ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުވާ މީހާ ދޫކުރި ނިންމުން ހައިކޯޓު ބާޠިލުކޮށްފި
13 އަހަރުގެ ކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތުގައި އަތްލި ކަމުގެ ތުހުމަތުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު ޝަރުޠުތަކާއެކު ދޫކޮށްލުމަށް ދަށު ކޯޓަކުން ނިންމި ނިންމުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކުރި އިސްތިއުނާފަކަށް ބަލައި ހައިކޯޓުން މިއަދު ބާޠިލުކޮށްފި އެވެ.
ތުހުމަތުވާ މީހާ ހައްޔަރުކުރީ 2024 ވަނަ އަހަރުގެ ފެބްރުއަރީ 14 ގައެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން ދައުވާ އުފުލުމަށްފަހު، އެ އަހަރުގެ އެޕްރީލް 14 ގައި އޭނާ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އަމުރުކުރިއެވެ. ނަމަވެސް ބަންދު މުރާޖަޢާކޮށްދިނުމަށް އޭނާ އެދުމުން، ދަށު ކޯޓުން ވަނީ ޝަރުޠުތަކާއެކު އޭނާ ދޫކޮށްލާފައެވެ.
އެ ނިންމުމަށް ދަށު ކޯޓުން ބަލާފައިވަނީ ހެކިންގެ ބަޔާން ނަގައި ނިމިފައިވުމާއި، އޭނާގެ ކުށުގެ ރެކޯޑެއް ނެތުމުން ކުށް ތަކުރާރުކުރާނެ ކަމަށް ނުބެލެވުމާއި، ގިނަ ދުވަހު ބަންދުގައި ހުރުމުން ހާލަތު ބަދަލުވެފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ނިންމުންތަކަށް ރިޢާޔަތްކޮށް ހައިކޯޓުން ކަނޑައަޅާފައިވަނީ، ހެކިބަސް ނަގައި ނިމުމަކުން ހެކިންނަށް ނުފޫޒު ފޯރުވުމުގެ ފުރުޞަތު ނެތިގެން ނުދާނެ ކަމަށެވެ. ތުހުމަތުވާ މީހާ ދިރިއުޅެނީ އަނިޔާ ލިބުނު ކުއްޖާގެ ގޭގެ ދޮރުމަތީގައި ކަމުން، އެފަދަ ފުރުޞަތު ބޮޑުކަން ވެސް ކޯޓުން ފާހަގަކޮށްފައިވެއެވެ. ކުށުގެ ރެކޯޑެއް ނެތުމަކީ ފުރަތަމަ ބަންދުކުރިއިރު ވެސް އޮތް ހާލަތަކަށްވާތީ، އެއީ ފަހުން ބަދަލުވި ހާލަތެއް ކަމަށް ނުބެލެވޭނެ ކަމަށް ވެސް ހުކުމުގައި ބުނެފައިވެއެވެ.
ސުޕްރީމް ކޯޓުގެ ޤަޟިއްޔާތަކާ ހަވާލާދީ ހައިކޯޓުން ބަޔާންކުރީ، މައްސަލަ ލަސްވެގެން ބަންދުގައި ދިގު މުއްދަތެއް ހޭދަވުމަކީ ޚާއްޞަ ޤާނޫނުގެ ދަށުން ދޫކޮށްލަންޖެހޭ ޤާނޫނީ ސަބަބެއް ނޫން ކަމަށެވެ. އެފަދަ ހާލަތުގައި ޙައްލަކީ މައްސަލަ އަވަހަށް ތާވަލުކޮށް ނިންމުން ކަމަށް ކޯޓުން ބުނެއެވެ. އަދި މުޖުތަމަޢުގެ ކުޑަކުދިން ރައްކާތެރިކުރެވޭނެ ހަރުދަނާ ޝަރުޠުތަކެއް ދަށު ކޯޓުގެ އަމުރުގައި ހިމަނާފައި ނުވާކަން ވެސް ހައިކޯޓުން ފާހަގަކޮށްފައިވެއެވެ.
ފަނޑިޔާރު ޙުސައިން މަޒީދު ރިޔާސަތު ބެލެހެއްޓެވި މި މައްސަލައިގެ ޙުކުމް ކުރެއްވީ، އެ ފަނޑިޔާރާއި ފަނޑިޔާރު ޙުޒައިފާ މުޙައްމަދާއި ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމްގެ އިއްތިފާޤުންނެވެ. ތުހުމަތުވާ މީހާ އަލުން ބަންދުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް ހަތް ދުވަހުގެ ތެރޭގައި ދަށު ކޯޓަށް ހުށަހަޅައިފިނަމަ، އެ ހުށަހެޅުމާމެދު ކުރު މުއްދަތެއްގެ ތެރޭގައި ގޮތެއް ނިންމުމަށް ވެސް ހައިކޯޓުން އަމުރުކޮށްފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް