ރިވެލި ރެސްޓޯރަންޓް ހުސްކުރުން ހުއްޓުވި ވަގުތީ އަމުރު ސިވިލް ކޯޓުން ބާތިލުކޮށްފި
ކުލި ނުދެއްކުމުގެ ސަބަބުން ރިވެލި ބީޗް ކްލަބް އެންޑް ރެސްޓޯރަންޓް ހިންގާ ބިމުގެ އެއްބަސްވުން އެޗްޑީސީން ބާތިލުކުރި މައްސަލައިގައި، އެ ރެސްޓޯރެންޓުގެ ހިންގުމަށް ހުރަސް ނާޅަން އެޗްޑީސީގެ މައްޗަށް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު މިއަދު ބާތިލުކޮށްފިއެވެ.
އެ ވަގުތީ އަމުރަކީ އެޗްޑީސީ ހާޒިރު ނުވެ އޮއްވައި ނެރުނު އަމުރެކެވެ. އެ އަމުރުގައި އޮތީ ރެސްޓޯރެންޓުގެ ވިޔަފާރި ހުއްޓޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށާއި، އެފަދަ ކަމެއް ކޮށްފައިވާ ނަމަ އެ ކަމެއް އިޔާދަކުރުމަށެވެ. ނަމަވެސް އެޗްޑީސީން އެ އަމުރު މުރާޖައާ ކޮށްދިނުމަށް އެދުމުން ކޯޓުން މިއަދު ނިންމީ އެ އަމުރު ދެން ދެމެހެއްޓުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ.
ކޯޓުގެ ނިންމުމުގައި ބުނެފައިވާ ގޮތުން، އެޗްޑީސީގެ ޣައިރު ހާޒިރުގައި ނެރުނު ވަގުތީ އަމުރު ދެމި އޮތުމުން އެ ކުންފުންޏަށް ހައްޤު ނޫން ބުރައެއް އުފުލަންޖެހެއެވެ. އޭގެ އިތުރުން، ޝަރީޢަތުން ސޮލާރިސްގެ ކޮޅަށް ނިމިއްޖެ ނަމަ ލިބޭ ގެއްލުމަށް މާލީ ބަދަލު ހޯދޭނެ ފުރިހަމަ އިންތިޒާމެއް އޮތް ކަމަށް ވެސް ނިންމުމުގައިވެއެވެ.
މި މައްސަލައިގެ ފެށުމުގައި ސޮލާރިސް ކުންފުނިން ދައުވާ ފޯމާ އެކު ވެސް ވަގުތީ އަމުރަކަށް އެދުނެވެ. އެހެން ނަމަވެސް ސިވިލް ކޯޓުން އެ ފަހަރު ނިންމީ އެ އަމުރު ނެރެދެވެން ނެތް ކަމަށެވެ. ސޮލާރިސް އިން ހައި ކޯޓުގައި އެ ނިންމުން އިސްތިއުނާފު ކުރި ނަމަވެސް، މިހާތަނަށް އެ މައްސަލައިގައި ހައި ކޯޓުން ވެސް ވަކި ގޮތެއް ކަނޑައެޅި ކަމެއް ސިވިލް ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައެއް ނުވެއެވެ. ފުރަތަމަ ވަގުތީ އަމުރު ނެރެ ނުދިން ފަހުން ހާލަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް ވެސް ކޯޓުން ބުނެފައިވެއެވެ.
އެޗްޑީސީން ބުނެފައިވާގޮތުން ހުޅުމާލެ ރުއްގަނޑު 1 ސަރަހައްދުގައި ހުންނަ ރިވެލި ރެސްޓޯރެންޓް ހިންގާ ކުންފުނިން ކުލީގެ ގޮތުގައި ގާތްގަނޑަކަށް ފަސް މިލިއަން ރުފިޔާ ދައްކަން އެބައޮތެވެ.
އަދި އެއްބަސްވުން ހެދީއްސުރެ ކޮންމެ މަހަކު ގަވާއިދުން ކުލި ދައްކާފައި ނުވާ ކަމަށާއި، އެންމެ ފަހުން ވެސް ދެއްކީ ކުލީގެ ބައެއް ކަމަށްވެސް ބުންޏެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް