީ ޕާކެވެ. މި ޕާކު ތަރައްޤީކުރަން ފަށާފައިމިވަނީ އެޗްޑީސީން ފަށާފައިވާ ނެއިބާހުޑް ޕާކު ތަރައްޤީކުރުމުގެ ޕްލޭންގެ ދަށުންނެވެ. މި ޕާކު މަރާމާތްކުރަން ބަންދުކުރި އިރު ޕާކުވަނީ ހަލާކުވެ ގަސް ބޯވުމުގެ ސަބަބުން ޕާކެއްގެގޮތުގައި ބޭނުން ނުކުރެވޭ ހާލަތުގައިކަން ފާހަގަކުރެވެއެވެ.
މިޕާކު އަލުން ހުޅުވާލާފައި މިވަނީ ނެއިބާ ހުޑް 2 ގެ ޕާކްތަކުގެ ކޮންސެޕްޓަށް ކުޑަ ކުދިންނާއި ރައްޓެހި އަދި ރައްކާތެރި ގޮތަކަށެވެ. މި ޕާކުގައި ކުޑަ ކުދިންނާއި ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ ތަންތަންވެސް ހަދާފައިވެއެވެ.
ކުރިން ޕާކު ތެރޭގައިވާ ބާސްކެޓް ކޯޓްވެސް މިހާރުވަނީ އެއްކޮށް މަރާމާތުކޮށްފައެވެ.
ހުޅުމާލޭގައި މިހާރުވެސް ހިތްގައިމު އެތައް ޕާކެއް ވަނީ ހެދިފައެވެ. އެގޮތުން ނެއިބާހުޑް 2 ގައި މިފަދަ 2 ޕާކު ހެދިފައިވެއެވެ. އަދި ރާއްޖޭގެ އެންމެ ބޮޑު ޕާކު ކަމުގައިވާ ސެންޓަރަލް ޕާކަކީވެސް ފާހަގަކޮށްލެވޭ ޕާކެކެވެ.

ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް