މާލޭގެ ބިންތަކަށް ގޯތި އިމާރާތްކުރަން އިކުއިޓީގެ ގޮތުގައި އެއްމިލިއަން ރުފިޔާގެ އެހީ
ހެލްޕް ޓު ބިލްޑް ސްކީމުން އާއިލީ ބިމެއްގައި އެކަކަށްވުރެ ގިނަ މިލްކުވެރީން އެކުވެގެން އިމާރާތެއް ކުރަން ބޭނުންވެއްޖެނަމަ ބޮލަކަށް 200,000ރ ގެ މަގުން 1,000,000ރ އާ ހަމައަށް ލޯނުގެ އިކުއިޓީ ހަމަޖައްސައިދޭން ނިންމައިފި އެވެ.
ސަރުކާރުން މިއަދު ވަނީ އަމިއްލަ ބޯހިޔާވަހިކަން ހޯދައިދިނުމަށް މަގުފަހިކުރުމުގެ ގޮތުން ސަރުކާރުން ތައާރަފުކުރި "ނެޝަނަލް ހޯމް އޯނާޝިޕް ޕްރަގްރާމް" ގެ ދަށުން ކުރިއަށް ގެންދާ އިކުއިޓީ އެހީތެރިކަން ދޭ "ހެލްޕް ޓު ބިލްޑް އަދި ހެލްތް ޓު ބައި" ސްކީމްތައް ތަންފީޒު ކުރުމަށް މާލީ ހަތަރު އިދާރާއަކާއެކު އެއްބަސްވުމެއް ގާއިމުކޮށްފަ އެވެ.
ހެލްޕް ޓު ބިލްޑް ސްކީމުން ދިރިއުޅޭނެ އެކަށީގެންވާ ތަނެއް ނެތް ބިންވެެރީންނަށް ގެދޮރު އިމާރާތްކުރުމަށް ބޭންކު ލޯނު ހޯދުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. މިބައި އަމާޒުކޮށްފައިވަނީ މާލެ އާއި އަތޮޅުތަކަށެވެ. ހުޅުމާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ގިރާވަރުފަޅު ނުހިމެނެ އެވެ.
މި ސްކީމުން އެއް މިލިއަން ރުފިޔާގެ ލޯނެއްގެ އިކުއިޓީއަށް 200,000ރ އާ ހަމައަށް ސަރުކާރުން އެހީ ދޭނެ އެވެ. އަދި އާއިލީ ބިމެއްގައި އެކަކަށްވުރެ ގިނަ މިލްކުވެރީން އެކުވެގެން އިމާރާތެއް ކުރަން ބޭނުންވެއްޖެނަމަ ބޮލަކަށް 200,000ރ ގެ މަގުން 1,000,000ރ އާ ހަމައަށް ލޯނުގެ އިކުއިޓީ ހަމަޖައްސައިދޭނެ އެވެ. މި އުސޫލު ހިންގާނީ މާލީގެ ބިންތަކަށް އެކަންޏެވެ.
މިއީ އަނބުރާ ދައްކަން ނުޖެހޭ އެހީއެއް ނަމަވެސް 20 އަހަރުތެރޭ އެ އިމާރާތް ވިއްކާލައިފިނަމަ އެ ފައިސާ އަނބުރާ ދައްކަން ޖެހެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް