މެންޗެސްޓާ ސިޓީ އަޑިއަޅާލުމުގެ ފައިދާ ނަގާ ލިވަޕޫލް ތާވަލުގެ އެއްވަނައިގަ ހަމަޖެހިލައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ ނަގައި ލީގުގައި ނިއުކާސަލް ޔުނައިޓެޑް މައްޗަށް 4-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ލިވަޕޫލް ތާވަލުގެ އެއްވަނައިގަ ހަ ޕޮއިންޓްގެ ލީޑަކައިއެކު ހަމަޖެހިލައިފިއެވެ.
ލިވަޕޫލްގެ ފަރާތުން އާންމުކޮށްވެސް ފެންނަ ޑައިރެކްޓް އެޓޭކިން ގޭމެއް ފެނިގެން ދިޔަ މި މެޗުގައި އެޓީމުގެ ލަނޑުތައް ޖަހައިދީފައިވަނީ ލޮވްރެން، ސަލާހް، ޝަގީރީ، އަދި ފަބީނިއޯއެވެ.
މީގެ ހަފްތާއެއް ކުރިން ލިވަޕޫލް އަދި ސިޓީގެ ދެމެދުގައި އެއް ޕޮއިންޓުގެ ފަރަގު އޮތް ނަމަވެސް މި އަހަރު ލީގުގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުތައް ލިވަޕޫލް ނިންމާލާނީ އެއްވަނައިގަ އޮވެކަން މިހާރުވަނީ ކަށަވަރުވެފައެވެ. މި އަހަރު ލީގުގައި ކުޅޭ ފަހު މެޗުގައި ލިވަޕޫލް ނުކުންނާނީ އާސެނަލްއައި ދެކޮޅަށެވެ. އެ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ ހޮނިހިރު ދުވަހުގެ ރޭގަނޑު ރާއްޖެ ގަޑިން 10:30 ގައެވެ.
ސީޒަނުގެ މިހާ ހިސާބަށް އައިއިރު ލިވަޕޫލް ލީގު އެންމެ މެޗަކުންވެސް ބަލިވެފައެއް ނުވެއެވެ. މިއީ މިދޔަ ސީޒަނުގައި ސިޓީ ލީގު ތަށި ކާމިޔާބުކުރި އިރު އެޓީމްވެސް ދިޔަ މިސްރާބުކަން ފާހަގަ ކޮށްލެވެއެވެ.
ލިވަޕޫލްގެ ކޯޗުގެ ގޮތުގައި ހުރެ 100 މޮޅު ހަމަވި މި މެޗައި ބެހޭ ގޮތުން ވާހަކަ ދައްކަމުން ކްލޮޕް ބުނީ މެޗް ފެށިގެން ދިޔަ ގޮތް އޭނާއަށް ކަމުނުދާ ކަމުގައެވެ. އެކަން ނޫން ހުރިހާ ކަމެއް ދިޔައީ ވަރަށް ރަނގަޅަށް ކަމަށައި ލިވަޕޫލްއަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެން ދިޔަ ކަމުގައިވެސް އޭނާ ފާހަގަކޮށްފައިވެއެވެ.
ނިއުކާސަލްގެ ފޯމޭޝަން ރޫޅާލުންއެއީ އުނދަގޫ ކަމެއް ކަމަށައި އޭނާގެ ކުޅުންތެރިން މެޗު ތެރޭގައި ތިބެ މަސައްކަތް ކާމިޔާބުކޮށްފި ކަމުގައިވެސް ކްލޮޕް ބުނެފައިވެއެވެ.
ސިޓީ ކުޅުނު މެޗުން އެޓީމް ބަލިވީ ލެސްޓާ ސަޓީއައި ކުޅެ 2-1 ކުންނެވެ.
ބެނާޑޯ ސިލްވާ މެޗުގެ 14 ވަނަ މިނެޓުގައި ސިޓީއަށް މެޗުގެ ކުރި ހޯދަދިންއިރު އޭގެ ހަތަރު މިނެޓް ފަހުން ލެސްޓާވަނީ ނަތީޖާ އެއްވަރު ކޮށްފައެވެ. ލެސްޓާގެ މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އޯލްބްރައިޓޮންއެވެ.
ސިޓީ ގިނަ ވަގުތު ބޯޅަ ގެންގުޅުނު ނަމަވެސް އެޓީމަށް މާ އެދެވޭ ހަމަލާތަކެއް މި މެޗުގައި އުފެއްދިފައިނުވާކަން ފާހަގަކޮށްލެވެއެވެ. ލެސްޓާ މެޗުން މޮޅުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ 81 ވަނަ މިނެޓުގައި އެޓީމުގެ ފުލް ބެކް ރިކާޑޯ ޕެރެއިރާއެވެ.
މިއީ ޑިސެންބަރު 2016 ގެ ފަހުން ޖެހިޖެހިގެން ދެމެޗުން ސިޓީ ބަލިވި ފުރަތަމަ މެޗެވެ. މި މެޗުން ފާހަގަވެގެން ދިޔަ އަނެއް ކަމަކީ މިއީ ޕޯޗުގަލްއަށް ނިސްބަތްވާ އިދިކޮޅު ދެ ކުޅުންތެރިން (ބެނާޑޯ ސިލްވާ އަދި ރިކާޑޯ ޕެރެއިރާ) އެއްމެޗެއްގައި ޕްރިމިއާ ލީގުގައި ލަނޑުޖެހި ފުރަތަމަ މެޗުކަމެވެ.
މެޗައި ބެހޭގޮތުން ސިޓީގެ ކޯޗް ގާޑިއޯލާ ބުނީ މި މެޗުގައިވީ ކްރިސްޓަލް ޕެލަސް އަތުންވެސް އެޓީމް ބަލިވިއިރު ވީ ގޮތް ކަމަށެވެ. ރަނގަޅަށް ކުޅުން ފެށި ނަމަވެސް އިދިކޮޅު ޓީމުން އުފައްދާ ފުރަތަމަ ހަމަލާއިން ލަނޑެއް ވަންނައިރަށް ސިޓީ ކުޅުންތެރިންގެ ކޮންފިޑެންސް ދަށީ ކަމަށް ގާޑިއޯލާ ބުންޏެވެ.
ސިޓީ ބަލިވުމުގެ ފައިދާ ނެގި އަނެއް ޓީމަކީ ޓޮޓެންހަމްއެވެ. ޓޮޓެންހަމްވަނީ ބޯންމައުތް އަތުން 5-0 ގެ ބޮޑު ތަފާތަކުން މޮޅުވެ ސިޓީ ތިންވަނައަށް ވައްޓާލުމަށްފަހު ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް