ރަސްމާލޭ މަޝްރޫޢު ހިންގާ ކުންފުންޏަށް ލިބޭ އާމްދަނީންވެސް 3.1 ބިލިއަން ޑޮލަރު ލިބޭނެ
ރަސްމާލޭ މަޝްރޫއު ހިނގާ ކުންފުންޏަށް ލިބޭ އާމްދަނީން އެކަނިވެސް ދައުލަތުގެ ބައިތުލްމާލަށް 3.1 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް މިދިޔަ މަހުގެ 29 ގައި ފޮނުއްވި ސިޓީއަށް، މި މަހުގެ 15 ގައި ދެއްވި ޖަވާބުގައެވެ. އެ މަޝްރޫއާ ގުޅިގެން އާންމުންގެ ތެރޭގައި އުފެދެމުންދާ ސުވާލުތަކަށް ޖަވާބު ހޯދުމަށް މެމްބަރު އެދިވަޑައިގެންނެވީ މައިގަނޑު 20 ކަމެއްގެ ތަފްސީލެވެ. މިނިސްޓަރު ދެއްވި ޖަވާބުތައް މެމްބަރުގެ ވެބްސައިޓުގައި މިއަދު އާންމުކުރައްވާފައިވެއެވެ.
މިނިސްޓަރުގެ ޖަވާބުގައިވާ ގޮތުން، އީގަލް ހިލްސްއާއެކު ސޮއިކޮށްފައިވަނީ، މާލިއްޔަތު ގަވާއިދުގެ 10.22 ގެ (ނ) ގެ ދަށުން، އަމިއްލަ ފަރާތްތަކުން ހުށަހަޅާ މަޝްރޫއުތަކާ ގުޅޭ އުސޫލުގެ ދަށުންނެވެ. އަދި މިހާތަނަށް ސޮއިކޮށްފައިވަނީ، ކޮމާޝަލް ޓާމްސް އެއްބަސްވުމެއްގައި ކަމަށާއި، 99 އަހަރުގެ ކުލީގެ މުއްދަތާ ގުޅޭ ގޮތުން ފައިނަލް އެއްބަސްވުމުގައި ސޮއިކުރާނީ، ގާނޫނުއަސާސީއާއި ގާނޫނުތަކާ އެއްގޮތްވާ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ. އެއްވެސް ތަނެއްގެ ކުލީގެ މުއްދަތު އޮޓޮމެޓިކުން އާވާ ގޮތަށް އެއްބަސްވެފައި ނުވާނެ ކަމަށްވެސް އެ ޖަވާބުގައި ބުނެފައިވެއެވެ.
ބިމުގެ ޕްރިމިއަމްގެ ގޮތުގައި ޑިވެލޮޕަރުގެ ޖުމްލަ އާމްދަނީގެ %10 ދައުލަތަށް ދައްކަންޖެހޭނެ ކަމަށާއި، އެއީ 10 އަހަރުދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 3.1 ބިލިއަން ޑޮލަރު ކަމަށް މިނިސްޓަރު ފާހަގަކުރައްވާފައިވެއެވެ. ބާޒާރުގައި ޕްރޮޕަޓީގެ އަގު މައްޗަށް ދާއިރު އެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރާއިރު، އޭގެ ތެރެއިން، 500 މިލިއަން ޑޮލަރު އެޑްވާންސްކޮށް ހައުސިން މަޝްރޫއަށް ދައްކަން ކޮމާޝަލް ޓާމްސްގައި އެއްބަސްވެފައިވެއެވެ. ރަސްމާލޭގައި ހިންގާ އިގްތިސާދީ ހަރަކާތްތަކުން ދައުލަތަށް ޓެކްސް ލިބޭނެ ކަމަށާއި، ފަތުރުވެރިކަމުގެ ސިނާއަތާ ހިލާފަށް މި މަޝްރޫއަށް އިމްޕޯޓް ޑިއުޓީ މާފެއް ނުކުރާނެ ކަމަށްވެސް އެ ޖަވާބުގައިވެއެވެ. ހުޅުމާލޭގައި އެ ކުންފުނިން ކުރިއަށް ގެންދާ 5,000 ހައުސިން ޔުނިޓުގެ މަޝްރޫއަށް ދައުލަތުން އެއްވެސް މާލީ ޒިންމާއެއް ނުއުފުލާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ބޭރު ފައިސާ ރާއްޖޭގެ އިގްތިސާދުގައި ދައުރުކުރުމަށް ހާއްސަ ފިޔަވަޅުތައް އަޅާފައިވާކަންވެސް މިނިސްޓަރު ފާހަގަކުރައްވާފައިވެއެވެ. އެގޮތުން، ޑިވެލޮޕަރުގެ ކޮންޓްރެކްޓަރުންނަށް ފައިސާ ދައްކާނީ އެމްއެމްއޭގެ ލައިސަންސް ލިބިފައިވާ ރާއްޖޭގެ ބޭންކަކުން ކަމަށާއި، އޮފްޕްލޭންކޮށް ޔުނިޓް ގަންނަ ފަރާތްތަކުގެ ފައިސާ ފުރަތަމަ ޖަމާކުރާނީ، ރާއްޖޭގެ ބޭންކެއްގައި ހުޅުވާ އެސްކްރޯ އެކައުންޓަކަށެވެ. އެ ފައިސާ ޑިވެލޮޕަރަށް ދޫކުރާނީ މަޝްރޫއު ކުރިއަށްދާ ނިސްބަތަށް ބެލުމަށްފަހު ކަމަށާއި، ސެކަންޑަރީ ބާޒާރުގެ މުއާމަލާތްތައްވެސް ހިންގާނީ ރާއްޖޭގެ ބޭންކެއް މެދުވެރިކޮށް ކަމަށް އެ ޖަވާބުގައިވެއެވެ.
މަޝްރޫއު ނުނިމިއްޖެނަމަ ވާނެ ގޮތް މައިގަނޑު އެއްބަސްވުމުގައި ހިމަނާނެ ކަމަށް ވިދާޅުވެ މިނިސްޓަރު ވިދާޅުވީ، މި މަޝްރޫއުން އެއްވެސް ތަނެއް ބޭރުގެ އެއްވެސް ފަރާތަކަށް މިލްކު ކުރުމަށް އެއްބަސްވެފައެއްނުވާނެ ކަމަށާއި އަދި ހުރިހާ ތަނެއްވެސް ކުއްޔަށް ދޭނީ ރާއްޖޭގެ ގާނޫނާއި ގަވައިދާ އެއްގޮތަށް ކަމަށެވެ.
ދިވެހިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިއްކި ރަސްމާލެއަށް މި މަޝްރޫއުގެ ސަބަބުން ސަރުކާރުގެ ބޯހިޔާ ސިޔާސަތަށް ހުރަސެއް ނާޅާނެ ކަމަށާއި، މަޝްރޫއުން 54,000 ވަޒީފާ އުފެދި، މަސައްކަތް ނިމުމުން ދާއިމީ 15,000 ވަޒީފާ އުފެދޭނެ ކަމަށް ލަފާކުރާ ކަމަށް މުއްތަލިބް ވިދާޅުވެފައިވެއެވެ. ރަސްމާލެ ހިންގަނީ ބައިނަލްއަގުވާމީ އެންމެ ރަނގަޅު އުސޫލުތަކާ އެއްގޮތަށް ކަމަށާއި، މި މަޝްރޫއުގެ ސަބަބުން ބޭރު ގައުމުތަކާ އޮންނަ ގުޅުމަށް އަސަރުކުރާނެ ކަމަށް ނުބެލެވޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް