އަލީ ރަމީޒުގެ ސުވާލެއް އިޙްސާނަށް؛ މަގުތަކުގައި ބިރުވެރިކަން އުފައްދާ މީހުންނާ މެދު ފިޔަވަޅު އެޅޭނެ ޤާނޫނެއް ނެތްތޯ
އާންމު މަގުތަކުގައި ހުތުރު އެއްޗެހި ގޮވައި، މައިންނާއި ކުޑަކުދިންނަށް އުނދަގޫކޮށް ބިރުވެރިކަން އުފައްދަމުންދާ މީހުންނާ މެދު ފިޔަވަޅު އެޅޭނެ ޤާނޫނެއް މި ޤައުމުގައި ނެތްތޯ، މަންފާ ޖަމިއްޔާގެ ރައީސް އަލީ ރަމީޒު، ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު ޢަލީ އިޙްސާނަށް ސުވާލެއް އަމާޒުކޮށްފިއެވެ.
އަލީ ރަމީޒު އޭނާގެ ފޭސްބުކް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ވަނީ، އާންމު މަގުތަކުގައި ބާރުބާރަށް ހުތުރު އެއްޗެހި ގޮވުމާއި، މައިންނާއި ކުޑަކުދިންނަށް އުނދަގޫކޮށް ބިރުވެރިކަން އުފައްދައި، އާންމުންނަށް ތުރާކުރަމުންދާ މީހުންނާ މެދު ހެދިފައިވާ އެއްވެސް ޤާނޫނެއް މި ޤައުމުގައި ނެތީތޯ މިނިސްޓަރު އިޙްސާންގެ އަރިހުން ސުވާލުކޮށްފައެވެ. އަދި އެންމެންނަށް ވެސް އަނބިދަރިންނާ އެކު މަގުތަކުގައި އަމާންކަމާ އެކީ ހިނގާބިނގާވެ އުޅުމުގެ ފުރުސަތު އޮންނަންވާނެ ކަމަށް ޤަބޫލުކުރެވޭ ކަމަށް ވެސް އަލީ ރަމީޒު ބުންޏެވެ.
އަލީ ރަމީޒު މިފަދަ ސުވާލެއް ކަމާބެހޭ ވަޒީރަށް އަމާޒުކޮށްފައި މިވަނީ، މާލޭގެ ހެންވޭރު ކަށިމާ ހިނގުމާއި ދޫހިމެރި މަގުގައި ތަކުރާރުކޮށް މީހުންނަށް އުނދަގޫކުރާ މީހެއްގެ މައްސަލައިގައި އިންސާފު ހޯދުމަށް ގޮވާލައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސްޕޯކްސްޕާސަން މުޙައްމަދު ސައީދު ގާތްގަނޑަކަށް 35 ގަޑިއިރު ވަންދެން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރިއަށްގެންގޮސްފައިވާ ދަނޑިވަޅެއްގައެވެ.
އެ ހާދިސާއަކީ އަޙްމަދު ފައިރިޝް ނަމަކަށް ކިޔާ މީހެއްގެ ފަރާތުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިމަތިވަމުންދާ އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފު ދުއްތުރާތަކާ ގުޅިގެން ހިނގައިދިޔަ ކަމެކެވެ. އެގޮތުން ކުޑަކުދިން ތިބޭ ވަގުތުތަކުގައި ހަޑިހުތުރު ބަހުން މުއާމަލާތް ކުރުމާއި، މަގުމަތިން ހިނގާފައިދާ މީހުންނަށް ޖިސްމާނީ ގޮތުންނާއި އަނގަބަހުން ގޯނާކުރަމުންދާތީ ކެތްނުކުރެވިގެން ސައީދު އެންމެ ފުރަތަމަ ހަޅުތާލު ފެއްޓެވީ ހެންވޭރު ޕޮލިސް ސްޓޭޝަންގެ އެތެރޭގައެވެ.
ނަމަވެސް އެތަނުގައި 14 ގަޑިއިރު ހޭދަކުރުމަށްފަހު ފުލުހުންގެ އެދުމުގެ މަތިން އެތަނުން ނިކުންނަން ޖެހުމުން، ސައީދު ވަނީ ފުލުހުންގެ އިދާރާ ކައިރީ، މަޖީދީމަގުގައި އިނދެގެން ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރިއަށްގެންގޮސްފައެވެ.
އެ ސަރަހައްދުގެ ރައްޔިތުން މައުލޫމާތު ދޭ ގޮތުގައި އެމީހާގެ ފަރާތުން ކުރިމަތިވާ އުނދަގޫތަކުގެ ތެރޭގައި މަގުން ހިނގާބިނގާވެ އުޅޭ މީހުންނާ ދިމާލަށް ހުތުރު ބަހުން ހަޅޭއްލެވުމާއި، މަގުމައްޗަށް ސައިކަލު ނެރުމާއި ބަންދު ބޯޑުތައް ދަމައިގެން މަގު ބަންދުކޮށް ޓްރެފިކަށް ހުރަސްއެޅުން ހިމެނެއެވެ. މީގެއިތުރުން މީހުން ދިރިއުޅޭ ގެތަކަށް ކުނި އުކުމާއި، އޭނާ ދިރިއުޅޭ އިމާރާތުގެ ބެލްކަނީގައި ހުރެ މަގުމަތީގައި ތިބޭ މީހުންގެ ގަޔަށް ތެލާއި ފެން އުކުން ފަދަ ނުރައްކާތެރި އަމަލުތައް ވެސް އޭނާ ދަނީ ތަކުރާރުކޮށް ހިންގަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް