ފަތުރުވެރިކަމަށް ރަށްރަށް ކުއްޔަށް ދިނުމުގައި 6 އަތޮޅަކަށް ޚާއްޞަ ލުއިތަކެއް ދީފި
ކްރޮސް ސަބްސިޑީގެ ދަށުން ފަތުރުވެރިކަމުގެ ބޭނުމަށް ރަށާއި، ބިމާއި ފަޅު ކުއްޔަށް ދޫކުރުމުގެ ގަވާއިދަށް ގެނައި އިޞްލާޙަކާ ގުޅިގެން، ރާއްޖޭގެ ހަ އަތޮޅެއްގެ ލީޒް އެކުއިޒިޝަން ކޮސްޓް ހިސާބުކުރާ ރޭޓުތަކަށް ޓޫރިޒަމް މިނިސްޓްރީން ލުއިތަކެއް ދީފިއެވެ.
އެ މިނިސްޓްރީން ޢާންމުކުރި އިޢުލާނުގައިވާ ގޮތުން، ދެ އަހަރު ދުވަހުގެ މުއްދަތަށް މި ޚާއްޞަ ކޮންސެޝަން ރޭޓުތައް ހަމަޖައްސާފައިވަނީ ހއ، ހދ، ށ، ތ، ލ އަދި އައްޑޫ އަތޮޅަށެވެ. އަލަށް ޢަމަލުކުރަން ފެށި އުޞޫލުގެ ދަށުން ލީޒް އެކުއިޒިޝަން ކޮސްޓް ބަލާނީ މައިގަނޑު ތިން ބައެއްގެ މައްޗަށް ބިނާކޮށެވެ. އެއީ ބޭސް ރޭޓާއި، ބިމުގެ ބޮޑުމިނަށް ބަލައި ހެކްޓަރެއްގެ ރޭޓުން ޖެހޭ އަދަދުގެ އިތުރުން، ސައިޒް ޕްރީމިއަމް ހިމަނައިގެންނެވެ. އެގޮތުން ކަނޑައަޅާފައިވާ ރޭޓުތަކުގެ ތެރޭގައި:
400,000 އެމެރިކާ ޑޮލަރުގެ ބޭސް ރޭޓަކާއެކު ހެކްޓަރަކަށް 35,000 ޑޮލަރު
700,000 އެމެރިކާ ޑޮލަރުގެ ބޭސް ރޭޓަކާއެކު ހެކްޓަރަކަށް 60,000 ޑޮލަރު ހިމެނެއެވެ.
މި އުޞޫލުގެ ދަށުން 20 ހެކްޓަރާއި 40 ހެކްޓަރާ ދެމެދުގެ ބިންތަކުން ސައިޒް ޕްރީމިއަމް ނުނަގާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. ނަމަވެސް، 41 ހެކްޓަރަށް ވުރެ ބޮޑެތި ބިންތަކުން ސައިޒް ޕްރީމިއަމްގެ ގޮތުގައި 500,000 ޑޮލަރު ދައްކަން ޖެހޭނެއެވެ.
އިޢުލާނުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، ރަށެއްގެ ބިމުގެ ބޮޑުމިން ކަނޑައަޅާނީ މީން ޓައިޑް ލައިނުގެ އެތެރޭގައިވާ ސަރަޙައްދު ސަރވޭކުރުމަށް ފަހުގައެވެ. އަދި ފަޅު ހިއްކުމުގެ ހުއްދަ ދޫކުރުމަށް ހަމަޖެހިފައިވަނީ، ހިއްކަން ކަނޑައަޅާ ސަރަޙައްދުގެ އެކުއިޒިޝަން އަގު ދެއްކުމުންނެވެ. އެގޮތުން ހިއްކާ ބިމުގެ އެކުއިޒިޝަން ކޮސްޓް ބަލާނީ، އެ އަތޮޅަކަށް ކަނޑައެޅިފައިވާ ހެކްޓަރެއްގެ ރޭޓު ހިއްކާ ސަރަޙައްދުގެ ބޮޑުމިނާ ގުނަކުރުމުން ނުކުންނަ އަދަދުގެ 70 އިންސައްތައެވެ.
މި ލުއިތަކަކީ ފަތުރުވެރިކަން ކުރިއެރުވުމަށް އެކަށީގެންވާ ސަމާލުކަން ލިބިފައިނުވާ ސަރަޙައްދުތަކުގައި އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަގުފަހިކުރުމުގެ ގޮތުން ދެ އަހަރުގެ މުއްދަތަށް ދީފައިވާ ލުއިތަކެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް