ޑަބްލިއުއެޗްއޯގެ ސައުތު-އީސްޓް އޭޝިއާ ރީޖަނަލް ޑިރެކްޓަރުގެ މަގާމަށް ރާއްޖެއިން ޑރ. ޖަމްޝީދުގެ ނަން ހުށަހަޅައިފި
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ޑިރެކްޓަރުގެ މަގާމަށް، ރާއްޖޭގެ ފަރާތުން ޑރ. އަހުމަދު ޖަމްޝީދު މުހައްމަދުގެ ނަން ހުށަހަޅައިފިއެވެ.
މިނިސްޓްރީ އޮފް ހެލްތުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޑަބްލިއުއެޗްއޯގެ ސައުތު-އީސްޓް އޭޝިއާގެ ރީޖަނަލް ޑިރެކްޓަރުގެ މަގާމަށް ރާއްޖޭގެ ކެންޑިޑޭޓެއްގެ ގޮތުގައި ޑރ. އަހުމަދު ޖަމްޝީދުގެ ނަން އިއުލާނު ކުރަނީ އުފަލާއެކު ކަމަށެވެ.
އަދި މިއީ ސަރަހައްދީ ފެންވަރުގައި ސިއްހީ ލީޑަޝިޕާއި އެއްބާރުލުން ދިނުމުގައި ރާއްޖެއިން ކުރިއަށްއެޅި މުހިންމު ފިޔަވަޅެއް ކަމަށް ވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
ޑރ. ޖަމްޝީދަކީ ސިއްހީ ދާއިރާގެ އިސް މަގާމުތަކާއި ސިއްހީ ޑިޕްލޮމަސީގައި ގިނަ އަހަރުތަކެއް ވަންދެން އަގުހުރި ހިދުމަތްތަކެއް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.
އެގޮތުން، މިހާރު ޑަބްލިއުއެޗްއޯއިން ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބުގެ ޒިންމާ އަދާކުރައްވަމުން ގެންދަވާ ޑރ. ޖަމްޝީދު ވަނީ މީގެކުރިން އުތުރު ކޮރެއާގައި ހުންނަވާ އެ ޖަމްއިއްޔާގެ މަންދޫބުގެ މަގާމު ވެސް ފުރުއްވާފައެވެ.
ތައުލީމީ ގޮތުން ބަލާއިރު، ޑރ. ޖަމްޝީދު ފުރަތަމަ ޑިގްރީ (އެމްބީބީއެސް) ފުރިހަމަކުރެއްވީ އަވަށްޓެހި އިންޑިއާގެ މަޝްހޫރު އިންދިރާ ގާންދީ މެޑިކަލް ކޮލެޖުންނެވެ. އޭގެފަހުން އޭނާ ވަނީ އިނގިރޭސިވިލާތުގެ ލަންޑަން ސްކޫލް އޮފް ހައިޖީން އެންޑް ޓްރޮޕިކަލް މެޑިސިން އިން ޕަބްލިކް ހެލްތުގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައެވެ.
ޑަބްލިއުއެޗްއޯގެ ސައުތު-އީސްޓް އޭޝިއާ ސަރަހައްދަށް އާ ރީޖަނަލް ޑިރެކްޓަރަކު އައްޔަންކުރުމަށްޓަކައި، ކެންޑިޑޭޓަކު ނޮމިނޭޓު ކުރުމުގެ ބައްދަލުވުން އޮންނާނީ އަންނަ ޖެނުއަރީ މަހު ބާއްވާ ރީޖަނަލް ކޮމިޓީގައެވެ. އަދި މި މަގާމަށް ބޭފުޅަކު ރަސްމީކޮށް ހަމަޖައްސާނީ، އެ ކޮމިޓީގެ ހުށަހެޅުމާ އެއްގޮތްވާ ގޮތުގެ މަތިން، 25 ޖެނުއަރީން 2 ފެބްރުއަރީއަށް ސްވިޒަލެންޑުގެ ޖެނީވާގައި ކުރިއަށްދާ ޑަބްލިއުއެޗްއޯގެ އެގްޒެކެޓިވް ބޯޑުގެ 160 ވަނަ ސެޝަންގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް