އާއްމުންނަށް އުނދަގޫކުރާ ފައިރިޝް ޝަރީޢަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކޮށްފި
އާއްމުންނަށް އުނދަގޫކުރާ މައްސަލައިގައި ހައްޔަރުކޮށް، ފަރުވާއަށް ފޮނުވާފައި ހުއްޓައި ފިލި އަޙްމަދު ފައިރިޝް، ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.
ފައިރިޝް އެންމެ ފުރަތަމަ ހައްޔަރުކުރީ، މުޙައްމަދު ސައީދު މިދިޔަ މަހުގެ 17 ގައި ހެންވޭރު ޕޮލިސް ސްޓޭޝަނުގައި ކުރިއަށް ގެންދެވި ބަނޑުހައިހޫނުކަމުގެ ހަޅުތާލަކާ ގުޅިގެންނެވެ. އެ ހަޅުތާލު ފެށީ ފައިރިޝް ޢާންމުންނަށް އުނދަގޫކުރާ މައްސަލަ ޙައްލު ނުވެ ދިގުލައިގެން ދިޔުމުން ކަމަށް ސަޢީދު އޭރު ވިދާޅުވުއެވެ.
ފައިރިޝް ހައްޔަރުކުރުމުން ކްރިމިނަލް ކޯޓުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖެހި ނަމަވެސް، ފުލުހުންގެ ބެލުމުގެ ދަށުން ކ. ހިންމަފުށީ ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އަށް ފަރުވާއަށް ބަދަލުކުރިއެވެ.
އެންޑީއޭގައި ހުއްޓައި ނިމުނު މަހުގެ 31 ވަނަ ދުވަހުގެ މެންދުރުފަހު ފައިރިޝް ފިލައިގެން ގޮސްފައިވެއެވެ. ނަމަވެސް ޖެހިގެން އައި ދުވަހު، މާލެއިން އޭނާ ހޯދައި އަލުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އިއްޔެ ބޭއްވި ބަންދު މަޖިލީހުގައި، ތަޙުޤީޤުކުރާ އޮފިސަރު ވިދާޅުވީ ފައިރިޝް ބޭއަދަބީ ބަސް ބޭނުންކޮށް މަގުމަތީގައި ހުރި މީހަކަށް ބިރު ދައްކައި އިންޒާރު ދީފައިވާ ކަމަށެވެ.ދިފާޢުގައި ފައިރިޝް ބުނީ އޭނާ އެއްވެސް މީހަކަށް ބިރު ނުދައްކާ ކަމަށާއި، އެހެން މީހަކު އޭނާގެ ކަރުގައި ހިފި ކަމަށެވެ. ދެ ފަރާތުގެ ވާހަކަތަކަށް ބެލުމަށް ފަހު، ދޫކޮށްލައިފި ނަމަ ޢާންމު މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ ކުރިމަތިވެދާނެ ކަމަށް ނިންމައި ކޯޓުން އަމުރުކުރީ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށެވެ.
ފައިރިޝް ކުރިން ވެސް މިފަދަ މައްސަލަތަކުގައި ބަންދުކުރި ނަމަވެސް، ދޫކޮށްލާ ކޮންމެ ފަހަރަކު އަނެއްކާ ވެސް މީހުންނަށް އުނދަގޫކުރާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް