ޕީޕީއެމް އެތެރެއިން އަދީބާއި ވަރަށްބޮޑަށް ޖައްސާލި: މުއާޒް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ތެރެއިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ވަރަށް ބޮޑަށް ޖައްސާލާފައިވާކަމަށް ރައީސް ޔާމީންގެ ދައުރުގައި ރައީސް އޮފީހުގެ ސްޕޯކްސްޕާސަންގެ މަގާމު އަދާކުރެއްވި އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެއެވެ.
މުއާޒް މިހެން ވިދާޅުވީ ޕީޕީއެމްއިން ރޭ ވަކިވެ ވަޑައިގަތުމަށްފަހު ފިނިފެންމާ ހާދިސާއާއި ބެހޭގޮތުން ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ނޫސްވެެރިންގެ ބައްދަލުވުމުގައި މުއާޒް ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ.
އެގޮތުން އިދިކޮޅު ފަރާތްތަކުން އޭރު ރައީސް ޔާމީނާ ކުޅެލެވޭނީ އަދީބު ބަލިކޮށްލައިގެންކަން އެމީހުން ދެކުނު ކަމަށާއި ޒުވާނުންނާއި ޕީޕީއެމްގެ ގިނަ ފަރާތްތަކެއްގެ ލޯތްބާއިއެކު ނައިބު ރައީސްކަމަށް ވަޑައިގަތުމުން އިދިކޮޅުން އެންމެ ޖެހިލުންވި ފަރާތަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުކަމަށް މުއާޒް ވަނީ ސިފަކުރައްވާފައެވެ.
މީގެ އިތުރުން މުއާޒް ވަނީ ޕީޕީއެމްގެ އެތެރެއިންވެސް އަދީބަށް އޮތް ހަސަދަވެރިކަން ވަރަށް ގާތުން ފެނިވަޑައިގެންނެވިކަމަށް ވިދާޅުވެފައެވެ. އެގޮތުން ޕީޕީއެމްގެ އެތެރެއިން އަދީބްއާއި ވަނީ ވަރަށް ބޮޑަށް ޖައްސާލާފައި ކަމަށް މުއާޒް ވިދާޅުވިއެވެ.
މުޢާޒް މިފަދައިން ވާހަކަ ދައްކަވާފައިވާ އިރު ޕީޕީއެމްގެ ހަބަރުތައް ގެނެސްދޭ 13 ނިއުސް އިން ހާމަކުރާ ގޮތުގައި މުޢާޒް ވަނީ އަދީބް އާއި ބައްދަލުކުރައްވައި، ފަހުން ރައީސް ޔާމީންގެ ކިބައިން މައާފަށް އެދިވަޑައިގެންފައެވެ.
ރައީސް ޔާމީން އަދި މެޑަމް ފާތުންގެ އަރިހުގައި މަސައްކަތް ކުރެެއްވި މުޢާޒް ކުއްލިގޮތަކަށް ރައީސް ޔާމީންއާއި ދެކޮޅުވި ސަބަބެއް ރޭ ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ސާފުކޮށްދީފައެއްނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް