ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުޅާ ނުވިހާގޮތް ހެދުމުގެ ޕްރޮގްރާމެއް
ކުޅުދުއްފުށީގެ ބުޅަލުގެ އާބާދީ ކޮންޓްރޯލުކުރުމަށްޓަކައި، އެ ރަށުގެ ބުޅާތައް ހިފައި ނިއުޓާކުރުމަށްފަހު އަލުން ދޫކޮށްލާ ޕްރޮގްރާމެއް ސިޓީ ކައުންސިލުން މިއަދު ފަށައިފިއެވެ.
ނިއުޓާކުރުމަކީ ބުޅަލުގެ ދަރިމައިވާ ގުނަވަންތައް ނަގާ ސާޖަރީއެކެވެ. އެ އޮޕަރޭޝަން ޢާންމުކޮށް ހަދަނީ ބުޅާ ދަރިމައިވުން ހުއްޓުވުމާއި، ހޯމޯންތަކުގެ ސަބަބުން ބުޅަލުގެ އުޅުމަށް އަންނަ ބަދަލުތައް ކޮންޓްރޯލުކުރުމަށެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ، މި ޕްރޮގްރާމުގެ ދަށުން ރަށުގައި އުޅޭ ޢާންމު ބުޅާތައް ހިފައި ނިއުޓާކުރުމަށްފަހު އަނބުރާ ވެއްޓަށް ދޫކޮށްލާނެ ކަމަށެވެ. މި ހަރަކާތް ފަށާފައިވަނީ ކައުންސިލުގެ އިސްނެގުމުގައި ކަމަށްވެސް އެ ކައުންސިލުން ބުނެއެވެ.
ސިޓީ ކައުންސިލުން ބުނާ ގޮތުގައި، މި މަސައްކަތުގެ އަމާޒަކީ އިންސާނިއްޔަތާއި ދެމެހެއްޓެނިވިކަން ހިމެނޭ ނިޒާމެއްގެ ތެރެއިން، ސަލާމަތް ގޮތެއްގައި ރަށުގެ ބުޅަލުގެ ޢަދަދު ހަނިކުރެވޭނެ ގޮތް ހޯދުމެވެ.
ބުޅަލުގެ ޢަދަދު އިތުރުވުމަކީ މާލެ ސަރަހައްދުގައިވެސް ބޮޑު މައްސަލައެކެވެ. އެ މައްސަލަ ހައްލުކުރުމަށް ހުޅުމާލޭގައި ފެސިލިޓީއެއް ޤާއިމުކޮށްފައިވީ ނަމަވެސް، އެ ތަނަށް ބޭނުންވާ ވަރަށް ބުޅާ ނުގެންދާ ކަމުގެ ޝަކުވާ ދޭތެރެއަކުން އުފެދެއެވެ.
މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެ ވަޢުދުފުޅު ފުއްދުމުގެ މަސައްކަތުގެ ތެރެއިން، ބުޅަލާއެކު އުޅުމުގެ ވިސްނުން މުޖުތަމަޢުގައި ކުރިއެރުވުމަށް "ޕްރޮޖެކްޓް ބައުކަލޯ" ގެ ނަމުގައި ހަރަކާތެއް ސަރުކާރުން މި މަހު ފަށާފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް