އެމްއެންޔޫގެ ހޮސްޕިޓެލިޓީ ފެކަލްޓީގެ ޑީންކަމަށް ޒުލައިޚާ ރީޝާ ރަޝާދު އައްޔަންކުރައްވައިފި
ލިޔުންތެރިޔާ
ސްޓާފް ރައިޓަރ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (އެފްއެޗްޓީއެސް) ގެ ޑީންގެ މަޤާމަށް ޒުލައިޚާ ރީޝާ ރަޝާދު އައްޔަންކޮށް އެކަމުގެ ރަސްމީ އިންވެސްޓީޗާ ރަސްމިއްޔާތު ބާއްވައިފިއެވެ.
އެމްއެންޔޫން ބުނީ މިއީ ޒުލައިޚާ ރީޝާ ރަޝާދުގެ ޢިލްމީ ލީޑާޝިޕާއި ރާއްޖޭގެ ހޮސްޕިޓެލިޓީ އަދި ފަތުރުވެރިކަމުގެ ތަޢުލީމީ ދާއިރާއަށް އެ ކަމަނާ ކުރައްވާފައިވާ ޚިދުމަތުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ނިންމެވި ނިންމެވުމެއް ކަމަށެވެ. ޒުލައިޚާ ރީޝާ ރަޝާދު ވަނީ 2024 އިން 2026 އަށް އެ ފެކަލްޓީގައި ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތްކުރައްވައިފައެވެ. އޭގެ ކުރިން 2020 އިން 2023 އަށް އަދި 2016 އިން 2018 އަށް އެ ފެކަލްޓީގައި އެސޯސިއޭޓް ލެކްޗަރާގެ މަޤާމު އަދާކުރައްވައިފައިވެއެވެ.
މަޤާމާ ހަވާލުވެވަޑައިގެންނެވި ރަސްމިއްޔާތުގައި ޑީން ޒުލައިޚާ ރީޝާ ރަޝާދު ވަނީ ފެކަލްޓީގެ ބިންގާ އިތުރަށް ވަރުގަދަކޮށް ޢިލްމީ ފެންވަރު މަތިކުރެއްވުމަށް ޢަޒުމް ކަނޑައަޅުއްވައިފައެވެ. އެ ގޮތުން ފެންވަރު ރަނގަޅު ތަޢުލީމީ ޕްރޮގްރާމްތައް ފުޅާކުރެއްވުމާއި އެކެޑެމިކް އެކްރެޑިޓޭޝަން ހޯއްދެވުމާއި ޤައުމީ ތަރައްޤީގެ އަމާޒުތަކާ ގުޅޭ ދިރާސާ ކުރިއެރުވުމަކީ އެ ކަމަނާގެ މައިގަނޑު ލަނޑުދަނޑިތައް ކަމުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޑިޖިޓަލް ވަސީލަތްތައް ތަޢުލީމީ ނިޒާމުގެ ތެރެއަށް ވެއްދެވުމާއި ދެމެހެއްޓެނިވި ކުރިއެރުމަށް ބާރު އެޅުއްވުމަކީ ވެސް އެ ކަމަނާގެ ތަޞައްވުރުގެ މުހިންމު ބައިތައް ކަމުގައި ވިދާޅުވިއެވެ. ޑީންގެ ތަޞައްވުރުގެ ޖުމްލަ މަޤްޞަދަކީ ސިނާޢަތަށް ތައްޔާރަށް ތިބި ފަންނީ ހުނަރާއި ޢިލްމު ލިބިފައިވާ އަޚްލާޤީ އަދި ފަންނީ މިންގަނޑުތަކަށް ފެތޭ ރާއްޖޭގެ ދެމެހެއްޓެނިވި ކުރިމަގަށް ޙިއްޞާކުރެވޭ ދަރިވަރުން ބިނާކުރެއްވުމެވެ.
ޒުލައިޚާ ރީޝާ ރަޝާދުގެ ކެރިއަރުގައި ހޮސްޕިޓެލިޓީ ތަޢުލީމު ހަރުދަނާކުރެއްވުމާއި ދާއިރާގެ މުސްތަޤުބަލުގެ ލީޑަރުން ތަމްރީނުކުރެއްވުމާއި އެމްއެންޔޫގެ ޢިލްމީ ކުރިއެރުމަށް މުހިންމު ދައުރެއް އަދާކުރައްވައިފައިވާ ކަމަށް އެ ޔުނިވާސިޓީން ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް