ހުޅުމާލޭގައި ކާރެއް ހޮޅިދަނޑިއެއްގައި ޖެހި އެކްސިޑެންޓެއް: ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައިފި
ހުޅުމާލޭގައި ކޮންޓްރޯލުން ނެއްޓިގެން ދިޔަ ކާރެއް ހޮޅިދަނޑިއެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ އެ ކާރު ދުއްވި ޑްރައިވަރުގެ ލައިސަންސް ހިފަހައްޓާފައެވެ.
ފުލުހުން މައުލޫމާތުދިން ގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭގެ ބަގީޗާ ހިނގުމުގައެވެ.
އެގޮތުން ބުނީ، ބަގީޗާ ހިނގުމުގައި ޕޭވްމަންޓް މަތީގައި ހުރި ހޮޅިދަނޑިއެއްގައި ކާރެއް ޖެހި އެކްސިޑެންޓްވެފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު ފަތިހު 04:33 އެހައިކަންހާއިރު ކަމަށެވެ.
މި ހާދިސާ ހިނގި ވަގުތު ކާރު ދުއްވަން އިނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި އެކްސިޑެންޓާ ގުޅިގެން އޭނާއަށް އެކިވަރުގެ އަނިޔާތައް ލިބުނު ނަމަވެސް، ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.
ނަމަވެސް، އެކްސިޑެންޓްގައި ކާރަށާއި ހޮޅިދަނޑިއަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން މިހާރު ވަނީ ކާރު ދުއްވި ޑްރައިވަރުގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ވަގުތީ ގޮތުން ހިފަހައްޓާފައެވެ.
މި މައްސަލައާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް