ލަންކާއިން ރާއްޖެއަށް 5 މިލިއަނަށްވުރެ ގިނަ ރުޕީސްގެ ބޭސް ހަދިޔާކޮށްފި
ސްރީލަންކާ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ފަސް މިލިއަން ލަންކާ ރުޕީސް (ގާތްގަނޑަކަށް ދެލައްކަ ފަންސާސް ހާސް ދިވެހި ރުފިޔާ) އަށްވުރެ އަގުހުރި އަސާސީ ބޭހުގެ ޝިޕްމަންޓެއް ހަދިޔާކޮށްފިއެވެ.
މި އެހީ ރަސްމީކޮށް ހަވާލުކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު އޮތީ މިދިޔަ ބުރާސްފަތި ދުވަހު ކޮލަމްބޯގައި ހުންނަ އެ ޤައުމުގެ މިނިސްޓްރީ އޮފް ހެލްތު އެންޑް މާސް މީޑިއާގައެވެ.
ރިޕޯޓްތައް ބުނާގޮތުގައި މިއީ ދިވެހިރާއްޖޭގެ ހެލްތު މިނިސްޓަރު ޖީލާ ޢަލީގެ އެދިވަޑައިގަތުމަކަށް ލަންކާ ސަރުކާރުން ފޯރުކޮށްދިން އެހީއެކެވެ. މި ތަކެތި ރަސްމީކޮށް ހަވާލުކޮށްދެއްވީ ސްރީލަންކާގެ ހެލްތު މިނިސްޓަރު ޑރ. ނަލިންދަ ޖަޔަތިއްސައެވެ. ރާއްޖޭގެ ފަރާތުން މި އެހީއާ ހަވާލުވެވަޑައިގަތީ ސްރީލަންކާގައި ހުންނަވާ ދިވެހި ހައިކޮމިޝަނަރު މަސްޢޫދު އިމާދެވެ.
މި އެހީ ފޯރުކޮށްދިނުމުގައި ސްރީލަންކާގެ މެޑިކަލް ސަޕްލައިޒް ޑިވިޜަނާއި، ސްޓޭޓް ފާމަސޫޓިކަލް މެނުފެކްޗަރިންގ ކޯޕަރޭޝަން (އެސްޕީއެމްސީ) ގެ އިތުރުން ޗެމްބަރ އޮފް ފާމަސޫޓިކަލް އިންޑަސްޓްރީ އޮފް ސްރީލަންކާގެ ފުރިހަމަ އެއްބާރުލުން ލިބިފައިވެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައިކޮމިޝަނަރު މަސްޢޫދު ޢިމާދު ވަނީ، ރައީސް އަނޫރާ ކުމާރަ ދިސާނަޔަކަގެ ސަރުކާރުން ވެދެއްވި މި ދީލަތި އެހީތެރިކަމަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި އަދި އަޚުވަންތަ ގުޅުމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. މި ބައްދަލުވުމުގައި ސްރީލަންކާގެ ޞިއްޙީ ވުޒާރާގެ އިސްވެރިންނާއި، ފާމަސޫޓިކަލް ދާއިރާގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި އެހީއަކީ ފަހަކަށްއައިސް ދެ ޤައުމުގެ ދެމެދުގައި ކުރެވުނު މަތީ ފަންތީގެ ދަތުރުފުޅުތަކުގެ ނަތީޖާއެއްގެ ގޮތުން ލިބުނު އެހީކަމަށް ސަރުކާރުން ވަނީ ފާހަގަކޮސްފައެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެއި މަހު ސްރީލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާއި، ލަންކާގެ ރައީސް ދިސާނަޔަކަ މިއަހަރުގެ ޖުލައި މަހު ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ފާހަގަކޮށްލެވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް