ތާރު ތައްޔާރުކުރުމަށް ބޭނުންވާ މާއްދާއެއް ނުލިބިގެން ސްރީލަންކާގެ މަގުތައް ހެދުން މަޑުޖެހުމަކަށް
ސްރީލަންކާގައި މިހާރު ކުރިއަށްދާ މަގު ހެދުމުގެ ގިނަ މަޝްރޫއުތަކެއް، ތާރު ތައްޔާރުކުރުމަށް ބޭނުންވާ މައިގަނޑު މާއްދާއެއް ކަމަށްވާ ބިޓުމަން (bitumen) ލިބުން ދަތިވުމުގެ ސަބަބުން ވަރަށް ބޮޑަށް މަޑުޖެހިފައިވާ ކަމަށް އެގައުމުގެ މަރުކަޒީ ބޭންކުން ހާމަކޮށްފިއެވެ.
މިކަން ކުރިމަތިވާން ދިމާވި މައިގަނޑު ސަބަބަކީ މެދުއިރުމަތީގެ މަސްރަހު ގޯސްވެ، އެ ސަރަހައްދުން ތަކެތި އެތެރެކުރުމަށް ހުރަސްތަކެއް ކުރިމަތިވުމެވެ. ޚާއްސަކޮށް، ސްރީލަންކާއަށް އެންމެ ގިނައިން ބިޓުމަން ސަޕްލައިކުރާ އީރާނުން ތަކެތި ގެނައުމުގައި ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.
ސްރީލަންކާގެ ރޯޑް ޑިވެލޮޕްމަންޓް އޮތޯރިޓީން ބުނާ ގޮތުގައި، މަގުތައް މަރާމާތުކޮށް ބެލެހެއްޓުމަށް މަހެއްގެ މައްޗަށް ގާތްގަނޑަކަށް 20,000 މެޓްރިކް ޓަނުގެ ބިޓުމަން ބޭނުންވެއެވެ. ނަމަވެސް، މިދިޔަ ފެބްރުއަރީ މަހުން ފެށިގެން އީރާނުން ތަކެތި ލިބުން ދަތިވުމާ ގުޅިގެން، މިހާރު މަސައްކަތް ކުރަމުންދަނީ ޗައިނާ، އިންޑިއާ، މެލޭޝިއާ އަދި ތައިލެންޑް ފަދަ އެހެން ގައުމުތަކުން މި މާއްދާ ހޯދުމަށެވެ. އެހެންނަމަވެސް، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މުދާ އުފުލުމާއި އިންޝުއަރެންސްގެ ކަންކަން ހުރި ގޮތުން މިކަމަށް ވަނީ އިތުރު އުނދަގޫތަކެއް ކުރިމަތިވެފައެވެ.
އިމާރާތްކުރުމުގެ ދާއިރާގެ އެހެން މަސައްކަތްތައް ކުރިއަރަމުންދިޔަ ނަމަވެސް، މަގު ހެދުމުގެ މަޝްރޫއުތަކަށް މިވަނީ ބޮޑު ހުރަހެއް ކުރިމަތިވެފައެވެ. މީގެ އިތުރުން، ހުނަރުވެރި މަސައްކަތްތެރިން ލިބުން ދަތިވުމަކީވެސް މިވަގުތު އެގައުމުގެ ކޮންސްޓްރަކްޝަން ދާއިރާއަށް ކުރިމަތިވެފައިވާ އަނެއް މައްސަލައެވެ. މި ހުރިހާ ގޮންޖެހުންތަކަކާއެކުވެސް، އަލަށް ލިބެމުންދާ މަޝްރޫއުތަކުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި މި ދާއިރާ އަލުން އިއާދަވާނެ ކަމުގެ އުންމީދު އޮތް ކަމަށް މަރުކަޒީ ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް