ނަމަކަށް މުޙައްމަދު ކިޔާތީ އޫބާ ޑްރައިވަރަކަށް އަނިޔާކޮށް މަރާލަން އުޅެފި؛ ހާލު ވަރަށް ސީރިއަސް
އެމެރިކާގެ މިނެސޯޓާ ސްޓޭޓްގެ މިނިއަޕޮލިސްގައި، އޫބާ ޑްރައިވަރެއްގެ ގޮތުގައި މަސައްކަތްކުރަމުން ދިޔަ ސޯމާލިޔާ ދަރިކޮޅުގެ މުސްލިމަކު، އޭނާގެ ނަމަކީ "މުޙައްމަދު" ކަމަށް ބުނުމުން ފަސިންޖަރަކު އޭނާ މަރާލަން މަސައްކަތްކޮށްފިއެވެ.
މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބުނު އުމުރުން 51 އަހަރުގެ މުޙައްމަދު ޔޫސުފް މިހާރު އޮތީ ކޯމާއެއްގައި ކަމަށާއި، އޭނާގެ ފުރާނަ ސަލާމަތްކުރުމަށް ޑޮކްޓަރުން އަންނަނީ މަސައްކަތް ކުރަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.
ކޯޓު ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ނޮވެމްބަރު 14 ވީ ހޮނިހިރު ދުވަހުގެ ދަންވަރު 12:47 ހާއިރުއެވެ. މުޙައްމަދު ޔޫސުފް އޭނާގެ ކާރަށް އެރުވީ އުމުރުން 25 އަހަރުގެ ސަމިތު އަޕޫރްވާ ޕަޓޭލް ނަމަކަށް ކިޔާ ފަސިންޖަރެކެވެ. އެ ވަގުތު މުޙައްމަދު ދިޔައީ އޭނާގެ ކޮއްކޮއާ ފޯނުން ވާހަކަދައްކަމުންނެވެ. ދަތުރުގެ ތެރެއިން ޕަޓޭލް އޭނާގެ ނަން އެހުމުން "މުޙައްމަދު" އޭ ބުނުމުން، ޕަޓޭލް ވަނީ ހަޑިހުތުރު ބަހުން އެ ނަން ކަމުނުދާ ކަމަށް ބުނެ ނުރުހުން ފާޅުކޮށްފައެވެ.
އޭގެ އިރުކޮޅެއް ފަހުން ކާރުތެރޭގައި ހަމަނުޖެހުން ހިނގައި، ސީޓުބެލްޓު ބޭނުންކޮށްގެން މުޙައްމަދުގެ ކަނދުރާގައި ބާރަށް ހިފަހައްޓައި ނޭވާ ހާސްކޮށްލަން ޕަޓޭލް މަސައްކަތް ކުރިއެވެ. އަދި ކާރުން އޭނާ ބޭރަށް ވައްޓާލުމަށްފަހު، ކާރުން އޭނާގެ ގައިމައްޗަށް އަރުވައި ދުއްވައި، މަގުގެ އަރިމަތީގައި އޮތް ކާނުގަނޑެއްގެ ތެރެއަށް އެއްލާލުމަށްފަހު ފިލައިގެން ދިޔައެވެ.
ފޯނު ކެނޑުމުގެ ކުރިން މުޙައްމަދު ހަޅޭއްލަވަމުން، "ސީޓުބެލްޓުން އަހަރެންގެ ކަރު އަޅުވައިފި" އަދި "އަހަރެންގެ ގައިމައްޗަށް ކާރު ދުއްވައިފި" ކަމަށް ބުނި އަޑު އޭނާގެ ކޮއްކޮއަށް އިވުނު ކަމަށް ތަހުގީގަށް ވަނީ ބުނެދީފައެވެ.
ފުލުހުންނަށް މުޙައްމަދު ފެނިފައިވަނީ އޭނާ އަޅައިގެން ހުރި ސްމާޓްވޮޗްގެ އެހީގައި، މިނިއަޕޮލިސްގެ ހުޅަނގުގައި އޮންނަ ހޮޕްކިންސްގެ ކާނުގަނޑެއްގެ ތެރެއިންނެވެ. މި ހަމަލާގެ ސަބަބުން މުޙައްމަދުގެ މައިބަދައަށާއި، ފައިގެ ކަށިގަނޑުތަކަށާއި، އަރިކަށީގެ ކަށިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ފުއްޕާމޭ ފަޅައިގެން ގޮސް އެތެރެހައްޓަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އަދި އެތެރެހަށްޓަށް ލޭއެޅުމުގެ ސަބަބުން ބައެއް ގުނަވަންތައް އޮޕަރޭޝަންކޮށްގެން ވަނީ ނަގަން ޖެހިފައެވެ. ހޮސްޕިޓަލުގެ ޑޮކްޓަރުން ބުނެފައިވަނީ އޭނާ ސަލާމަތްވުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކުރި ސަމިތު ޕަޓޭލްގެ މައްޗަށް ހެނެޕިން ކައުންޓީގެ ޕްރޮސެކިއުޓަރުން ވަނީ ދެވަނަ ދަރަޖައިގެ މަރުގެ ހަމަލާއެއް ދިނުމުގެ ދައުވާއާއި، ކާރު ފޭރިގަތުމުގެ ދައުވާ އުފުލައި، އެއް މިލިއަން ޑޮލަރުގެ ކަފާލާތެއް ކަނޑައަޅައި ބަންދުކޮށްފައެވެ.
މި އަނިޔާވެރި އަމަލަކީ ނަސްލީ އަދި ދީނީ ނަފްރަތުގެ ސަބަބުން ހިންގި އަމަލެއް ކަމަށް ބަލައި ފުރިހަމަ ތަހުގީގެއް ހިންގުމަށް، އެމެރިކާގެ ސޯމާލީ ކޮމިއުނިޓީއާއި އިސްލާމީ ޖަމްއިއްޔާއެއް ކަމަށްވާ ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސް (ކެއާ-އެމްއެން) އިން ވަނީ ގޮވާލާފައެވެ. ނަމަވެސް ޕްރޮސެކިއުޓަރުން ބުނަނީ އެކަމަށް ނަފްރަތުގެ ކުށެއް (ހޭޓް ކްރައިމް) ގެ ގޮތުގައި އިތުރު އަދަބެއް ކަނޑައެޅޭ މިންވަރަށް މިވަގުތަށް ހެކި ލިބިފައި ނުވާ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް