ކޯޓުތަކާއި ފަނޑިޔާރުންގެ ގާނޫނު އިސްލާހުކުރުމުގެ ބިލު ވަރަށް އަވަހަށް ހުށަހަޅާނަން: ރައީސް
ކޯޓުތަކާ ބެހޭ ގާނޫނާއި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ހުށަހަޅައި، ރައްޔިތުންގެ މަޖިލީހަށް ވަރަށް އަވަހަށް ބިލު ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ޝަރުއީ ދާއިރާގެ ގަޟާއީ އާ އަހަރު ފެށުން ފާހަގަ ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ފާއިތުވި އަހަރެއްހާ ދުވަސް ތެރޭގައި ފަނޑިޔާރުގެ އިސްލާހު ކުރުމަށް މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް ކުރަން ގިނަ މަސައްކަތްތަކެއް އެބަހުރި ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ފަނޑިޔާރުގެ އިސްލާހުކޮށް، އަދުލު އިންސާފު ގާއިމްކުރުމުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި ކަމާބެހޭ ގާނޫނުތަކަށް އިސްލާހު ގެންނަން ޖެހޭ ކަމަށެވެ.
އެގޮތުން ފަނޑީޔާރުންގެ ގާނޫނާއި ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން މަޖިލީހަށް ވަރަށް އަވަހަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ދައުލަތް ހިންގުމުގެ ނިޒާމަށް ރައްޔިތުން ގެނައި ބޮޑު ބަދަލާއެކު ފަނޑިޔާރުގެ އިސްލާހު ކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިގެން އުޅެނީ ތެދުވެރި ނިޔަތެއްގައި ކަމަށް ރައީސް ވިދާޅުވި އެވެ. އިސްލާހު ކުރުމުގެ މަސައްކަތުގެ ނަމުގައި ވިޔަސް، ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވުމުގެ އަމަލެއް ސަރުކާރުން ނުކުރާނެ ކަމަށާއި ކުރިޔަށް އޮތް ތަނުގައިވެސް ނުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި،ރައްޔިތުން ފަނޑިޔާރުގެއަށް ކުރާ އިތުބާރު ގެއްލެން މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ ކޯޓުތަކުގައި މައްސަލަތައް ފުނި ޖެހި ޝަރީއަތުގެ މަރުހަލާ ނުނިމި ދިގުލައިގެން ދިއުމެވެ. އަދި އެހެން އެކަން ދިމާވަނީ ކޯޓުތަކުގައި އެކަށީގެންވާ ފަނޑިޔާރުންނާއި، ޖާގައިގެ ދަތިކަން ހުރުމުގެ ސަބަބުން ކަމަށާއި އެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ހުޅުމާލޭގައި ކޯޓު ކޮންޕްލެކްސް އެއް އެޅުމަށް ބިމެއް ކަނޑައަޅައި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އާ ހަވާލުކޮށްފައިވާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް