ހުޅުމާލޭގައި ކެންސަރު ބައްޔަށް ޚާއްޞަ ސެންޓަރެއް ޤާއިމުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި
ދިވެހިރާއްޖޭގައި ކެންސަރު ބައްޔަށް ފުރިހަމަ ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، ކެންސަރުގެ ޚާއްޞަ ޑައިގްނޯސްޓިކް ސެންޓަރެއް (ޑީސީއޯއެސް) ހުޅުމާލޭގައި ޤާއިމުކުރުމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ، އަދި މިއަހަރުގެ ރިޔާސީ ބަޔާނުގައި ވެސް އިޢުލާނު ކުރައްވާފައިވާ މުހިންމު ވަޢުދެކެވެ.
މީގެ ކުރިން އައިޖީއެމްއެޗްގެ ގޯތިތެރޭގައި އެޅުމަށް ނިންމާފައި އޮތް މި ސެންޓަރު ހުޅުމާލެއަށް ބަދަލުކޮށްފައިވާއިރު، މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުންނެވެ.
މަސައްކަތް ޙަވާލުކުރީ އިނގިރޭސިވިލާތުގެ ކުއަންޓަމް ހައިޓްސް ލިމިޓެޑާއި އިންޑިއާގެ އެން ވެސްކިއުލަރ ޓެކްނޮލޮޖީ ޕްރައިވެޓް ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުންޏާއެވެ.
މި އެއްބަސްވުމުގައި އެމްސީޖީއެޗްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤް ޙަލީމެވެ. އަދި މަސައްކަތް ޙަވާލުކުރި ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ އަދި ޑިރެކްޓަރ ޗިންތަން ސޯނީއެވެ.
މާލެ ސިޓީ ގުރޫޕުން ނެރުނު ބަޔާނެއްގައިވާގޮތުން، ރާއްޖޭގައި މިހާތަނަށް ލިބެން ނެތް ރޭޑިއޭޝަން ތެރަޕީގެ ޚިދުމަތް ތަޢާރަފުކުރުމަށް އަމާޒުކޮށްގެން ހަދާ މި ސެންޓަރުގައި ޒަމާނީ އެތައް ވަސީލަތްތަކެއް ހިމެނޭނެއެވެ. އެގޮތުން، އިމަޖެންސީ ރޫމް، އައިސީޔޫ، އެޑްމިޓްކޮށްގެން ފަރުވާދޭ ވޯޑުތައް، އޮޕަރޭޝަން ތިއޭޓަރު އަދި ޚާއްޞަ ޕްރޮސީޖަރ ރޫމްތައް މި ތަނުގައި ޤާއިމުކުރެވޭނެއެވެ.
މި ސެންޓަރުން ލިބިގެންދާނެ މުހިންމު ޚިދުމަތްތަކަކީ؛
ތްރީ-ޑައިމެންޝަނަލް ކޮންފޯމަލް ރޭޑިއޯތެރަޕީ، އިންޓެންސިޓީ-މޮޑިއުލޭޓެޑް ރޭޑިއޯތެރަޕީ،
އިމޭޖް-ގައިޑެޑް ރޭޑިއޯތެރަޕީ،
އެކްސްޓާނަލް ބީމް ރޭޑިއޯތެރަޕީ
ބްރެކީތެރަޕީ
މީގެ އިތުރުން ކީމޯތެރަޕީ، ސީޓީ ސިމިއުލޭޝަން އަދި ކެންސަރުގެ އޮޕަރޭޝަންތަކަށް ބޭނުންވާ ޚާއްޞަ ޑައިގްނޯސްޓިކް ފަރުވާތައް ވެސް ލިބިގެންދާނެއެވެ.
އެމްސީޖީއެޗުން މަޢުލޫމާތު ދޭ ގޮތުގައި، މަރުޙަލާތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ނިއުކްލިއަރ މެޑިސިން އަދި ޕޮޒިޓްރޯން ފަދަ އެންމެ ފަހުގެ ޓެކްނޮލޮޖީތައް ވެސް ޤާއިމުކުރެވިގެންދާނެއެވެ. އަދި ބަލިން ފަސޭހަވުމުގެ އުއްމީދު ކުޑަ ބަލިމީހުންގެ ތަދުތަކަށް ފަރުވާ ދިނުމާއި (ޕެލިއޭޓިވް ކެއާ)، މަލްޓިޑިސިޕްލިނަރީ ޓިއުމަރ ބޯޑުތައް އެކުލަވާލައި ފަރުވާ ރޭވުމުގެ ނިޒާމު ވެސް ޤާއިމުކުރެވޭނެއެވެ.
ރާއްޖޭގައި ކެންސަރު ބަލި ޖެހޭ މީހުންގެ ޢަދަދު އިތުރުވަމުން އަންނައިރު، ރޭޑިއޭޝަން ފަދަ މުހިންމު ފަރުވާތައް ލިބެން ނެތުމުގެ ސަބަބުން ގިނަ ޢާއިލާތަކަކަށް ޖެހެނީ ބޮޑު ޚަރަދުކޮށްފައި ރާއްޖެއިން ބޭރަށް ދާށެވެ. ނަމަވެސް، މި ޑައިގްނޯސްޓިކް ސެންޓަރު ޤާއިމުކުރެވި ޚިދުމަތް ދޭން ފެށުމުން، ކެންސަރުގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭ ދިއުމަށް ބޮޑު ނިމުމެއް އަންނާނެ ކަމަށް އެމްސީޖީއެޗުން ފާހަގަކުރެއެވެ.
މި މަޝްރޫޢަކީ ހަމައެކަނި ޢިމާރާތެއް އެޅުން ނޫން ކަމަށާއި، މިއީ ރާއްޖޭގެ ޞިއްޙީ ދާއިރާގެ މުވައްޒަފުން ތަރައްޤީކޮށް، ދިގު މުއްދަތަކަށް ދިވެހި ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތެއް ކަށަވަރުކުރުމަށްޓަކައި ކުރެވޭ ވަރަށް މުހިންމު އިންވެސްޓްމަންޓެއް ކަމަށް ވެސް އެ ހޮސްޕިޓަލް ގްރޫޕުން ވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް