ޑިޕްލޮމެޓިކް މިޝަންތަކުގެ އިމްތިޔާޒުތައް ކަނޑައަޅާ ބިލު މަޖިލީހުން ބަލައިގަނެފި
ރާއްޖޭގައި ހުންނަ ޑިޕްލޮމެޓިކް މިޝަންތަކާއި ކޮންސިއުލަރ ޕޯސްޓުތަކާއި ބައިނަލްއަގުވާމީ ޖަމްއިއްޔާތަކަށް ލިބޭ އިމްތިޔާޒުތައް ގާނޫނީ އޮނިގަނޑެއްގެ ދަށުން ކަނޑައަޅާ ބިލު، މިއަދު އިބްތިދާއީ ބަހުސް ނިންމާލުމަށްފަހު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެފިއެވެ.
ބިލު ބަލައިގަތުމުގެ ތާއީދުގައި ވޯޓު ދިނީ، ވޯޓަށް އެހުނުއިރު ބައިވެރިވި 43 މެމްބަރުންނެވެ. ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ދާއޫދު ހުށަހަޅުއްވާފައިވާ މި ބިލުގެ ފުރަތަމަ ކިޔުން އިއްވީ އިއްޔެއެވެ.
ދާއޫދު ވިދާޅުވި ގޮތުގައި، ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ ގުޅޭ ގޮތަށް، ޑިޕްލޮމެޓިކް މިޝަންތަކާއި ކޮންސިއުލަރ ޕޯސްޓުތަކާއި އދ. ގެ ސްޕެޝަލައިޒްޑް އެޖެންސީތަކާ ގުޅުން ހުރި ފަރާތްތަކަށް ރާއްޖޭގައި ލިބިގެންވާ އިމްތިޔާޒުތައް ބަޔާންކުރުމަށް މި ބިލު މުހިންމެވެ. އެ އިމްތިޔާޒުތަކުގެ ދާއިރާއާއި، އެ އިމްތިޔާޒުތައް ދެވޭނެ އުސޫލުތަކާއި އިޖުރާއަތުތައް ކަނޑައެޅުމަކީ ވެސް ބިލުގެ މަގްސަދެއް ކަމަށް ބަޔާންކޮށްފައިވެއެވެ.
ބިލުގައި ކޮންސިއުލަރ ގުޅުންތައް ހިންގުމާ ބެހޭ ތަފްސީލުތައް ހިމެނެއެވެ. ކޮންސިއުލަރ އޮފިސަރުން ނުވަތަ މުވައްޒަފުން ކުރާ މަސައްކަތާއި، އެމީހުންގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ބިލުން އެކަންކަން މާނަކުރާ ގޮތް ވެސް އޭގެ ތެރޭގައި ހިމެނެއެވެ.
ބަހުސްގައި ވާހަކަފުޅު ދެއްކެވި މެމްބަރުން ފާހަގަކުރެއްވީ، މިއީ ރާއްޖޭގެ ހާރިޖީ ތާރީހުގައި މުހިންމު ބިލެއް ކަމަށެވެ. މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު ވިދާޅުވީ، ބޭރުގެ ކޮންސިއުލޭޓްތަކަށް ވަކި ހަދެއްގެ ތެރޭގައި ރާއްޖޭގައި ހަރަކާތްތެރިވުމާއި، އިމްތިޔާޒުތައް އެކަށީގެންވާ ގޮތުގައި ފޯރުކޮށްދިނުމަށް މި ބިލުން މަގުފަހިވާނެ ކަމަށެވެ.
"މި ބިލުން ގާނޫނީ ބާރު ލިބިދެނީ ރާއްޖޭގެ މިނިވަންކަމަށް ބުރު ނާރާނެހެން." މުފީދު ވިދާޅުވިއެވެ.
ޕީއެންސީގެ އެހެން މެމްބަރުން ވެސް ވިދާޅުވީ، ރާއްޖޭގެ ހާރިޖީ ސިޔާސަތު ހަރުދަނާކުރުމަށް މި ބިލު މުހިންމު ކަމަށާއި، ރާއްޖޭގައި ހުންނަ މިޝަންތަކަށް ރާއްޖެއާ މެދު އޮންނަ އިތުބާރު މި ބިލުގެ ސަބަބުން އިތުރަށް ވަރުގަދަވާނެ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް