އަދީބުގެ ސުވާލެއް، ކޮންމެކަމެއް ހައްލުކުރަން ސީދާ މިނިސްޓަރު ނިކުންނަވަން ޖެހޭތަ؟
ރައްޔިތުންނާއި އެމީހުންގެ އާއިލާތަކުގެ އިތުރުން އަވަށްޓެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކޮންމެ ފަހަރަކު ވަޒީރު ތަންތަނަށް ވަޑައިގަންނަވަން ޖެހޭތޯ، ޖާނީގެ ގްލޯބަލް ރިކަވަރީ ކޯޗު އަލީ އަދީބު ސުވާލު އުފައްދަވައިފިއެވެ.
އަދީބު މި ސުވާލު އުފައްދަވާފައިވަނީ، ހެންވޭރު ކަށިމާ ހިނގުމާއި ދޫހިމެރި މަގުގައި ތަކުރާރުކޮށް އާންމު އުނދަގޫކުރާ މީހެއްގެ މައްސަލަ ހައްލުނުވެ ފުލުހުންގެ މަރުކަޒެއް ކައިރީ މީހަކު ކުރި އިހުތިޖާޖަކާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓްގައި އަދީބް ވިދާޅުވެފައިވަނީ، އާންމު ރައްޔިތަކަށް އޭނާއާއި އާއިލާއާއި އަވަށްޓެރިންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އިހުތިޖާޖްކުރާ ކޮންމެ ފަހަރަކު މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ސީދާ އެތަންތަނަށް ވަޑައިގަންނަވާ ހިސާބަށް ދާންޖެހުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެގޮތުން އާދައިގެ ރައްޔިތަކަށް ރައްކާތެރިކަން ހޯދުމަށް މިވަރުގެ ބޮޑު މަސައްކަތެއް ކުރަން ޖެހެންވީ ކީއްވެގެންތޯވެސް އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.
އަދި މިފަދަ މައްސަލަތައް އޮމާންކަމާއެކު ޙައްލުކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުވެފައި ނެތްތޯ އާއި ރައްޔިތުން ދައްކާ ޓެކްސް ފައިސާއިން މަހުން މަހަށް ބޮޑެތި މުސާރަ ނަގައިގެން މިފަދަ ކަންކަމުގެ ޒިންމާ އުފުލަން ތިބި މުވައްޒަފުންނާއި އިދާރާތައް ކޮބައިތޯވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ކޮންމެ ކަމަކަށް މިނިސްޓަރު ސީދާ ތަންތަނަށް ދަށްވެވަޑައިގަންނަވަން ޖެހޭ ގޮތަށް ނިޒާމު ބައްޓަންވެފައިވާނަމަ، ވަޒީރު ބަލިވެވަޑައިގެންފި ހާލަތެއްގައި ރައްޔިތުންގެ ކަންކަން ހާލަތު ދެން ހުންނާނީ ކިހިނެތްތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.
މި ޕޯސްޓުގައި ވަކި ޚާއްޞަ ހާދިސާއެއްގެ ތަފްޞީލު ހާމަކޮށްފައި ނުވިނަމަވެސް، މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ވަކިވަކި ވެރިންނަށް ބަރޯސާވުމުގެ ބަދަލުގައި، ރައްޔިތުންގެ ރައްކާތެރިކަމާ ގުޅޭ މައްސަލަތައް އަމިއްލައަށް ހިނގާނެ ފަދަ ހަރުދަނާ، ތަރުތީބުވެފައިވާ ނިޒާމެއް ޤާއިމުވެފައި އޮތުމުގެ މުހިންމުކަމުގެ މައްޗަށްކަން އަދީބްގެ ވާހަކަތަކުން ފާހަގަކުރެވޭކަމަށް އެކަމާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް