އިންޑިޔާގެ ސްކޫލެއްގައި ހިންގި އަނިޔާވެރި މާރާމާރީގެ މައްސަލައެއްގައި 8 އަހަރުގެ ކުއްޖަކު ބަންދުކޮށްފި
ސްކޫލެއްގެ ތެރޭގައި ހިންގި މާރާމާރީއެއްގެ މައްސަލައިގައި އުމުރުން އެންމެ 8 އަހަރުގެ ފިރިހެން ކުއްޖަކު ބަންދު ކުރުމަށްފަހު، ޚާއްޞަ ޝަރުތުތަކަކާ އެކު ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ޕަންޗްކުލާގެ ޖުވެނައިލް ޖަސްޓިސް ބޯޑު (ޖޭޖޭބީ) އިން އަމުރުކޮށްފިއެވެ.
މި ކުއްޖާ ދޫކޮށްލާފައިވަނީ ކުއްޖާއަށް ފޯނު ބޭނުންކުރުން މަނާކުރުމަށާއި، ކައުންސިލިންގ އަދި ބިހޭވިއަރަލް ތެރަޕީ ދިނުމަށް މައިންބަފައިން އިޤުރާރުވުމާ ގުޅިގެންނެވެ.
ގްރޭޑް 3 ގައި ތަޢުލީމު ޙާޞިލުކުރަމުންދާ މި ކުއްޖާގެ ފަރާތުން ބޯޑުގައި ވަކާލާތުކޮށްފައިވަނީ އޭނާގެ ބައްޕައެވެ. ކަފާލާތަށް އެދި ހުށަހެޅި ލިޔުމުގައި މައިންބަފައިން ވަނީ ކުއްޖާ ބެލެހެއްޓުމުގެ ފުރިހަމަ ޒިންމާ ނަގައި، އާއިލީ ރަނގަޅު މާޙައުލެއްގައި ތަރުބިއްޔަތާއި ތަޢުލީމު އަދި ރަނގަޅު މަގު ދެއްކުމަށް އެއްބަސްވެފައެވެ.
އަދި ކަމާބެހޭ އިދާރާތަކުން ލަފާދޭ ގޮތުގެ މަތިން ކައުންސިލިންގ އާއި ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ފުރިހަމަކުރުމަށާއި، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ބޭނުންވާ ފަރުވާ ދިނުމަށް ވެސް ޝަރުތުކޮށްފައިވެއެވެ.
މީގެއިތުރުން، މި ކުއްޖާއަކީ މީގެކުރިން އެއްވެސް ކުށުގެ ރެކޯޑެއް އޮތް ކުއްޖެއް ނޫން ކަމަށާއި، ތަޙުޤީޤަށް ފުރިހަމައަށް އެއްބާރުލުން ދީފައިވާ ކުއްޖެއް ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ބަންދުގައި ގިނަ ދުވަހު ބެހެއްޓުމަކީ ކުއްޖާގެ ތަޢުލީމަށާއި ކުރިއެރުމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ. މީގެކުރިން މި ކުއްޖާ ބަހައްޓާފައި ހުރީ އަމްބާލާގައި ހުންނަ ކުޑަކުދިން ބަލަހައްޓާ މަރުކަޒެއް، އޮބްޒަވޭޝަން ހޯމް އެއްގައެވެ.
ކުއްޖާގެ ބައްޕަ ވަނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ބެހޭ ޤާނޫނުގެ ދަށުން އިތުރު މައްސަލައެއް ވެސް ހުށަހަޅާފައެވެ. އެއީ މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައްޔާއި އާންމު ޕްލެޓްފޯމްތަކުގައި ދައުރުވަމުންދާ ވީޑިއޯތަކާއި ފޮޓޯތައް ނެގުމަށް އަމުރުކޮށްދިނުމަށެވެ. އެފަދަ ތަކެތީގެ ސަބަބުން ކުއްޖާ ދެނެގަނެވި، ފުރައްސާރައާއި ތަފާތުކުރުންތަކާ ކުރިމަތިލާން ޖެހިދާނެތީއެވެ.
މި ހުށަހެޅުމާ ގުޅިގެން ޖުވެނައިލް ޖަސްޓިސް ބޯޑުން ވަނީ، މާރާމާރީގެ ވީޑިއޯތައް 15 ދުވަހުގެ ތެރޭގައި ސޯޝަލް މީޑިއާއިން ނެގުމަށް ކަމާބެހޭ ފަރާތްތަކަށް އަމުރުކޮށްފައެވެ. އަދި ޖީއެމްސީއެޗް-32 ގެ ރިޕޯޓަކާ ޙަވާލާދީ، ކުއްޖާގެ ކިބައިން ފެނިފައިވާ ނުރަނގަޅު އަޚުލާޤީ އަމަލުތަކަށް ބޭނުންވާ ފަރުވާ ދިނުމަށާއި، ކުއްޖާގެ ކިޔެވުމަށް އެއްވެސް ބުރޫއެއް ނޭރުވުމަށް ވެސް ވަނީ އަންގާފައެވެ.
މި މައްސަލަ ބަލަމުންދަނީ އިންޑިއާގެ ޤާނޫނުލްޢުޤޫބާތު (ބާރަތިޔާ ނިޔާޔާ ސަންހިތާ) ގެ ދަށުން، ގަސްދުގައި އަނިޔާކުރުމާއި، ބޮޑެތި އަނިޔާ ދިނުމާއި، ޤާނޫނާ ޚިލާފަށް ހިފަހައްޓައި ބަންދުކުރުމުގެ ކުށުގެ ތުހުމަތުގައެވެ. މި މައްސަލަ ސެކްޓަރ 20 ގެ ޕޮލިސް ސްޓޭޝަނުގައި ވަނީ ޑެއިލީ ޑައިރީ ރިޕޯޓެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް