ނަފްސާނީ ދުޅަހެޔޮކަން މަތީ ދެމިތިބުމަށް މަސައްކަތް ކުރުމަކީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެއް: މިނިސްޓަރ ޤީލާ
ފުރިހަމަ ސިއްހަތެއްގައި ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން މަތީ ދެމިތިބުމަށް މަސައްކަތް ކުރުމަކީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެއް ކަމަށް ވިދާޅުވެ، މިއަދު ފެށުނު "ހެލްތު އެންޑް ފެމިލީ އެކްސްޕޯ" ގައި މިނިސްޓަރ ޤީލާ ޢަލީ ވާހަކަފުޅު ދައްކަވައިފިއެވެ.
މިއަދު ފެށިގެންދިޔަ މި އެކްސްޕޯގެ މައިގަނޑު މަޤްޞަދަކީ ސިއްހީ އަދި އިޖުތިމާއީ ހިދުމަތްތަކާ ގުޅޭ ގޮތުން އާންމު ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމާއި، މި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކުން ދޭ ހިދުމަތްތައް ދައްކާލުމެވެ. އަދި ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބޭނުންވާ މައުލޫމާތާއި އެހީތެރިކަން ފޯރުކޮށްދީ، އިޖުތިމާއީ ގޮތުން ބަދަހި މުޖުތަމައެއް ގާއިމު ކުރުމަށް ބާރުއެޅުމަކީ ވެސް މި އެކްސްޕޯގެ މުހިންމު ބޭނުމެކެވެ.
މި މުޖުތަމައުގައި ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުންދާ މި ދަނޑިވަޅުގައިދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތައް ގެންނަން މިވަނީ މަޖުބޫރުވެފަ . ކަސްރަތު ކުރުމާ ރަނގަޅު ކާނާ ބޭނުން ކުރުމާ ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވުން ފަދަ ކަންކަމަކީ އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގެ ބައެއްގެ ގޮތުގައި ހަދަންޖެހޭމީގެ އިތުރުން އާއިލީ ދުޅަހެޔޮކަން އިތުރު ކުރުމާ އެކި އުމުރުފުރައިގެ މީހުންގެ މެދުގައި އެއްބައިވަންތަކަން އިތުރު ކުރުމަށް މަސައްކަތް ކުރަންޖެހޭ ، އަދި ފުރިހަމަ ސިއްހަތެއްގައި ނަފްސާނީ ދުޅަހެޔޮކަން މަތީ ދެމިތިބުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑުމެން ކޮންމެ ފަރުދެއްގެ ވެސްޒިންމާއެއް .
މީގެ އިތުރުން އާއިލީ ދުޅަހެޔޮކަން އިތުރު ކުރުމަށާއި، އެކި އުމުރުފުރައިގެ މީހުންގެ މެދުގައި އެއްބައިވަންތަކަން އާލާކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް ވެސް ވަޒީރު ގޮވާލެއްވިއެވެ.
"ދުޅަހެޔޮ އުފާވެރި ޖީލަކަށް އެންމެން އެކުގައި" މި ޝިއާރުގެ ދަށުން މިއަހަރުގެ އެކްސްޕޯ ކުރިއަށްދާއިރު، ސިއްހީ އަދި އިޖުތިމާއީ ދާއިރާގެ ގިނަ ފަރާތްތަކަކުން ބައިވެރިވެ، 60 އަށް ވުރެ ގިނަ ސްޓޯލް ވަނީ ބަހައްޓާފައެވެ. މިއީ މީގެ ކުރީ އަހަރުތަކާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، މިއިން ދޭހަކޮށްދެނީ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް އެންމެން އެކަތިގަނޑަކަށްވެ މަސައްކަތްކުރަން ތައްޔާރަށް ތިބި މިންވަރު ކަމަށެވެ.
މިދިޔަ 2025 ވަނަ އަހަރު ބޭއްވި ހެލްތް އެކްސްޕޯއަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބި، ދުވާލަކު 10،000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވާކަން ފާހަގަކުރައްވަމުން، މި އަހަރުގެ އެކްސްޕޯއަށް ވެސް އާންމުންގެ ބޮޑު ޝައުގުވެރިކަމެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
ޒަމާނީ ފަންނުވެރިކަމާއި އާ ޓެކްނޮލޮޖީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ތައާރަފުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވަމުންގެންދަވާ އެއް މަސައްކަތްކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާއަށް ވަޒީރު ވަނީ ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ. އަދި މި އެކްސްޕޯއިން ފެނިގެންދާ އައު ހިދުމަތްތަކާއި ވަސީލަތްތަކަކީ މި އަމާޒަށް ވާސިލުވުމަށް ލިބޭ ބޮޑު ހިތްވަރެއް ކަމަށްވެސް ވިދާޅުވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން މިނިސްޓަރ ވަނީ އެކްސްޕޯ އިންތިޒާމްކުރުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށާއި، ސްޕޮންސަރުންނަށާއި، ސިއްހީ ދާއިރާގެ އެންމެހާ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި މި ހަރަކާތް އިތުރަށް ފުޅާކޮށް، ދިވެހި މުޖްތަމަޢަކީ ބަލިތަކުން ދުރުހެލިވެފައިވާ ހަށިހެޔޮ، އުފާވެރި މުޖުތަމަޢަކަށް ހެދުމަށް އެންމެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހެޔޮ ތައުފީޤު މިންވަރުކުރެއްވުމަށް އެދި ދުޢާ ދަންނަވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް