ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 56 ބޭފުޅަކަށް އަދި ޚާއްޞަ އިނާމު 57 ބޭފުޅަކަށް ދޭން ނިންމައިފި
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 56 ބޭފުޅަކަށް އަދި މަތީ ދަރަޖައިގެ ޚާއްޞަ އިނާމު 57 ބޭފުޅަކަށް ދެއްވުމަށް ނިންމަވައިފިއެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި މާދަމާރޭ 8:30 ގައި ޒުވާނުންގެ މަރުކަޒުގެ މާލަމުގައި ބާއްވާ މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އެ ބޭފުޅުންނަށް އިނާމު ދެއްވާނެއެވެ.
ދައުލަތަށް ޚިދުމަތް ކުރެއްވި 56 ބޭފުޅުންނަށް ޝަރަފުގެ ބެޖަކާއި އައްޑަނައަކާއި ހަނދާނީ ލިޔުމެއް ދެއްވާ އިރު، ޚާއްޞަ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަށް މެޑެއްޔަކާއި ހަނދާނީ ލިޔުމެއް ދެއްވާނެއެވެ. ދައުލަތީ ޚިދުމަތުގެ އިނާމަށް ބޭފުޅުން ކަނޑައެޅުއްވީ ޤައުމީ އިނާމާ ބެހޭ ކޮމިޓީން ކަމަށާއި، ޚާއްޞަ އިނާމަށް ބޭފުޅުން ހޮއްވެވީ ޚާއްޞަ އިނާމާ ބެހޭ ކޮމިޓީން ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
ޚާއްޞަ އިނާމު ލިބިވަޑައިގަންނަވާ 57 ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކުރެއްވުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވި ހަ ބޭފުޅުންނާއި، ލެވެލް 7 ނުވަތަ 8 ނުވަތަ 9 ގެ ސަނަދެއް ހާސިލުކުރެއްވުމުގައި އެންމެ މަތީ ވަނަ ހޯއްދެވި 50 ބޭފުޅުންނާއި، ބައިނަލްއަޤުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން އެންމެ މަތީ ވަނަ ހޯދައިގެން އިނާމު ހާސިލުކުރި އެއް ފަރާތެކެވެ.
މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވެސް 35 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް އިނާމު ދެއްވާފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް