ފްލެޓް ގަތުމާއި ގެ އެޅުމަށް ބޮލަކަށް 200،000ރ އެހީ، މާލީ ހަތަރު އިދާރާއަކާއެކު އެއްބަސްވުން ހަދައިފި
އަމިއްލަ ބޯހިޔާވަހިކަން ހޯދައިދިނުމަށް މަގުފަހިކުރުމުގެ ގޮތުން ސަރުކާރުން ތައާރަފުކުރި "ނެޝަނަލް ހޯމް އޯނާޝިޕް ޕްރަގްރާމް" ގެ ދަށުން ކުރިއަށް ގެންދާ އިކުއިޓީ އެހީތެރިކަން ދޭ "ހެލްޕް ޓު ބިލްޑް އަދި ހެލްތް ޓު ބައި" ސްކީމްތައް ތަންފީޒު ކުރުމަށް މާލީ ހަތަރު އިދާރާއަކާއެކު އެއްބަސްވުމެއް ގާއިމުކޮށްފި އެވެ.
ހައުސިން މިނިސްޓްރީން މިއަދު ވަނީ ބީއެމްއެލް އާއި އެމްއައިބީ އާއި އެޗްޑީއެފްސީ އާއި އެމްއެފްއެލްސީ އާ އެކު އެއްބަސްވުމެއް ގާއިމުކޮށްފަ އެވެ.
ސަރުކާރުން ބުނީ ވޯލްޑް ބޭންކު ގުރޫޕްގެ ފަންނީ އެހީތެރިކަމާއެކު ދާދި ފަހުން ނިންމި މޯލްޑިވްސް އާބަން ޑިވެލޮޕްމަންޓް އެންޑް ރީކޮންސްޓްރަކްޝަން ޕްރޮޖެކްޓް (އެމްޔޫޑީއާރުޕީ) ގެ ދިރާސާތަކުން ދައްކާފައިވާ ގޮތުގަައި ގިނަ އާއިލާތަކަށް ގެދޮރު އެޅުމަށާއި ގަތުމަށް ދިމާވާ އެންމެ ބޮޑު ހުރަހަކީ ބެންކުތަކުން ކަނޑައަޅާ އިކުއިޓީ ޕޭމަންޓް ދެއްކުމުގައި ދިމާވާ ދަތިތައް ކަމަށާ ސަރުކާރުން ތަޢާރަފުކޮށްފައިވާ "ނޭޝަނަލް ހޯމް އޯނާޝިޕް ޕްރަގްރާމް" ގެ ދަށުން މިއަދު އިތުރުކުރެވިގެންދިޔަ ދެ ބައިގެ މަގްސަދަކީ އެ ހުރަސްތައް ނައްތާލާ ގޯއްޗެއް އޮވެމެ މާލީ ދަތިތަކުގެ ސަބަބުން މިހާތަނަށް ގެދޮރު އިމާރާތް ކުރެވިފައިނުވާ މީހުންނާއި އަލަށް ގެދޮރު ގަންނަ މީހުންނަށް މާލީ އެހީތެރިކަން ދިނުން ކަމަށެވެ.

ހެލްޕް ޓު ބިލްޑް ސްކީމުން ދިރިއުޅޭނެ އެކަށީގެންވާ ތަނެއް ނެތް ބިންވެެރީންނަށް ގެދޮރު އިމާރާތްކުރުމަށް ބޭންކު ލޯނު ހޯދުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. މިބައި އަމާޒުކޮށްފައިވަނީ މާލެ އާއި އަތޮޅުތަކަށެވެ. ހުޅުމާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ގިރާވަރުފަޅު ނުހިމެނެ އެވެ.
މި ސްކީމުން އެއް މިލިއަން ރުފިޔާގެ ލޯނެއްގެ އިކުއިޓީއަށް 200,000ރ އާ ހަމައަށް ސަރުކާރުން އެހީ ދޭނެ އެވެ. އަދި އާއިލީ ބިމެއްގައި އެކަކަށްވުރެ ގިނަ މިލްކުވެރީން އެކުވެގެން އިމާރާތެއް ކުރަން ބޭނުންވެއްޖެނަމަ ބޮލަކަށް 200,000ރ ގެ މަގުން 1,000,000ރ އާ ހަމައަށް ލޯނުގެ އިއުކިޓީ ހަމަޖައްސައިދޭނެ އެވެ. މި އުސޫލު ހިންގާނީ މާލީގެ ބިންތަކަށް އެކަންޏެވެ.

މިއީ އަނބުރާ ދައްކަން ނުޖެހޭ އެހީއެއް ނަމަވެސް 20 އަހަރުތެރޭ އެ އިމާރާތް ވިއްކާލައިފިނަމަ އެ ފައިސާ އަނބުރާ ދައްކަން ޖެހެ އެވެ.
ހެލްޕް ޓު ބައި ސްކީމްގެ ދަށުން ޕީޕީސީ އުސޫލުން ޑިވެލޮޕަރުން އަޅާފައިވާ 1.5 މިލިއަން ރުފިޔާގެ އެފޯޑަބަލް ހައުސިން ޔުނިޓެއް ގަތުމަށް 250,000ރ އާ ހަމައަށް އެހީ ދޭނެ އެވެ. މިއީ 2024 ގައި ފެށި "ހިޔާވަހި" ސްކީމާއި ވަކީން ހިންގޭ ސްކީމެކެވެ.
މީގެ އިތުރުން ރިއަލް އެސްޓޭޓް އުސޫލުން މާކެޓް އަގުގައި ވިއްކާ ޔުނިޓެއް އަލަށް ގަންނަ މީހަކަށް ވެސް 250,000ރ އާ ހަމައަށް އެހީ ދޭނެ އެވެ. މި އެހީ ދޭނީ މާލީ އިދާރާ މެދުވެރިކޮށް ސީދާ ޑިވެލޮޕަރަށެވެ. އަދި ގަންނަ މީހާ ދައްކަންޖެހޭ އަގުން އެ މިންވަރު އުނިކުރެވޭނެ އެވެ.

މި ޕްރަގްރާމްގެ ދަށުން އެހީ ލިބޭނީ އެދޭ މީހާގެ ނަމުގައި އިމާރާތްކޮށްފައިވާ އެހެން އެއްވެސް ބިމެއް ނުވަތަ ގޯއްޗެއް ނެތް މީހުންނަށެވެ. އަދި އިމާރާތްކުރާ ބިމަކީ އެދޭ މީހާ ނުވަތަ އެދޭ މީހުންގެ އަމިއްލަ މިލްކަކަށްވާން ޖެހޭނެ އެވެ.
މި ލޯނު މައިގަނޑު ގޮތެއްގައި ދިރިއުޅޭނެ ގެއެއް އެޅުމަށް ބޭނުންކުރަން ޖެހުނު ނަމަވެސް އިމާރާތުގެ ބައެއް ވިޔަފާރި އުސޫލުން ބޭނުންކުރުމުގެ ހުއްދަ ލިބޭނެ ކަމަށްވެސް ސަރުކާރުން ބުންޏެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް