ރާއްޖެފަދަ ޤައުމުތަކަށް ތަރިކަ ގެއްލުމަކީ އަލުން ނުހޯދޭނެ ފަދަ މުހިންމު އިލްމެއް ގެއްލިގެންދިއުން: ވަޒީރު ހީނާ
ދިވެހިރާއްޖެ ފަދަ ޤައުމުތަކަށް، ސަގާފީ ތަރިކަ ގެއްލުމަކީ ހަމައެކަނި އާސާރީ ތަނެއް ގެއްލުން ނޫން ކަމަށާއި ޤައުމީ ވަންތަކަމާއި، ޖަމާއީ ހަނދާންތަކާއި، އަދި އަލުން ނުހޯދޭނެ ފަދަ މުހިންމު އިލްމެއް ގެއްލިގެންދިއުން ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ
އެކަމަނާ މި މޭރުމުން ވާހަކަފުޅު ދެއްކެވީ އޭޝިއަން އެލަޔަންސް ފޯ ކަލްޗަރަލް ހެރިޓޭޖް (އޭސީއެޗްއޭ) ގެ ކައުންސިލް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ ސަގާފީ ތަރިކައަކީ ޤައުމީ ވަންތަކަމުގެ މައިބަދަ ކަމަށެވެ. އަދި އިންޑިއާ ކަނޑުގެ މެދުގައި އޮތް ޖަޒީރާ ދިވެހި ޤައުމަކީ ޒަމާނުއްސުރެ ކަނޑުދަތުރުފަތުރުގެ ގުޅުންތަކުން ބައްޓަންވެފައިވާ ތަނެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަމާޒަކީ ދިވެހިރާއްޖެ، 2040 ވަނަ އަހަރާ ހަމައަށް ތަރައްޤީ ވެފައިވާ ޤައުމަކަށް ހެދުން ކަމަށާ އެގޮތުން ޤައުމީ ސިޔާސަތުތަކާއި، މުއައްސަސާތަކަށް ގެނެވޭ އިސްލާހުތަކާއި، އަދި ތަރައްޤީގެ ކަންކަން ބިނާވެފައިވަނީ މި ދުރު ރާސްތާ ތަސައްވުރުގެ އިސްކަންދީގެން ކަމަށް ވަޒީރު ވިދާޅުވި އެވެ.

މީގެ އިތުރުން ދިވެހީންގެ މާދަރީ ދިވެހިބަހާއި، އަމިއްލަ އިލްމާއި، އަދި ރާއްޖެ ފަދަ ކުދި މުޖުތަމައުތަކުގެ ސަގާފީ ސިފަތައް ޑިޖިޓަލް ދުނިޔޭގައި ތަމްސީލުވާންޖެހޭ ކަމަށް ވެސް ވަޒީރު ހީނާ ވިދާޅުވި އެވެ.

އޭޝިއަން އެލަޔަންސް ފޯ ކަލްޗަރަލް ހެރިޓޭޖް (އޭސީއެޗްއޭ) ގެ ކައުންސިލްގެ ބައްދަލްވުމުގައި ބައިވެރިވެވަޑައިގަތުމަށް ފަންނާއިސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ޗައިނާއަށް ކުރައްވާ މި ދަތުރުފުޅަކީ އޮކްޓޫބަރު މަހުގެ 16 އިން 20 އަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް