ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީ، އިތުރު ފަރުވާއަށް ނަވަލޯކާ ހޮސްޕިޓަލަށް
ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމުގެ ތުހުމަތުގައި ހައްޔަރުކުރުމަށްފަހު ކަފާލާތުގެ ދަށުން ގެއަށް ބަދަލުކޮށްފައިވާ ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ އިތުރު ފަރުވާއަށް ނަވަލޯކާ ހޮސްޕިޓަލަށް ބަދަލުކޮށްފިއެވެ.
ކޮރަޕްޝަނާއި ރިޝްވަތުގެ މައްސަލަތައް ބަލާ ކޮމިޝަނުން (ސީ.އައި.އޭ.ބީ.އޯ.ސީ)އިން ވަނީ މިމަހުގެ 7 ވަނަ ދުވަހު ޝިރާންތީ ހައްޔަރުކޮށްކޯޓަށް ގެންގޮސް ތަހްގީގަށް ބަންދުކޮށްފައެވެ. ނަމަވެސް ސއިްހީ ހާލަތު ގޯސްކަމުން ޝިރާންތީ ވަނީ ކަފާލާތުގެ ދަށުން މިނިވަންވުމަށްފަހު ފަރުވާ ހޯދަން ސްރީލަންކާގެ ނެޝަނަލް ހޮސްޕިޓަލަށް ބަދަލުވެފައެވެ. އަދި ހާލަތު ގޯސްވެ އެންމެފަހުން މިހާރު ވަނީ ނަވަލޯކާ ހޮސްޕިޓަލަށް ބަދަލުވެފައި ކަމަށް ލަންކާގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
ޝިރާންތީގެ މައްޗަށް ކުރަމުންގެންދާ ދައުވާތަކަށް ބަލާއިރު، އެންމެ ފާހަގަކޮށްލެވެނީ، ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގެވެ.
މީގެ އިތުރުން ޗައިނާ ސަރުކާރުން ހަދިޔާކުރި ސްކޭން މެޝިނެއް، އެކަމަނާގެ އަމިއްލަ އެއްޗެއްގެ ގޮތުގައި ހޮސްޕިޓަލަކަށާް ހަދިޔާކުރި މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ. މި ހުރިހާ ކަމެއްގެ ތަހްގީގް ކުރިއަށްދާއިރު، "ސިރިލިޔާ ސަވިޔާ" ނަމަކަށް ކިޔާ ޖަމިއްޔާއެއް އުފައްދައި އެ ޖަމިއްޔާގެ ނަން ބޭނުންކޮށްގެން އެކި ފަރާތްތަކުން އެހީދިނުމުގެ ނަމުގައި ފައިސާ އާއި އެހީ ހޯދުމުގެ އިތުރުން ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައެއްވެސް ދަނީ ބަލަމުންނެވެ. ކޮރަޕްޝަނާއި ރިޝްވަތުގެ މައްސަލަތައް ބަލާ ކޮމިޝަނުން ވަނީ، "ސިރިލިޔާ ސަވިޔާ" ޖަމިއްޔާއަކީ މަދަނީ ޖަމިއްޔާއެއްގެ ގޮތުގައި ގާނޫނީ ގޮތުން ރަޖިސްޓްރީކޮށްފައިވާ ތަނެއް ނޫންކަމަށް ބުނެފައެވެ.
އެ ޖަމިއްޔާގެ މާލީ ބަޔާންތަކާއި އަހަރީ ރިޕޯޓުތައް ވެސް ހުށަހަޅާފައި ނެތްއިރު، ފައިސާ ހޯދުމަށް އެކި މުއައްސަސާތަކަށް ފޮނުވި ސިޓީތަކުގައި ދައުލަތުގެ ރަސްމީ ނިޝާނާއި، ރައީސް އޮފީހުގެ އެޑްރެހާއި ފޯނު ނަންބަރު ބޭނުންކޮށްފައިވަނީ ނުފޫޒު ފޯރުވުމުގެ ބޭނުމުގައި ކަމަށް އެޑިޝަނަލް ސޮލިސިޓަރ ޖެނެރަލް ވަނީ ތުހުމަތުކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް